މެދުއިރުމަތީގެ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމުގައި، އީރާނުން ޔުރޭނިއަމް މުއްސަނދިކުރުމުގެ ޕްރޮގްރާމް 20 އަހަރަށް މެދުކަނޑާލުން ހިމެނުމަށް އެމެރިކާއިން ހުށަހަޅާފައިވާ ކަމަށް ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފި އެވެ.
މިއީ މިދިޔަ ހަފްތާގައި އެމެރިކާ އާއި އީރާނުން ޕާކިސްތާނުގައި ބޭއްވި މަޝްވަރާތަކުން އެއްބަސްވުމަކަށް ނާދެވި ނިންމާލަން ޖެހުނު ސަބަބުތަކާ ބެހޭ ގޮތުން މީޑިއާތަކުން ކުރި ރިޕޯޓްތަކެއްގައި ހާމަވި ކަމެކެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިޒްރޭލާ ގުޅިގެން ފެބްރުއަރީ 28 ގައި އީރާނަށް ހަމަލާދޭން ފަށައި ހަނގުރާމަ ފެށީ އީރާނުން ނިއުކްލިއާ ބޮމެއް އުފެއްދުމާ ގާތްވެފައިވާ ކަމަށް ތުހުމަތުކުރަމުންނެވެ. ނަމަވެސް އީރާނުން އެކަން ދޮގުކުރެ އެވެ. އަދި ޓްރަމްޕް ވަނީ އީރާނަށް ނިއުކްލިއާ ހަތިޔާރެއް ހޯދުމުގެ ފުރުސަތު ދުވަހަކުވެސް ނުދެއްވާނެ ކަމަށް ވިދާޅުވެފަ އެވެ.
އީރާނާ އެކު ކުރި މަޝްވަރާތަކުގައި އެމެރިކާގެ ފަރާތުން އިސްކޮށް ހުންނެވި ނައިބު ރައީސް ޖޭ.ޑީ ވެންސް އެނބުރި ގައުމަށް ވަޑައިގަތީ ހުސްއަތާ އެވެ. އެއްބަސްވުމަކަށް ނާދެވު މައިގަނޑު ސަބަބެއް ކަމަށް ބުނެފައިވަނީ ހޮރްމޫޒް ކަނޑއޮޅި ހުޅުވާލުމާއި އީރާނުގެ ނިއުކްލިއާ ޕްރޮގްރާމް ހުއްޓާލުމަށް އީރާނުން ދެކޮޅުހެދުމެވެ.
ހޮނިހިރު ދުވަހު އިސްލާމްއާބާދުގައި ބޭއްވި މަޝްވަރާތަކާ ބެހޭ މައުލޫމާތު އެނގޭ މީހުންނާ ހަވާލާދީ މީޑިއާތަކުން ބުނާ ގޮތުގައި، ޔުރޭނިއަމް މުއްސަނދިކުރުން 20 އަހަރު ވަންދެން މެދުކަނޑާލައިގެން ތިބެން އެމެރިކާއިން އީރާނުގެ ކިބައިން އެދުނެވެ.
ވޯލް ސްޓްރީޓް ޖާނަލްއިން ރިޕޯޓްކޮށްފައިވާ ގޮތުގައި، މި 20 އަހަރުގެ މެދުކަނޑާލުމާ އެކު އީރާނާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކަށް ލުއިދިނުމަށް އެމެރިކާއިން ހުށަހެޅި އެވެ.
އީރާނުން އޭގެ ބަދަލުގައި ހުށަހެޅީ އެ ގައުމުގެ ނިއުކްލިއާ މަސައްކަތްތައް ފަސް އަހަރަށް މެދުކަނޑާލުމަށް ކަމަށް "ނިއު ޔޯކް ޓައިމްސް" އިން ރިޕޯޓްކޮށްފައިވެ އެވެ.
މި ހުށަހެޅުންތަކަކީ އީރާނުން ނިއުކްލިއާ އުންމީދުތައް ދާއިމީކޮށް ދޫކޮށްލުމަށް ކުރިން ޓްރަމްޕް ކުރައްވަމުން ގެންދެވި ޑިމާންޑްތަކަށް ވުރެ ލުއި ހުށަހެޅުންތަކެކެވެ.
އީރާނުން ނިއުކްލިއާ ބޮމެއް ނުހަދާނެ ކަމުގެ ޔަގީންކަން ދިނުމުން، ދަތިކުރުމުގެ ފިޔަވަޅުތައް އުވާލުމަށް އެމެރިކާގެ ކުރީގެ ސަރުކާރުން ވެފައިވާ އެއްބަސްވުމަކީ "އެއްކޮޅަށް ޖެހިފައިވާ" އެއްބަސްވުމެއް ކަމަށް ވިދާޅުވެ ޓްރަމްޕް 2018 ވަނަ އަހަރު ވަނީ އެ އެއްބަސްވުން އުވާ ވެސް ލައިފަ އެވެ.
ވެންސް ވިދާޅުވީ އެމެރިކާއިން ގަބޫލުކުރާނެ ރަތް ރޮނގުތައް އީރާނަށް ސާފުކޮށްދީފައިވާނެ ކަމަށާއި، މިހާރު ކަންކަން ނިންމުން އޮތީ އީރާނުގެ އަތްމަތީގައި ކަމަށެވެ.
"ދެ ކަމެއްގައި، އެމެރިކާގެ ރައީސް ވަނީ އެއްވެސް ދޫދިނުމެއް ނޯންނާނެ ކަމަށް ސީދާ ވިދާޅުވެފައި،" ހޯމަ ދުވަހު ވެންސް ވިދާޅުވި އެވެ.
"އީރާނުން ނިއުކްލިއާ ހަތިޔާރު ނުހަދާނެ ކަމަށް ބުނުމަކީ އެއް ކަންތައް. އެކަން އެގޮތަށް ނުވާނެކަން ކަށަވަރުކުރާނެ ނިޒާމެއް ގާއިމުކުރުމަކީ މުޅިން ތަފާތު ކަމެއް،" އޭނާ ވިދާޅުވި އެވެ.
އީރާނުން ކުރިން ވެސް ބުނަމުން އައީ ޔުރޭނިއަމް މުއްސަނދިކުރުމުގެ ހައްގަކީ އެ ގައުމަށް އޮންނަންޖެހޭނެ ހައްގެއް ކަމަށާއި، އެއީ މަދަނީ ބޭނުންތަކަށް ކުރާ މަސައްކަތެއް ކަމަށެވެ.
ހޯމަ ދުވަހު އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވަނީ، އީރާނުގައި ހުރި 60 ޕަސެންޓަށް މުއްސަނދިކޮށްފައިވާ ހުރިހާ ޔުރޭނިއަމެއް އެ ގައުމުން ބޭރުކުރުމަކީ ޓްރަމްޕްގެ މައިގަނޑު ޝަރުތެއް ކަމަށް ވެންސް އޭނާ ގާތު ވިދާޅުވި ކަމަށް ބުނެފަ އެވެ.
އެމެރިކާގެ ވަފުދުން ބޭނުންވަނީ "ކުރިއަށް އޮތް އަހަރުތަކުގައި، ނުވަތަ އެތައް އަހަރެއް ވަންދެން، އީރާނުގެ އެތެރޭގައި އެއްވެސް ވަރަކަށް ޔުރޭނިއަމް މުއްސަނދި ނުކުރާނެކަން" ކަށަވަރުކުރުމަށް ކަމަށް ނަތަންޔާހޫ ބުންޏެވެ.
ރަޝިޔާއިން އިއްޔެ ވަނީ، އީރާނުގެ މުއްސަނދިކޮށްފައިވާ ޔުރޭނިއަމް ރަޝިޔާގައު ރައްކާތެރިކަމާ އެކު ބަހައްޓައިދޭން ކުރިން ވެސް ހުށަހަޅާފައިވާ ހުށަހެޅުން ތަކުރާރުކޮށްފަ އެވެ.
ކްރެމްލިންގެ ތަރުޖަމާނު ޑިމިޓްރީ ޕެސްކޯވް ނޫސްވެރިންނަށް ވިދާޅުވީ އެ ހުށަހެޅުން އަދިވެސް އެބައޮތް ކަމަށާއި އެއަށް އަމަލީ ސިފައެއް އަދި ނާންނަ ކަމަށެވެ. -- އޭއެފްޕީ