އީރާނުގެ ތެޔޮ އެކްސްޕޯޓްކުރުމަށް އެ ގައުމުން ހަބެއްގެ ގޮތުގައި ބޭނުންކުރާ ރަށް ކަމަށްވާ ޚަރްޖު ހިފައި އީރާނުގެ ތެޔޮ ނެގިދާނެ ކަމަށާއި އެއީ އުނދަގޫ ކަމެއް ނޫން ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު ވިދާޅުވެއްޖެ އެވެ. 

އީރާނާ ދެކޮޅަށް އެމެރިކާ އާއި އިޒްރޭލުން ދޭން ފެށި ހަމަލާތަކާ އެކު ފެށިފައިވާ ހަނގުރާމަ ފަސް ވަނަ ހަފްތާއަކަށް ގޮސްފައި ވަނިކޮށް  ފައިނޭންޝަލް ޓައިމްސްއަށް ދެއްވި އިންޓަވިއުއެއްގައި ޓްރަމްޕް ވިދާޅުވީ، އޭނާ އެންމެ ބޭނުންވަނީ "ތެޔޮ ހޯދަން" ކަމަށެވެ. އޭނާ ވަނީ މި އަހަރުގެ ކުރީކޮޅު ވެނެޒުއޭލާގެ ލީޑަރު ނިކޮލަސް މަދޫރޯ ހައްޔަރުކުރުމަށް ފަހު، އެ ގައުމުގެ ތެލުގެ ސިނާއަތް އެމެރިކާގެ ކޮންޓްރޯލްގެ ދަށަށް ގެންދިޔަ އަސްކަރީ އޮޕަރޭޝަނާ އީރާންގެ ހާލަތާ އަޅާކިޔުއްވައިފަ އެވެ.

ރޮއިޓާސް އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، ޓްރަމްޕްގެ ސަރުކާރުން ދަނީ ޚަރްޖަށް އެއްގަމު ސިފައިން ފޮނުވުމާ މެދު ވިސްނަމުންނެވެ. ނަމަވެސް މިއީ "ވަރަށް ނުރައްކާތެރި" އޮޕަރޭޝަނަކަށް ވެދާނެ ކަމުގެ އިންޒާރު ރޮއިޓާސް އަށް މި މައުލޫމާތު ދިން މީހުން ބުނެފައިވާ ކަމަށް ވެސް އެ ނިއުސް އެޖެންސީން ބުންޞެވެ. ސަބަބަކީ އީރާނުގެ މިސައިލާއި ޑްރޯން އެ ރަށާ ހަމައަށް ފަސޭހަކަމާ ފޯރާނެތީ އެވެ.

"އަޅުގަނޑު އެންމެ ކުރަން ބޭނުންވާ ކަމަކީ އީރާނުގެ ތެޔޮ ނެގުން. ނަމަވެސް އެމެރިކާގައި ތިބި ބައެއް މޮޔަ މީހުން ބުނަނީ 'ތިޔައީ ކީއްކުރަން ކުރާ ކަމެއް ހެއްޔޭ؟'. އެކަމަކު އެއީ މޮޔަ ބައެއް،" ފައިނޭންޝަލް ޓައިމްސްގެ އިންޓަވިއުގައި ޓްރަމްޕް ވިދާޅުވި އެވެ.

"ޚަރްޖު ހިފުމަކީ ވެސް އަދި ނުހިފުމަކީ ވެސް ވެދާނެ ކަމެއް. އަޅުގަނޑުމެންނަށް ވަރަށް ގިނަ ގޮތްތައް އެބަހުރި،" ޓްރަމްޕް ވިދާޅުވި އެވެ. "އޭގެ މާނައަކީ އަޅުގަނޑުމެން [ޚަރްޖުގައި] ދުވަސްކޮޅަކު ތިބެން ޖެހިދާނެއޭ."

ޓްރަމްޕް މިހެން ވާހަކަ ދައްކަވާފައި މި ވަނީ އެމެރިކާ-އިޒްރޭލު އަދި އީރާނުގެ ހަނގުރާމަ ފަސްވަނަ ހަފްތާއަކަށް ދިގުދެމިގެން ގޮސް، މުޅި ސަރަހައްދަށް ހަމަލާތައް ފެތުރި، ހަކަތަ އުފައްދާ ވަސީލަތްތަކަށް ނުރައްކާވެ، ސާފުނުކުރާ ތެލުގެ އަގު ވަރަށް ބޮޑަށް އުފުލިފައި ވަނިކޮށެވެ.

އޭޝިއާގެ ބާޒާރުތައް ހުޅުވުނުއިރު، ބައިނަލްއަގުވާމީ ބެންޗްމާކް ބްރެންޓް ކުރޫޑްގެ އަގު 2.92 ޕަސެންޓް މައްޗަށް ގޮސް ފީފާއެއް ހުރީ 115.86 ޑޮލަރަށެވެ. އަދި އެމެރިކާގެ ވެސްޓް ޓެކްސަސް އިންޓަމީޑިއަޓް (ޑަބްލިޔު.ޓީ.އައި) ގެ އަގު 3.20 ޕަސެންޓް މައްޗަށް ގޮސް ފީފާއެއް ހުރީ 102.80 ޑޮލަރަށެވެ.

ވޮޝިންޓަން ޕޯސްޓުން ހޮނިހިރު ދުވަހުގެ ރޭ ރިޕޯޓުކުރި ގޮތުގައި، އިތުރު އެތައް ހާސް އެމެރިކާ ސިފައިންނެއް މެދުއިރުމައްޗަށް ގެންދަނީ ޖަމާކުރަމުންނެވެ. ހުކުރު ދުވަހު އެކަނިވެސް 3,500 ސިފައިން ވަނީ އެ ސަރަހައްދަށް ގޮސްފަ އެވެ. މިއީ އީރާނުގައި ހަފުތާތަކަކަށް ދެމިގެންދާނެ އެއްގަމު ހަނގުރާމައަކަށް ތައްޔާރުވަމުން ކަމަށް ވަނީ ބެލެވިފަ އެވެ.