ހޮރްމޫޒް ކަނޑުއޮޅީގެ އިތުރުން ކަނޑުގެ އެހެން މުހިންމު ސަރަހައްދުތަކަށް ވެސް ހަމަލާ ދޭނެ ކަމުގެ އިންޒާރު އެ ގައުމުގެ ސްޕްރީމް ލީޑަރު މުޖުތަބާ ޚާމަނާއީގެ އިސް މުޝީރަކު ދެއްވައިފި އެވެ.

އަލީ އަކްބަރު ވެލާޔަތީ އަކީ އިރާނުގެ ސްޕްރީމް ލީޑަރަށް ލަފާ އަރުވާ މަޖިލީހުގެ އިސް މެންބަރެކެވެ. އޭނާ ވިދާޅުވީ، އިޒްރޭލް އާއި އެމެރިކާއިން އަޅާ ކޮންމެ ނުބައި ފިޔަވަޅެއްގެ ސަބަބުން ދުނިޔޭގެ ހަކަތައިގެ ބާޒާރަށާއި ބައިނަލްއަގުވާމީ ވިޔަފާރި އަށް ބޮޑެތި ހުރަސްތަކެއް ކުރިމަތިވާނެ ކަމަށެވެ.

ވެލާޔަތީ، މި އިންޒާރު ދީފައިވަނީ މާދަމާގެ ނިޔަލަށް ހޮރްމޫޒް ކަނޑުއޮޅި ފުރިހަމައަށް ނުހުޅުވައިފިނަމަ އިރާން އަށް ބިރުވެރި ހަލާކެއް ކުރިމަތި ކުރުވާނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިންޒާރު ދެއްވާފައި ވަނިކޮށެވެ.

އެމެރިކާ އާއި އިޒްރޭލުން އިސްވެ އިރާނާ ދެކޮޅަށް ފަށާފައިވާ ހަނގުރާމަ އިތުރަށް ވަރުގަދަ ކޮށްފިނަމަ ހޮރްމޫޒްގެ އިތުރުން ބާބުލް މަންދަބު ކަނޑުއޮޅިއަކީ ވެސް މުހިންމު ސަރަހައްދެއް ކަމަށެވެ. އެމެރިކާ އާއި އިޒްރޭލުން ހަނގުރާމަ އިތުރަށް ވަރުގަދަ ކުރާނަމަ އެ ކަނޑުއޮޅި އަށް ވެސް ހަމަލާ ދޭނެ ކަމަށް ވިދާޅުވި އެވެ.

ވެލާޔަތީ ވިދާޅުވީ އިރާނުގެ ތާރީހުގައި އެމެރިކާ އަށް ބައެއް ފިލާވަޅުތައް މީގެ ކުރިން ވެސް ނަގައިދީފައި ވާނެ ކަމަށެވެ.

"(ނަމަވެސް އިރާނަށް އޮތް) ޖިއޮގްރަފީ ބާރުގެ (އިރާނު އޮތް ސަރަހައްދުގެ ގޮތުން ލިބިފައިވާ) ނުފޫޒު އަދިވެސް އެމެރިކާ އަށް ފަހުމެއް ނުވޭ،" އިރާނުގެ ދައުލަތުގެ މީޑިއާ، ޕްރެސް ޓީވީގައި ވާހަކަދައްކަވަމުން  އޭނާ ވިދާޅުވި އެވެ. 

ޔަމަނުގެ އައްސޭރިފަށުގައި އޮންނަ ބާބުލް މަންދަބަކީ ރަތް ކަނޑާއި އަދަން ގަލްފް ނުވަތަ ގަލްފް އޮފް އަދަން ގުޅުވައިދޭ ހަނި ކަނޑުއޮޅިއެކެވެ. މިއީ އެފްރިކާ ބައްރުގައި އޮތް ޖިބޫތީ އާއި އެރިޓްރިއާ، އަދި ޔަމަނާ ދެމެދުގައި އޮންނަ ތަނެކެވެ.

ދެކުނު އޭޝިއާ އާއި މެދުއިރުމަތީގެ ގައުމުތަކުން ޔޫރަޕަށް ދަތުރުކުރާ އުޅަނދުފަހަރު ސުއޭޒް ކެނަލަށް ވަނުމަށްޓަކައި ކޮންމެހެންވެސް ބާބުލް މަންދަބު ހުރަސްކުރަން ޖެހެ އެވެ.

ޔަމަނުގައި އަސްކަރީ ގޮތުން އޮތް އެންމެ ބޮޑު ބާރަކީ، އިރާން ގެ މަދަދު ލިބޭ ހޫތީންގެ ސަރުކާރެވެ. ހޫތީން ވެސް ވަނީ، އިރާން އާ އެކު ތިބިކަން ހާމަކުރުމުގެ ގޮތުން އެ ކަނޑުއޮޅިއަށް ހަމަލާ ދޭން ތައްޔާރަށް ތިބި ކަމަށް މީގެ ކުރިން އިންޒާރު ދީފަ އެވެ.