އިރާނާ ދެކޮޅަށް ކުރާ ހަނގުރާމަ ކާމިޔާބީއަކުން ނިންމާލުމާ ވަރަށް ގާތްވެއްޖެ ކަމަށާއި އެކަމަކު ކުރިއަށް އޮތް ދެތިން ހަފްތާގައި ވަރުގަދަ ހަމަލާތަކެއް ދޭނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު ވިދާޅުވެއްޖެ އެވެ.
އެމެރިކާއަށް ބުދަ ދުވަހުގެ ރޭ، ޕްރައިމް ޓައިމްގައި ގައުމާ މުހާތަބުކުރައްވަމުން ޓްރަމްޕު މިހެން ވިދާޅުވެފައި މި ވަނީ ހަނގުރާމައަށް މަހަކަށްވުރެ ގިނަ ދުވަސްވެ، ޓްރަމްޕުގެ މަގުބޫލުކަން ވަރަށް ބޮޑަށް ދަށަށް ގޮސްފައިވާ ކަމަށް ހިޔާލު ހޯދުމުގެ ވޯޓުތަކުން ދައްކަން ފަށާފައި ވަނިކޮށެވެ.
ވައިޓް ހައުސްގައި ދެއްވި ތަގުރީރުގައި މި ހަނގުރާމަ ނިމޭނެ ގޮތަކާ ބެހޭގޮތުން ޓްރަމްޕް އަލަށް ވާހަކައެއް ނުދައްކަވަ އެވެ. ނަމަވެސް، ކުރިއަށް އޮތް ދެ ހަފުތާ ނުވަތަ ތިން ހަފުތާއެއްގެ ތެރޭގައި އިރާނަށް "ވަރުގަދަ" ހަމަލާތަކެއް ދޭނެ ކަމަށް ވިދާޅުވި އެވެ.
"އަހަރެމެން މި މަސައްކަތް ނިންމާލާނަން، ވަރަށް އަވަހަށް ނިންމާލާނަން. އަހަރެމެން މިތިބީ ވަރަށް ގާތުގައި،" އޭނާގެ އާންމު ސޯޝަލް މީޑިއާ ޕޯސްޓުތަކާއި މީޑިއާ އިންޓަވިއުތަކުގައި ދައްކަވާ ވާހަކަތައް ތަކުރާރު ކުރައްވަމުން ޓްރަމްޕް ވިދާޅުވި އެވެ.
ހަނގުރާމައާ އެކު ތެލުގެ އަގު ބޮޑުވުމުގެ ތަކުލީފު އެމެރިކާގެ ރައްޔިތުން އުފުލަމުންދާއިރު ޓްރަމްޕްގެ މަގުބޫލުކަން އާދަޔާ ހިލާފަށް ވަނީ ދަށަށް ގޮސްފަ އެވެ. އެހެންވެ ޓްރަމްޕު ވަނީ ފެބްރުއަރީ 28 ގައި އިޒްރޭލާ އެކު ދޭން ފެށި ހަމަލާތަކުގައި ބައިވެރިވި ސަބަބާ ބެހޭގޮތުން ކުރިން ވެސް ދައްކާ އުޒުރުތައް ދައްކަވައިފަ އެވެ.
އެމެރިކާގެ ދިދަ ފަހަތުން ފެންނަ ގޮތަށް ހުންނަވައިގެން ޓްރަމްޕް މިއަދު ދެއްވީ، އާންމުކޮށް ކޮންމެ ރައީސަކު ވެސް ހަނގުރާމައެއްގެ ފެށުމުގައި ދެއްވާ ފަދަ ތަގުރީރެކެވެ. ނަމަވެސް، ފެބްރުއަރީ 28 ގައި ހަނގުރާމަ ފެށިކަން ޓްރަމްޕް އިއުލާނުކުރެއްވީ ބޭސްބޯލް ތޮފި އަޅައި، ޓައީއެއް ނާޅައި ހުރެ ވަރަށް ނުރަސްމީކޮށް ދެއްވި ތަގުރީރަކުންނެވެ.
ބުދަ ދުވަހުގެ ތަގުރީރުގައި ޓްރަމްޕް ވިދާޅުވީ، އެމެރިކާގެ އަމާޒަކީ އިރާނުގެ އަސްކަރިއްޔާ ފުނޑުފުނޑުކޮށްލުމާއި، ސަރަހައްދީ ހަތިޔާރު އެޅި ޖަމާއަތްތަކަށް އެ ގައުމުން ދޭ އެހީތެރިކަން ހުއްޓުވުމާއި، ނިއުކްލިއާ ބޮމެއް އުފެއްދުމުގެ ފުރުސަތު ނުދިނުން ކަމަށެވެ. ނަމަވެސް، އދ. ގެ ނިއުކްލިއާ ވޮޗްޑޮގާއި ގިނަ ތަޖުރިބާކާރުން ބުނާ ގޮތުގައި އިރާނުން ނިއުކްލިއާ ހަތިޔާރު އުފެއްދުމާ ގާތް ވެސް ނުވެ އެވެ.
"އަޅުގަނޑު އުފަލާ އެކު ދަންނަވަން، މި މައިގަނޑު ސްޓްރެޓީޖިކް އަމާޒުތައް ހާސިލުވުމާ ވަރަށް ގާތްވެއްޖެ،" ނަވާރަ މިނެޓުގެ ތަގުރީރުގައި ޓްރަމްޕް ވިދާޅުވި އެވެ.
ހަނގުރާމައިގެ ފުރަތަމަ ދުވަހު އިޒްރޭލުން ވަނީ އިރާނުގެ ރޫހީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީ އަވަހާރަކޮށްލައިފަ އެވެ. ޓްރަމްޕް ވަނީ އީރާންގެ "ލީޑަރުންގެ ތެރެއިން ގިނަ ބަޔަކު" މިހާރު އަވަހާރަކޮށްލާފައިވާ ކަމަށް ފަހުރުވެރިކަމާ އެކު ވިދާޅުވެފަ އެވެ.
އީރާނަށް ދޭން ފެށި ހަމަލާތަކުގެ ރައްދުގައި އެ ގައުމުން ވަނީ ދުނިޔޭގެ ތެލުގެ ފަސްބައިކުޅަ އެއްބައި ބޭރުކުރާ މަގު ކަމަށްވާ ހޮރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލް އަތުލައިފަ އެވެ. ހަނގުރާމައިގެ ކުރިން އެ ކަނޑުއޮޅި އޮތީ ހުޅުވާލައިފަ އެވެ.
މިކަމުގެ ސަބަބުން އެމެރިކާގައި ތެލުގެ އަގު ގެލަނަކަށް 4 ޑޮލަރަށްވުރެ މައްޗަށް އަރާފައިވާއިރު، މިއީ ފާއިތުވި އެތައް އަހަރުތަކެއްގެ ތެރޭގައި ތެލުގެ އަގު މިހާ މައްޗަށް ދިޔަ ފުރަތަމަ ފަހަރެވެ. މިކަމުގެ ސަބަބުން ކޮންސިއުމަރުންގެ އިތުބާރު ކުޑަވެ، އިގްތިސާދީ ގޮތުން ޓްރަމްޕަށް އޮތް ތާއީދު ވަނީ އިތުރަށް ދަށްވެފަ އެވެ.
ޓްރަމްޕުގެ ތަގުރީރަށް ފަހު ވަނީ ތެލުގެ އަގު އަނެއްކާވެސް މައްޗަށް ގޮސް، ހިއްސާގެ ބާޒާރުގެ އަގުތައް ވެއްޓިފަ އެވެ. އެއީ ޓްރަމްޕްގެ ތަގުރީރުގައި، ހަނގުރާމަ އަވަހަށް ނިންމާލާނެ ކަމުގެ އުންމީދެއް ނުދެއްވުމުންނެވެ.
"އެ ތަގުރީރު ބެލި އެއްވެސް މީހަކަށް، ޓްރަމްޕް އިރާނު ހަނގުރާމަ ވަރުގަދަ ކުރަނީ ކަމެއް ނުވަތަ މަޑުޖައްސާލަނީ ކަމެއް ނޭނގޭނެ،" ޑިމޮކްރެޓިކް ސެނެޓަރު ކްރިސް މާފީ ވިދާޅުވި އެވެ.
"އެކަމަކު ހަގީގަތަށް ބުނާ ނަމަ، އޭނާއަށް ވެސް އެކަމެއް ނޭނގޭ،" މާފީ 'އެކްސް' ގައި ލިޔުއްވާފައިވެ އެވެ.
"ސްޓޯން އޭޖް" އަށް އީރާން ގެންދާނެ ކަމުގެ އިންޒާރު
ޓްރަމްޕް މިއަދު ވެސް ވަނީ އީރާނުން އޭނާއާ އެކު ސުލްހައިގެ އެއްބަސްވުމަކަށް ނައިސްފި ނަމަ، އީރާންގެ ހުރިހާ އިންޖީނުގެތަކެއް ގޮއްވާލާނެ ކަމުގެ އިންޒާރު ދެއްވައިފަ އެވެ.
މަދަނީ ހަކަތަ އުފައްދާ ތަންތަނަށް ހަމަލާދިނުމަކީ ހަނގުރާމައިގެ ގާނޫނުތަކުގެ ދަށުން މަނާކަމެއްގެ ގޮތުގައި ބެލެވޭއިރު، އެއީ ހަނގުރާމައިގެ ޖަރީމާއަކަށް ވުމުގެ ފުރުސަތު އޮވެ އެވެ.
"ކުރިއަށް އޮތް ދެތިން ހަފުތާގެ ތެރޭގައި، އަހަރެމެން އެމީހުން އަނބުރާ 'ސްޓޯން އޭޖް' އަށް ފޮނުވާލާނަން، އެއީ އެ މީހުންނަށް ހައްގު މިންވަރު،" ޓްރަމްޕް ވިދާޅުވި އެވެ.
އޭނާގެ ތަގުރީރުގައި ހަގީގީ ޑިޕްލޮމަސީއާ ބެހޭގޮތުން ދެއްކެވީ ވަރަށް މަދު ވާހަކައެކެވެ.
އަންގާރަ ދުވަހު ޓްރަމްޕް ވަނީ އިރާނުގެ ރައީސް މަސްއޫދު ޕެޒެޝްކިއަން، ހަނގުރާމަ ހުއްޓާލުމަށް އެދިވަޑައިގެންފި ކަމަށް ވެސް ވިދާޅުވެފަ އެވެ. ޕެޒެޝްކިއަން އަކީ އަސްކަރިއްޔާ އާއި ރޫހީ ލީޑަރުންގެ ދަށުގައި ހުންނެވި މެދުމިނުގެ ބޭފުޅެއްގެ ގޮތުގައި އޮންނަނީ ބެލެވިފަ އެވެ.
ނަމަވެސް އިރާނުގެ ފޮރިން މިނިސްޓްރީން ވަނީ ޓްރަމްޕުގެ މި ވާހަކަ ވަގުތުން ދޮގުކޮށްފަ އެވެ. އަދި ވޮޝިންޓަނުން ކުރިމަތިކުރަނީ "ބުއްދިއަށް ގަބޫލު ނުކުރެވޭ އަދި އިންސާފެއް ނެތް" ޑިމާންޑްތަކެއް ކަމަށް ތުހުމަތުކުރި އެވެ.
އެމެރިކާގެ އަސްކަރީ ބާރުވެރިކަމާ ބެހޭގޮތުން ފަހުރުވެރިވަމުން، 79 އަހަރުގެ ކުރީގެ ރިއަލް އެސްޓޭޓް ވިޔަފާވެރިޔާ އޭނާގެ އެންމެ މަގުބޫލު މިސާލު ބޭނުންކުރެއްވި އެވެ.
"ހުރިހާ ކާޑެއް [ބާރެއް] އޮތީ އަހަރެމެންގެ އަތުގައި. އެ މީހުންގެ އަތުގައި އެއްވެސް އެއްޗެއް ނެތް."
ގަލްފުގެ އަރަބި ގައުމުތަކަށް އޯގާތެރި ބަސްތަކެއް ރައްދުކުރައްވަމުން ޓްރަމްޕް ވިދާޅުވީ، އެ ގައުމުތަކަށް "ގެއްލުމެއް ލިބުނަ ނުދޭނެ" ކަމަށެވެ. ނަމަވެސް، އީރާނުގެ ބަދަލުހިފުމުގެ ހަމަލާތަކުގައި އެ ގައުމުތަކަށް މިހާރުވެސް ބޮޑެތި ގެއްލުންތަކެއް ލިބި، އެ ސަރަހައްދުގެ ހަމަޖެހުމަށް ވަނީ ބުރޫ އަރައިފަ އެވެ.
އިރާނު ހަނގުރާމައަށް ތާއީދު ނުކުރާ ޔޫރަޕްގެ ގައުމުތަކަށް ޓްރަމްޕުގެ ފާޑުކިޔުން ތަކުރާރު ވެސް ކުރެއްވި އެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި، ޔޫރަޕަކީ ގަލްފުގެ ތެލަށް ބޮޑަށް ބަރޯސާވާ ބައެކެވެ.
"ހޮރްމޫޒް ކަނޑުއޮޅިން ތެޔޮ ހޯދާ ގައުމުތަކުން އެ މަގު ބެލެހެއްޓުމުގެ ޒިންމާ ނަގަންޖެހޭނެ،" ޓްރަމްޕް ވިދާޅުވި އެވެ. -- އޭއެފްޕީ