ހަނގުރާމަ ހުއްޓާލުމާ ބެހޭ ގޮތުން އެމެރިކާއާ މަޝްވަރާ ނުކުރާ ކަމަށް އީރާނުން ބުނަނީ އީރާންގެ ފަރާތުން އެކަމުގައި އުޅޭ މީހުންނާ ދެކޮޅަށް އެ ގައުމުގެ ތެރެއިން ބަޔަކު ނުކުމެ މަރާލަފާނެ ކަމުގެ ބިރު އޮތުމުން ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު ވިދާޅުވެއްޖެ އެވެ. 

މިދިޔަ މަހުގެ 28 ގައި އެމެރިކާ އާއި އިޒްރޭލުން އީރާނަށް ދޭން ފެށި ހަމަލާތަކާ އެކު ފެށިފައިވާ ހަނގުރާމަ ނިމުމަކަށް ގެންނަން އެމެރިކާއިން 15 ނުކުތާގެ ހުށަހެޅުމެއް ޕާކިސްތާން މެދުވެރިކޮށް އީރާނަށް ހުށަހަޅާފައިވާ ކަމަށް ވަނީ ބުނެފަ އެވެ. ނަމަވެސް މި ހުށަހެޅުމާ މެދު އީރާނުން މަޝްވަރާކުރާ ކަމަށް ބުނާ ވާހަކަ އަކީ ދޮގެއް ކަމަށް އީރާނުން ވަނީ ބުނެފަ އެވެ. އަދި އެމެރިކާގެ ޝަރުތުތަކުގެ ބަދަލުގައި އީރާނުން ފަސް ކަމެއް ކުރިމަތިކޮށްފައިވާ ކަމަށް އީރާންގެ ގައުމީ މީޑިއާއިން ބުނެފައިވެ އެވެ. 

ކޮންގްރެސްގެ ރިޕަބްލިކަން މެންބަރުންނަށް ދެއްވި ފަރިއްކޮޅެއްގައި ޓްރަމްޕް ވިދާޅުވީ، "އެމީހުން ދަނީ މަޝްވަރާ ކުރަމުން" ކަމަށެވެ.  އަދި "އެއްބަސްވުމަކަށް އަންނަން އެމީހުން ވަރަށް ބޮޑަށް ބޭނުންވެފައި" ތިބި ކަމަށް ވެސް ވިދާޅުވި އެވެ. 

އަނެއްކޮޅުން ވައިޓް ހައުސް އިން ބުނީ އެމެރިކާގެ ހުށަހެޅުން އީރާނުން ގަބޫލު ނުކޮށްފި ނަމަ އޮތީ ވަރުގަދަ ހަމަލާތައް ދިނުން ކަމަށް ބުނެ އިންޒާރު ދީފަ އެވެ. 

ބުދަ ދުވަހުގެ ރޭ ޓްރަމްޕް ވިދާޅުވީ އީރާނުން ސުލްހައިގެ ވާހަކަތައް ކުރިއަށްދާކަން ދޮގުކުރަނީ، އެ ގައުމުގެ މަންދޫބުން އެ މީހުންގެ ތެރެއިން މަރާލަފާނެތީ ބިރުން ކަމަށެވެ.

"އެ ވާހަކަ ބުނަން އެ މީހުން ބިރުގަންނަނީ. އެއީ އެމީހުންގެ މީހުން އެ މީހުން މަރާލަފާނެތީ. އަދި އަހަރެމެންގެ އަތުން މަރުވެދާނެތީ ވެސް އެ މީހުން ބިރުގަނޭ،" ޓްރަމްޕް ވިދާޅުވި އެވެ.

އީރާނުގެ ފޮރިން މިނިސްޓަރު އައްބާސް އަރަޣްޗީ، އެމެރިކާއާ އެކު މަޝްވަރާ ކުރަމުންދާ ކަމަށް ބުނާ ވާހަކަ ދޮގުކުރައްވަމުން ވިދާޅުވީ، "ރަހުމަތްތެރި ގައުމުތައް މެދުވެރިކޮށް މެސެޖު ބަދަލުކުރުމަކީ އެމެރިކާއާ އެކު މަޝްވަރާކުރުން ކަމަށް ނުބެލެވޭނެ" ކަމަށެވެ.

ދައުލަތުގެ ޓީވީގައި ވާހަކަ ދައްކަވަމުން އަރަޣްޗީ ވިދާޅުވީ މަޝްވަރާ ކުރުމުގެ އެއްވެސް ނިޔަތެއް ނެތް ކަމަށާއި އީރާނުން ބޭނުންވަނީ އީރާނުން ބޭނުންވާ ކަންކަން ހާސިލްވާ ގޮތަށް އަމިއްލަ ވިސްނުމުގައި މި ހަނގުރާމަ ނިމުމަކަށް ގެންނަން ކަމަށެވެ. 

އީރާނުގެ ސަރުކާރުން ކޮންޓްރޯލްކުރާ ޕްރެސް ޓީވީން، ނަން ހާމަނުކުރާ އޮފިޝަލަކާ ހަވާލާދީ ބުނި ގޮތުގައި، އީރާނުން ވަނީ އެމެރިކާގެ ހުށަހެޅުމަށް ނޫނެކޭ ބުނެފަ އެވެ. އަދި ހަނގުރާމަ ނިމޭނީ ހަމައެކަނި އީރާނުން ބޭނުންވާ ޝަރުތުތަކާ އެކު ކަމަށާއި، އޭގެ ތެރޭގައި ކުރިމަގުގައި އަލުން ހަމަލާ ނުދޭނެކަން ކަށަވަރުވާނެ ގޮތެއް ހެދުން ވެސް ހިމެނޭ ކަމަށް ބުންޏެވެ.