އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕުގެ ސިޔާސަތުތަކަށް ފާޑުކިޔާ ކޮންމެ މީހަކަށް އެއްވެސް އިހުތިރާމެއް ނުކޮށް ރައްދު ދެމުން ގޮސް އެންމެ ފަހުން، އީސާއީ ދީނުގެ އިސް ފާދިރީ ޕޯޕް ލިއޯއާ ވެސް ކުރިމަތިލުމަކަށް ހިނގައްޖެ އެވެ.
ޓްރަމްޕް، އީރާނުގެ މައްސަލާގައި ގެންގުޅޭ ސިޔާސަތަށް ޕޯޕް ފާޑުކިޔައި ސުލްހައިގެ މަގު އިހުތިޔާރުކުރުމަށް ގޮވާލުމާ އެކު ޓްރަމްޕް އޭނާގެ "ޓްރޫތު ސޯޝަލް" ގައި ކުރި ޕޯސްޓެއްގައި ވަނީ ޕޯޕަކީ "ކުށްވެރިންނަށް ލުއިކޮށް ހިތާ" މީހެއް ކަމަށާއި ފޮރިން ޕޮލިސީގައި ވެސް ވަރަށް ދޯދިޔާ ލީޑަރެއް ކަމަށް ބުނެފަ އެވެ.
ޓްރަމްޕް ވަނީ ޕޯޕް ލިއޯ އެ މަގާމަށް ހޮވުނީ އޭނާ އަކީ އެމެރިކާ މީހަކަށް ވާތީ، ޓްރަމްޕާ މުއާމަލާތް ކުރަން ފަސޭހަވާނެ ކަމަށް ބަލައިގެން ކަމަށް ވެސް ބުނެފަ އެވެ. އަދި އޭނާ ވައިޓް ހައުސްގައި ނެތް ނަމަ ލިއޯ ވެޓިކަންގެ އެންމެ މަތީ މަގާމުގައި ނުހުންނާނެ ކަމަށް ވެސް ބުންޏެވެ.
މި ވާހަކަތަކާ ގުޅިގެން ޓްރަމްޕަށް އެކި ފަރާތްތަކުން ފާޑުކިޔުން އަމާޒުވެފައި ވަނިކޮށް ނޫސްވެރިންގެ ބައްދަލުވުމެއްގައި ޓްރަމްޕް ފަހުން ބުނީ ޕޯޕް ކުރަނީ ރަނގަޅު މަސައްކަތެއް ކަމަށް ގަބޫލު ނުކުރެވޭ ކަމަށް ވެސް ބުނެފަ އެވެ. ޕޯޕަކީ "ލިބަރަލް" އަދި ނިއުކްލިއާ ހަތިޔާރު އުފައްދަން އުޅޭ ގައުމުތަކާ މެދު ހަރުކަށި ފިޔަވަޅު އަޅަން ބޭނުން ނުވާ މީހެއް ކަމަށް ވެސް ވަނީ ބުނެފަ އެވެ.
މި ހަމަލާތަކަށް ރައްދު ދީ ޕޯޕް ލިއޯ ބުނީ އޭނާ އަކީ ސިޔާސީ މީހެއްގެ ދައުރު އަދާކުރަންޖެހޭ މީހެއް ނޫން ކަމަށާއި ޓްރަމްޕާ ބަހުސްކުރަން ބޭނުން ނުވާ ކަމަށެވެ. އެކަމަކު ސުލްހައިގެ މެސެޖު ފެތުރުން ހުއްޓާނުލާނެ ކަމަށް ބުންޏެވެ. ޓްރަމްޕްގެ ސަރުކާރު ދެކެ ބިރު ނުގަންނަ ކަމަށާއި ދީނީ ކަންކަން ފެތުރުމުގައި ދެމިހުންނާނެ ކަމަށް ވެސް ބުންޏެވެ. މިއަދުގެ ދުނިޔޭގައި އެތައް ބަޔަކު އަނިޔާ ލިބެމުންދާއިރު، ކޮންމެވެސް މީހަކު ތެދުވެ ހަނގުރާމައަށްވުރެ ރަނގަޅު ގޮތެއް އޮތްކަން ބުނެދޭން ޖެހޭނެ ކަމަށް ޕޯޕް ބުންޏެވެ.
ޕޯޕް ލިއޯ މީގެ ކުރިން ވެސް ޓްރަމްޕްގެ ހަރުކަށި ސިޔާސަތުތަކަށް ފާޑު ކިޔާފައިވެ އެވެ. ވަކިން ހާއްސަކޮށް، އީރާނުގެ މުޅި ހަޟާރާތް ނައްތާލާނެ ކަމަށް ޓްރަމްޕް ދިން އިންޒާރަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ޕޯޕް ބުނެފައިވެ އެވެ. އަދި ޓްރަމްޕްގެ އިމިގްރޭޝަން ސިޔާސަތަށް އިޝާރާތްކޮށް، ހިޖުރަވެރިންނާ މެދު އިންސާނިއްޔަތާ ހިލާފަށް އަމަލުކުރާ މީހަކަށް، އިންސާނީ ދިރިއުޅުމުގެ ހައްގަށް ވަކާލާތުކުރާ "ޕްރޯ-ލައިފް" މީހަކަށް ނުވެވޭނެ ކަމަށް ވެސް ޕޯޕް ބުންޏެވެ.
މި ކޯޅުގެ ތެރޭގައި އީރާންގެ ރައީސް މަސްއޫދު ޕެޒެޝްކިއަން ވަނީ ޕޯޕަށް ތާއީދުކޮށް ބަޔާނެއް ނެރުއްވައިފަ އެވެ.
ޓްރަމްޕު ޕޯޕާ ދިމާކޮށްލުމުން ދުނިޔޭގެ އެކި ކަންކޮޅުތަކުގެ ކެތޮލިކުން ގެންދަނީ ޓްރަމްޕްގެ ބަހުގެ ހަމަލާތައް ކުށްވެރިކުރަމުންނެވެ. އެކަމަކު ޓްރަމްޕު ވަނީ އޭނާ ދެއްކި ވާހަކައަށް މާފަށް ނޭދޭނެ ކަމަށް ބުނެފަ އެވެ.