ޕާކިސްތާނުގައި އީރާނާ އެކު ކުރި މަޝްވަރާތަކުން އެއްބަސްވުމަކަށް ނާދެވުނު ކަމަށާއި، އޭނާ އެނބުރި ވަޑައިގަންނަވަނީ "އެންމެ ފަހުގެ އަދި އެންމެ ރަނގަޅު ހުށަހެޅުން" ހުށަހެޅުމަށްފަހު ކަމަށް އެމެރިކާގެ ނައިބު ރައީސް ޖޭޑީ ވެންސް މިއަދު ވިދާޅުވެއްޖެ އެވެ.
ވެންސް އިޝާރާތް ކުރެއްވި ގޮތުގައި، އެމެރިކާއިން ހުށަހެޅި މި ހުށަހެޅުމާ މެދު ވިސްނުމަށް އީރާނަށް އަދިވެސް ވަގުތު އެބައޮތެވެ. އެމެރިކާއިން މިދިޔަ އަންގާރަ ދުވަހު ވަނީ މަޝްވަރާތައް ކުރިއަށްދާ މުއްދަތުގައި، އިޒްރޭލާ ގުޅިގެން ދޭ ހަމަލާތައް ދެ ހަފުތާއަށް މެދުކަނޑާލާނެ ކަމަށް ބުނެފަ އެވެ.
"އަޅުގަނޑުމެން މިތަނުން މިދަނީ ވަރަށް އާދައިގެ ހުށަހެޅުމަކާ އެކު. މިއީ އަޅުގަނޑުމެންގެ އެންމެ ފަހުގެ އަދި އެންމެ ރަނގަޅު ހުށަހެޅުން. އީރާނުން މިކަން ގަބޫލުކުރޭތޯ އަޅުގަނޑުމެން ބަލާނަން،" ޕާކިސްތާނުގެ ވެރިރަށް އިސްލާމްއާބާދުގައި 21 ގަޑިއިރަށް ދެމިގެންދިޔަ މަޝްވަރާތަކަށްފަހު ނޫސްވެރިންނާ ބައްދަލުކުރައްވައި ވެންސް ވިދާޅުވި އެވެ.
ވެންސް ވިދާޅުވި ގޮތުގައި މައިގަނޑު މައްސަލައަކީ ނިއުކްލިއާ ހަތިޔާރެވެ. އީރާނުން ބުނަމުންދަނީ އެ ގައުމުން ނިއުކްލިއާ ބޮމެއް އުފައްދަން މަސައްކަތް ނުކުރާ ކަމަށެވެ. ނަމަވެސް، މިދިޔަ ފެބްރުއަރީ 28 ގައި ފެށި ހަނގުރާމައިގަ އާއި މިދިޔަ އަހަރު ވެސް އެމެރިކާ އާއި އިޒްރޭލުން ވަނީ އީރާނުގެ ނިއުކްލިއާ މަސައްކަތްތަކާ ގުޅުންހުރި މުހިންމު ތަންތަނަށް ބޮން އަޅައިފަ އެވެ.
"ހަގީގަތަކީ، އެމީހުން ނިއުކްލިއާ ހަތިޔާރެއް ނުއުފައްދާނެ ކަމާއި، އަދި އެފަދަ ހަތިޔާރެއް އަވަހަށް އުފެއްދުމަށް މަގުފަހިވާނެ ވަސީލަތްތައް ނުހޯދާނެ ކަމުގެ ސާފު ޔަގީންކަމެއް އަޅުގަނޑުމެން ބޭނުންވޭ،" ވެންސް ވިދާޅުވި އެވެ.
"އޮތް ސުވާލަކީ، އީރާނުން ނިއުކްލިއާ ހަތިޔާރު އުފެއްދުން ހުއްޓާލުމަށް – ހަމައެކަނި މިހާރަކަށް ނޫން، ނުވަތަ މިއަދުން ފެށިގެން ދެ އަހަރު ދުވަހަކަށް ނޫން، ނަމަވެސް ދިގު މުއްދަތަކަށް – އެމީހުންގެ ކިބައިގައި އަސްލު ނިޔަތް އެބަ އޮތްތޯ؟"
"އަޅުގަނޑުމެންނަށް އަދި އެފަދަ މަންޒަރެއް ނުފެނޭ. އެކަމަކު އެފަދަ ކަމެއް ފެންނާނެ ކަމަށް އުއްމީދު ކުރަން."
އެމެރިކާގެ ޑިމާންޑުތައް އިންސާފުން ބޭރު: އީރާން
އެމެރިގެ ނައިބު ރައީސް މީޑިއާއާ ބައްދަލުކުރެއްވުމުގެ ކުރިން އީރާނުގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު އިސްމާއީލް ބަގާއީ ވަނީ މަޝްވަރާތައް ކާމިޔާބުވުން ބިނާވާނީ އެމެރިކާއިން އިންސާފުން ބޭރުން އަދި ޣައިރު ގާނޫނީ ހުށަހެޅުންތައް ދޫކޮށްލުމުގެ މައްޗަށް ކަމަށް ވިދާޅުވެފަ އެވެ.
"މި ޑިޕްލޮމެޓިކް މަރުހަލާގެ ކާމިޔާބީ ބިނާވެފައިވަނީ އަނެއް ފަރާތުގެ ސީރިއަސްކަމާއި އިހްލާސްތެރިކަމުގެ މައްޗަށް. އަދި އިންސާފުން ބޭރު އަމުރުތަކާއި ޣައިރު ގާނޫނީ ޑިމާންޑުތަކުން ދުރުހެލިވެ، އީރާނުގެ ގާނޫނީ ހައްގުތަކާއި މަސްލަހަތުތައް ގަބޫލުކުރުމުގެ މައްޗަށް،" އިސްމާއީލް ބަގާއީ އެކްސްގައި ލިޔުއްވާފައިވެ އެވެ.
ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި މަޝްވަރާތަކުގެ މައިގަނޑު މައްސަލަތަކުގެ އެކި ދާއިރާތަކާ ގުޅޭގޮތުން ވާހަކަދެކެވުނު ކަމަށާއި އޭގެ ތެރޭގައި ހޮރްމޫޒް ކަނޑުއޮޅި އާއި ނިއުކްލިއާ މައްސަލަ އާއި ހަނގުރާމައިގެ ބަދަލު ހޯދުމާއި، ދަތިކުރުމުގެ ފިޔަވަޅުތައް އުވާލުމުގެ އިތުރުން، އީރާނާއި މި ސަރަހައްދުގައި ކުރަމުންދާ ހަނގުރާމަ މުޅިން ހުއްޓާލުން ހިމެނޭ ކަމަށް ބަގާއީ ލިޔުއްވާފައިވެ އެވެ.
އޭނާ ވިދާޅުވީ، އީރާނުގެ ގައުމީ މަސްލަހަތު ހިމާޔަތްކުރުމަށާއި ގައުމުގެ ފައިދާއަށްޓަކައި، ޑިޕްލޮމަސީ ހިމެނޭހެން ހުރިހާ ވަސީލަތްތަކެއް ބޭނުންކުރުމަށް އީރާނުން "އަޒުމް ކަނޑައަޅާފައިވާ" ކަމަށެވެ.