އީރާނުގެ ނިއުކްލިއާ ޕްރޮގްރާމް ހުއްޓާލުމަށް މަޖުބޫރުކުރުވުމުގެ ގޮތުން އެ ގައުމުގެ ބަނދަރުތައް ދިގު މުއްދަތަކަށް ބަންދުކޮށް، ހިސާރުކުރުމަށް ތައްޔާރުވުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އެގައުމުގެ ގައުމީ ސަލާމަތާ ބެހޭ އިސް އޮފިޝަލުންނަށް އަންގަވާފައިވާ ކަމަށް ވޯލް ސްޓްރީޓް ޖާނަލްއިން ރިޕޯޓްކޮށްފި އެވެ.
އެ ނޫހުން ބުނި ގޮތުގައި، އީރާނުން މަޝްވަރާތައް ކުރިއަށްގެންދަނީ އިހްލާސްތެރިކަމާ އެކު ކަމަށް ޓްރަމްޕް ގަބޫލެއް ނުކުރައްވަ އެވެ. އަދި އޭނާ އުންމީދު ކުރައްވަނީ، ޔުރޭނިއަމް މުއްސަނދިކުރުން ކުރިއަށް އޮތް 20 އަހަރު ދުވަހަށް ހުއްޓާލުމަށާއި އޭގެ ފަހުން ވެސް ހަރުކަށި ހުރަސްތަކެއް ގަބޫލުކުރުމަށް އީރާނަށް މަޖުބޫރުކުރުވޭނެ ކަމަށެވެ.
"އެ މީހުން ލަސްނުކޮށް ބުއްދި އިސްކުރަންޖެހޭ!" ޓްރަމްޕްގެ ސޯޝަލް މީޑިއާ ޕްލެޓްފޯމްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވެ އެވެ.
ނަން ހާމަނުކުރާ އޮފިޝަލުންނާ ހަވާލާދީ ވޯލް ސްޓްރީޓް ޖާނަލްއިން ބުނި ގޮތުގައި، ހޯމަ ދުވަހު ވައިޓް ހައުސްގެ ސިޗުއޭޝަން ރޫމްގައި ބޭއްވި ބައްދަލުވުމެއްގައި ޓްރަމްޕް ވަނީ އީރާނަށް އަލުން ބޮން އެޅުމަކީ ނުވަތަ ހަނގުރާމަ މި ހިސާބުން ހުއްޓާލުމަކީ ވެސް ނުރައްކާތެރި ކަމެއްގެ ގޮތުގައި ނިންމަވާފައި ކަމަށެވެ.
އޭގެ ބަދަލުގައި، ވޮޝިންޓަންގެ ޝަރުތުތަކަށް ތެހެރާނުން އެއްބަސްވަންދެން، އީރާނުގެ މައިގަނޑު އެކްސްޕޯޓް ކަމަށްވާ ތެޔޮ އެކްސްޕޯޓް ހުއްޓުވުމަށް އެމެރިކާގެ ކަނޑުގެ ސިފައިން ބޭނުންކޮށްގެން ފިއްތުންތައް ކުރިއަށް ގެންދަން އޭނާ އޮފިޝަލުންނަށް އެންގެވި ކަމަށް ރިޕޯޓްތައް ބުނެ އެވެ.