ހަނގުރާމައަށް ހައްލެއް ހޯދުމާ ގުޅޭގޮތުން އީރާނާ އެކު "ވަރަށް ރަނގަޅު މަޝްވަރާތަކެއް" ކުރިއަށްދާ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އާދިއްތަ ދުވަހު ވިދާޅުވެއްޖެ އެވެ. ނަމަވެސް، ބަންދުކޮށްފައިވާ ކަނޑުއޮޅީގައި ދަތުރު ނުކުރެވި ތިބި އުޅަނދުތައް ނެރެން އެމެރިކާގެ އަސްކަރިއްޔާއިން ހާއްސަ މަސައްކަތްތަކެއް ވަރަށް އަވަހަށް ފަށާނެ ކަމަށް ވެސް ޓްރަމްޕު ވިދާޅުވި އެވެ. 

މީގެ ކުރިން، އީރާނުގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު އިސްމާއީލް ބަގާއީ، ދައުލަތުގެ ޓީވީއަށް ވިދާޅުވީ "ހަނގުރާމަ ނިމުމަކަށް ގެނައުމަށް އަމާޒުކޮށްފައިވާ" 14 ނުކުތާގެ ޕްލޭނެއް އީރާނުން ހުށަހަޅާފައިވާ ކަމަށާއި، ޕާކިސްތާނު މެދުވެރިކޮށް އެމެރިކާއިން އެކަމަށް ޖަވާބު ދީފައިވާ ކަމަށެވެ.

"އީރާނާ އެކު އަހަރެންގެ މަންދޫބުން ވަރަށް ރަނގަޅު މަޝްވަރާތަކެއް ކުރަމުންދާކަން އޮތީ އެނގިފައި. އަދި މި މަޝްވަރާތަކުގެ ސަބަބުން އެންމެންނަށް ވެސް ވަރަށް ރަނގަޅު ނަތީޖާއެއް ނުކުތުމަކީ އެކަށީގެންވާ ކަމެއް،" ޓްރަމްޕް ޓްރޫތު ސޯޝަލް ޕްލެޓްފޯމުގައި ލިޔުއްވި އެވެ.

އެމެރިކާ އާއި އިޒްރޭލުން ފެބްރުއަރީ 28 ގައި އީރާނަށް ހަމަލާދީ ރޫހީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީ އާއި އިސް އެތައް ބަޔަކު ވަނީ އަވަހާރަކޮށްލައިފަ އެވެ. އޭގެ ރައްދުގައި އީރާނުން ވަނީ ސަރަހައްދުގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށާއި އިޒްރޭލުގެ އަމާޒުތަކަށް ހަމަލާދީފަ އެވެ.

ހަނގުރާމަ މެދުކަނޑާލުމުގެ އެއްބަސްވުމަކަށް އޭޕްރީލް 8 ވަނަ ދުވަހު  އަމަލުކުރަން ފަށާފައިވާއިރު، އޭގެ ފަހުން އިސްލާމްއާބާދުގައި ސީދާ ސުލްހައިގެ އެއް ބައްދަލުވުން ބޭއްވި ނަމަވެސް، ދެ ގައުމު ވަނީ އެއްބަސްވުމަކަށް ނާދެވި ހުއްޓުމަކަށް އައިސްފަ އެވެ.

ހަނގުރާމަ ފެށުނީއްސުރެ އީރާނުން ވަނީ ހޮރްމޫޒް ކަނޑުއޮޅީގެ ކޮންޓްރޯލް އަތުލައި، ދުނިޔޭގެ އިގްތިސާދަށް ބޭނުންވާ ތެޔޮ، ގޭސް، އަދި ގަސްކާނާ ފަދަ ބާވަތްތައް އުފުލާ މައި މަގު ހުއްޓުމަކަށް ގެނެސްފަ އެވެ. އަދި އެމެރިކާއިން ވަނީ އީރާނުގެ ބަނދަރުތަކަށް ވަދެ ނުކުމެ ނޫޅެވޭ ގޮތަށް ހުރަސް އަޅައިފަ އެވެ.

ޓްރަމްޕް ވިދާޅުވީ މުހިންމު މި ކަނޑުއޮޅިންނާއި ގަލްފުން އުޅަނދުތައް ދަތުރުކުރުމަށް އެހީތެރިކަން ދިނުމަށް "ދުނިޔޭގެ އެކި ކަންކޮޅުތަކުން ގައުމުތަކުން" އެދިފައިވާ ކަމަށެވެ.

"އީރާނާއި، މެދުއިރުމައްޗާއި، އަދި އެމެރިކާގެ މަންފާއަށްޓަކައި، މި ގައުމުތަކަށް އަހަރެމެން އަންގާފައި ވަނީ އެމީހުންގެ ވިޔަފާރިތައް މިނިވަންކަމާއި ގާބިލުކަމާ އެކު ކުރިއަށް ގެންދިއުމަށްޓަކައި، އެ އުޅަނދުތައް މި ކަނޑުއޮޅިތަކުން ރައްކާތެރިކަމާ އެކު ބޭރަށް ނެރެދޭނެ ކަމަށް،" ޓްރަމްޕް ވިދާޅުވި އެވެ.

"މި މަސައްކަތް، 'ޕްރޮޖެކްޓް ފްރީޑަމް' މެދުއިރުމައްޗަށް ހޯމަ ދުވަހުގެ ހެނދުނު ފަށާނެ."

މިއީ "އިންސާނިއްޔަތަށްޓަކައި ކުރާ ކަމެއް" ކަމަށް ސިފަކުރައްވަމުން ޓްރަމްޕު ވިދާޅުވީ، އެ ސަރަހައްދުގައި ތާށިވެފައިވާ ގިނަ އުޅަނދުތަކުގައި ތިބި ފަޅުވެރިންނަށް ސިއްހީ ގޮތުންނާއި ރައްކާތެރިކަމުގެ ގޮތުން ބޭނުންވާ ސާމާނާއީ ކާބޯތަކެއްޗާއި އެހެނިހެން ތަކެތި މަދުވަމުންދާ ކަމަށެވެ.

މި މިޝަން މަސައްކަތް ކުރާނެ ގޮތުގެ ތަފުސީލު ޓްރަމްޕް ދެއްވާފައެއް ނުވެ އެވެ. ނަމަވެސް، މި ކުޑަ ކަނޑުއޮޅިން އުޅަނދުތައް ނެރުމުގެ އޮޕަރޭޝަނެއް ހިންގާ ނަމަ އެމެރިކާގެ ސިފައިން އީރާނުގެ އަސްކަރިއްޔާއާ ވަރަށް ކައިރީ އުޅެން ޖެހޭނެ އެވެ.

އެކްސް ގައި ކޮށްފައިވާ ޕޯސްޓެއްގައި އެމެރިކާގެ ސެންޓްރަލް ކޮމާންޑް (ސެންޓްކޮމް) އިން ބުނެފައި ވަނީ، ހޯމަ ދުވަހުން ފެށިގެން އެމީހުންގެ ފައިޓަ ޖެޓުތަކުން ޕްރޮޖެކްޓް ފްރީޑަމް އަށް އެހީތެރިވާން ފަށާނެ ކަމަށެވެ. އަދި މިކަމުގައި ގައިޑެޑް-މިސައިލް ޑެސްޓްރޯޔަރުތަކާއި، 100 އަށް ވުރެ ގިނަ ވައިގެ އުޅަނދުތަކާއި ޑްރޯން އަދި އަންމޭންޑް ޕްލެޓްފޯމްތަކުގެ އިތުރުން 15،000 ސިފައިން ބޭނުންކުރާނެ ކަމަށް ބުންޏެވެ.

"ދިފާއީ މި މިޝަނަށް އަހަރެމެން ދޭ އެއްބާރުލުމަކީ ސަރަހައްދުގެ ސަލާމަތާއި ދުނިޔޭގެ އިގްތިސާދަށް ވަރަށް މުހިންމު ކަމެއް. އެގޮތުން އަހަރެމެން މިދަނީ ކަނޑުގެ ބްލޮކޭޑް ވެސް ދަމަހައްޓަމުން،" ސެންޓްރަލް ކޮމާންޑްގެ ކޮމާންޑަރު އެޑްމިރަލް ބްރެޑް ކޫޕާ އެ ޕޯސްޓުގައި ވިދާޅުވި އެވެ.

މެރިޓައިމް އިންޓެލިޖެންސް ފާމެއް ކަމަށްވާ އެކްސްއެސްމެރިންގެ ތަފާސްހިސާބުތައް ދައްކާގޮތުން، އޭޕްރީލް 29 ގެ ނިޔަލަށް 900 އަށް ވުރެ ގިނަ ވިޔަފާރި އުޅަނދު ގަލްފުގައި އޮތެވެ. ހަނގުރާމަ ފެށުނުއިރު މި އަދަދު 1،100 އަށް ވުރެ މައްޗެވެ. -- އޭއެފްޕީ