އީރާނާ ދެކޮޅަށް އަލުން ވަރުގަދަ ހަމަލާއެއް އަންގާރަ ދުވަހު ދޭން އޮތީ ނިންމާފައި ކަމަށާއި އެކަމަކު މިހާރު އޮތް ހަމަލާ މެދުކަނޑާލުމުގެ އެއްބަސްވުމުގެ ދަށުން އަދިވެސް ދާއިމީ ސުލްހައެއްގެ އުންމީދު އޮތުމުން ހަމަލާ ނުދިނީ ގަލްފުގެ ގައުމުތަކުގެ އެދުމުގެ މަތިން ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު ވިދާޅުވެއްޖެ އެވެ.

އެމެރިކާ އާއި އިޒްރޭލުން ގާތްގަނޑަކަށް ހަ ހަފުތާގެ މުއްދަތަށް ދިން ހަމަލާތައް މެދުކަނޑާލި އެއްބަސްވުން ނިމުމަކަށް ގެނެސްފި ނަމަ، އީރާނުން ވެސް ރައްދުގައި ހަމަލާދޭނެ ކަމުގެ އިންޒާރު ގަލްފުގެ ގައުމުތަކަށް ވަނީ ދީފަ އެވެ.

ސިޔާސީ ގޮތުން ބޮޑު ބުރައަކަށް ވެފައިވާ މި ހަނގުރާމައިން ބޭރުވާން ބޭނުންވާކަން ސާފުކޮށް ހާމަކުރައްވައި، ހަމަލާބަދަލުކުރުން ހުއްޓާލާފައި އޮތް އޮތުން މުއްދަތެއް ނެތްގޮތަށް އިތުރުކުރެއްވި ޓްރަމްޕް ވިދާޅުވީ، އީރާނުން އެއްބަސްވުމުގެ އޮނިގަނޑަށް އިންކާރު ކުރުމުން، އަންގާރަ ދުވަހަށް އަލުން ހަމަލާއެއް ދިނުމަށް ތައްޔާރީތައްވި ކަމަށެވެ.

"ގަތަރު، ސައުދީ އަރަބިއްޔާ އަދި ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) ގެ ވެރިން ވަނީ، މިހާރު ސީރިއަސް މަޝްވަރާތަކެއް ކުރިއަށްދާތީ، އީރާނަށް އަލުން ހަަމަލާދޭން މާދަމާއަށް [އަންގާރަ ދުވަހަށް] ރާވާފައި އޮތް ރޭވުން މަޑުޖައްސާލުމަށް އެދިފައި،" ޓްރަމްޕް އޭނާގެ 'ޓްރޫތު ސޯޝަލް' ޕްލެޓްފޯމުގައި ލިޔުއްވާފައިވެ އެވެ.

ނަމަވެސް، ބަލައިގަނެވޭނެ ފަދަ އެއްބަސްވުމަކަށް ނާދެވިއްޖެ ނަމަ، ކުއްލި ގޮތަކަށް އީރާނަށް ބޮޑު، އަދި ފުޅާ ދާއިރާއެއްގައި ހަމަލާއެއް ދިނުމަށް ތައްޔާރުވެ ތިބުމަށް އެމެރިކާގެ އަސްކަރިއްޔާއަށް އަމުރުކުރައްވާފައިވާނެ ކަމަށް ޓްރަމްޕް ވިދާޅުވި އެވެ.

ފަހުން ވައިޓް ހައުސްގެ ހަފުލާއެއްގައި ވާހަކަދައްކަވަމުން ޓްރަމްޕް ވިދާޅުވީ، "ވަރަށް ހެޔޮ ބަދަލެއް" ފެންނަމުންދާ ކަމަށާއި، އީރާނުން ނިއުކްލިއާ ހަތިޔާރު އުފެއްދުން ހުއްޓުވޭނެ ފަދަ އެއްބަސްވުމަކާ ގާތްވެފައިވާ ކަމަށް އަރަބި ބައިވެރިން ބުނެފައިވާ ކަމަށެވެ. އީރާނުން އަބަދުވެސް ބުނަމުންދަނީ ނިއުކްލިއާ ހަތިޔާރު އުފައްދަން މަސައްކަތް ނުކުރާ ކަމަށެވެ.

މަޝްވަރާތަކާއި ހުށަހެޅުންތައް

އީރާނުން ވަނީ ޓްރަމްޕްގެ ހުށަހެޅުންތަކަށް ތަކުރާރުކޮށް ދެކޮޅު ހަދައިފަ އެވެ. އަދި ގަލްފަށް ވަދެވެން އޮންނަ މުހިންމު ކަނޑުގެމަގު ކަމަށްވާ ހޮރްމޫޒް ކަނޑުއޮޅީގެ ކޮންޓްރޯލް އީރާނުން ނަގާފައިވުމުން، ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގުތައް ވަނީ އިންތިހާއަށް އުފުލިފަ އެވެ.

އީރާނުގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު އިސްމާއިލް ބަގާއީ ވަނީ ޕާކިސްތާނު މެދުވެރިކޮށް އެމެރިކާއާ އެކު ވާހަކަތައް އަދިވެސް ދެކެވޭކަން ކަށަވަރުކޮށްދެއްވައި، އީރާނުގެ ކަންބޮޑުވުންތައް ސާފުކޮށްދީފައިވާނެ ކަމަށް ވިދާޅުވެފަ އެވެ.

ފެބްރުއަރީ 28 ގައި ދިން ފުރަތަމަ ހަމަލާތަކުގައި އީރާނުގެ އެންމެ މަތީ ވެރިޔާ އަވަހާރަކޮށްލާފައިވީ ނަމަވެސް، އީރާނުން ދަނީ ދޫ ނުދީ ހިފަހައްޓަމުންނެވެ. އީރާނުން އެދެނީ ބޭރުގެ ގައުމުތަކުގައި ހިފަހައްޓާފައިވާ އެ ގައުމުގެ ފައިސާތައް ދޫކޮށްލުމަށާއި، އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލުމަށާއި، އަދި ހަނގުރާމައިގެ ބަދަލު ދިނުމަށެވެ.

އީރާނުގެ ރަސްމީ ނިއުސް އެޖެންސީ "ފާސް" އިން ބުނި ގޮތުގައި އެމެރިކާއިން ވަނީ ފަސް ނުކުތާގެ ލިސްޓެއް ހުށަހަޅައިފަ އެވެ. އޭގެ ތެރޭގައި އީރާނުން ހަމައެކަނި އެއް ނިއުކްލިއާ ސައިޓް ހިންގުމާއި، މަތީ މިންވަރަކަށް ފައްކާކޮށްފައިވާ ޔުރޭނިއަމް އެމެރިކާއާ ހަވާލުކުރުން ހިމެނެ އެވެ. ނަމަވެސް އެމެރިކާއިން އީރާނުގެ ފްރީޒްކޮށްފައިވާ ފައިސާގެ 25 ޕަސެންޓް ދޫކުރަން ވެސް ދެކޮޅު ހަދާފައިވާ ކަމަށް އެ އެޖެންސީން ބުނެ އެވެ.

ނަމަވެސް "ތަސްނީމް" ނިއުސް އެޖެންސީން ބުނާ ގޮތުގައި، މަޝްވަރާތައް ކުރިއަށްދާ މުއްދަތުގައި، އީރާނުގެ ތެލުގެ ވިޔަފާރިއަށް އަޅާފައިވާ ފިޔަވަޅުތަކަށް ލުޔެއް ދިނުމަށް އެމެރިކާއިން މިހާރު ވަނީ އެއްބަސްވެފަ އެވެ.