ހަނގުރާމަ ހުއްޓާލަން އީރާނާ އެކު އެއްބަސްވުމަކަށް އާދެވިދާނެ ކަމަށް ވަރަށް ބޮޑަށް ގަބޫލުކުރައްވާ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބުދަ ދުވަހު ވިދާޅުވެއްޖެ އެވެ. ނަމަވެސް މަޝްވަރާތައް ނާކާމިޔާބުވެއްޖެ ނަމަ އަނެއްކާވެސް އެ ގައުމަށް ހަމަލާތައް ދޭން ފަށާނެ ކަމުގެ އިންޒާރު ވެސް އޭނާ ދެއްވި އެވެ.

ޓްރަމްޕް އުންމީދެއްގައި ހުންނެވި ނަމަވެސް، އެމެރިކާގެ އާ ހުށަހެޅުމަށް އީރާނުން އަދި ރަސްމީ ޖަވާބެއް ނުދެ އެވެ. އީރާނުގެ މަޝްވަރާތަކުގައި އީރާންގެ ފަރާތުން އިސްކޮށް ހުންނަވާ އޮފިޝަލް އިންޒާރު ދެއްވި ގޮތުގައި އެމެރިކާއިން މަސައްކަތް ކުރަމުންދަނީ އީރާން "އަމާން ދިނުމަށް މަޖުބޫރު" ކުރުވާށެވެ. 

ހުއްޓިފައިވާ މަޝްވަރާތައް އަލުން ފެށިދާނެ ކަމުގެ ސިގްނަލްތަކެއް ލިބެން ފެށީ، ހޮރްމޫޒް ކަނޑުއޮޅި ހުޅުވުމަށް އެމެރިކާއިން ފެށި އަސްކަރީ އޮޕަރޭޝަން، އީރާނާ އެކު އެއްބަސްވުމަކަށް އާދެވިދާނެ ކަމުގެ އުންމީދުގައި ޓްރަމްޕް މެދުކަނޑާލުމާ ގުޅިގެންނެވެ.

ޓްރަމްޕް ބުދަ ދުވަހު ވިދާޅުވީ، "އެއްބަސްވެފައިވާ ކަންކަމަށް އީރާނުން އެއްބަސްވެއްޖެ ނަމަ" ހަނގުރާމަ ނިމުމަކަށް އަންނާނެ ކަމަށެވެ. ނަމަވެސް އެހެން ނޫން ނަމަ، "މާ ވަރުގަދަކޮށް އަދި މާ ނުރައްކާތެރިކޮށް" ބޮން އެޅުން އަލުން ފަށާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ވޭތުވެދިޔަ 24 ގަޑިއިރު ތެރޭގައި ވަރަށް ރަނގަޅު ވާހަކަތަކެއް ދެކެވިއްޖެ. އަދި އެއްބަސްވުމަކަށް އާދެވުމަކީ ވަރަށް ގާތް ކަމެއް،" ފަހުން ނޫސްވެރިންނާ ބައްދަލުކުރައްވައި ޓްރަމްޕް ވިދާޅުވި އެވެ.

އީރާނުގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު އިސްމާއިލް ބަގާއީ އެ ގައުމުގެ މީޑިއާތަކަށް ވިދާޅުވީ، "އެމެރިކާގެ ޕްލޭނާއި ހުށަހެޅުންތައް އަދިވެސް ދަނީ ދިރާސާ ކުރަމުން" ކަމަށާއި، އީރާނުގެ ނިންމުން ފައިނަލް ކުރުމަށްފަހު، މެދުވެރިއެއްގެ ދައުރު އަދާކުރާ ޕާކިސްތާނަށް އަންގާނެ ކަމަށެވެ.

"ކަނޑުގެ މަގުތައް ބަންދުކޮށް، އިގްތިސާދީ ފިއްތުންތައް ކުރިމަތިކޮށް އަދި މީޑިއާ މެދުވެރިކޮށް ދޮގު ޚަބަރު ފަތުރައިގެން ގައުމުގެ އެއްބައިވަންތަކަން ރޫޅާލުމަށް މަސައްކަތް ކުރަމުންދަނީ އަހަރެމެން އަމާން ދިނުމަށް މަޖުބޫރު ކުރުވަން،" މަޝްވަރާތަކުގައި އިސްކޮށް އުޅުއްވާ އީރާނުގެ މަޖިލީހުގެ ރައީސް މުހައްމަދު ބާގިރު ގާލިބާފް އިންޒާރު ދެއްވި އެވެ.

ޕާކިސްތާނުން ވެސް ބުނަނީ އެއްބަސްވުމަކާ ގާތްވެއްޖެ ކަމަށް

ޓްރަމްޕު މި ވާހަކަ ދައްކަވާފައި ވަނީ ހަނގުރާމަ ހުއްޓުމަކަށް ގެނައުމުގެ އެއްބަސްވުމަކާ ވަރަށް ގާތަށް ދެވިފައިވާ ކަމަށް ޕާކިސްތާނުގެ އޮފިޝަލަކު ވެސް ވިދާޅުވެފައި ވަނިކޮށެވެ. 

 "އަޅުގަނޑުމެން މިކަން ވަރަށް އަވަހަށް ނިންމާލާނަން. މިހާރު ވަނީ އެކަމާ ވަރަށް ގާތަށް ދެވިފައި،" އީރާނާއި އެމެރިކާއިން ހަނގުރާމަ ހުއްޓާލައި ސުލްހަ ގާއިމުކުރުމަށް ކުރަމުން އަންނަ މަސައްކަތާ ބެހޭ މައުލޫމާތު އެނގިވަޑައިގަންނަވާ ޕާކިސްތާނުގެ އޮފިޝަލަކާ ހަވާލާދީ ރޮއިޓާސް އިން ބުންޏެވެ.

އެމެރިކާގެ ނޫހެއް ކަމަށްވާ އެކްސިއޯސް އިން ވެސް އެމެރިކާގެ އޮފިޝަލުންނާ ހަވާލާދީ އިއްޔެ ވަނީ ހަމަ މިގޮތަށް ރިޕޯޓްކޮށްފަ އެވެ. އެ ނޫހުން އޮފިޝަލަކާ ހަވާލާދީ ބުނެފައިވަނީ މައިގަނޑު 14 ނުކުރާ ހިމެނޭ އެމްއޯޔޫއާ މެދު އީރާނުން ދެކޭ ގޮތް 48 ގަޑިއިރުގެ ތެރޭގައި ލިބޭނެ ކަމަށް ބެލެވޭ ކަމަށެވެ.   

 އެމްއޯޔޫގައި ހިމަނާފައިވާ ކަންކަމުގެ ތެރޭގައި އީރާނުން ނިއުކްލިއާ ޕްރޮގްރާމް ވަކި މުއްދަތަކަށް މަޑުޖައްސާލުމާއި އީރާނާ ދެކޮޅަށް އެމެރިކާއިން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލައި، ހިފަހައްޓާފައިވާ އެތައް ބިލިއަން ޑޮލަރެއް އީރާނަށް ދޫކުރުން ހިމެނޭ ކަމަށް އެކްސިއޯސް އިން ބުންޏެވެ. 

މި ކަންކަމާ އެކު އީރާނާއި އެމެރިކާއިން ވެސް ހޮރްމޫޒް ކަނޑުއޮޅީގައި އެއްބަޔަކު އަނެއް ބަޔަކަށް ކުރިމަތިކުރާ ހުރަސްތައް ނައްތާލުން ހިމެނެ އެވެ.  

އެކްސިއޯސް އިން ބުނި ގޮތުގައި، މިހާރު އޮތް ގޮތުން މި އެއްބަސްވުމުގެ ސަބަބުން ސަރަހައްދުގެ ހަނގުރާމަ ނިމުމަކަށް އަންނާނެ އެވެ. އަދި ކަނޑުއޮޅި ހުޅުވުމާއި، އީރާނުގެ ނިއުކްލިއާ ޕްރޮގްރާމް ލިމިޓްކުރުމާއި، އެމެރިކާގެ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލުމާ ގުޅޭގޮތުން ތަފްސީލީ އެއްބަސްވުމެއް 30 ދުވަހުގެ ތެރޭގައި އެކުލަވާލާނެ އެވެ.

މި 30 ދުވަހުގެ ތެރޭގައި އީރާނުން ކަނޑުއޮޅި ހުޅުވަމުން ދާއިރު އެމެރިކާއިން އީރާނަށް ކަނޑުމަގުން އަޅާފައިވާ ފިޔަވަޅުތައް މަޑުމަޑުން ނައްތާލާނެ ކަމަށް އެކްސިއޯސް އިން ބުނެފައިވެ އެވެ.