ހަނގުރާމަ މެދުކަނޑާލަން އީރާނާއި އެމެރިކާއިން ވެފައިވާ އެއްބަސްވުމުގެ މުއްދަތު ރަސްމީކޮށް 60 ދުވަހަށް އިތުރުކުރުމާ އެކު، ހަނގުރާމައަށް ދާއިމީ ނިމުމެއް ގެނައުމުގެ އެމްއޯޔޫއަކަށް ދެ ގައުމުން މިހާރު އެއްބަސްވުމަކަށް އައިސްފައިވާ ކަމަށާއި އެކަމަކު މިހާރު އިންތިޒާރުކުރަމުން އަންނަނީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕުގެ ބަހެއް ލިބޭނެ އިރަކަށް ކަމަށް އެ ގައުމުގެ ބައެއް އޮފިޝަލުން ބުނެފި އެވެ.
އޭއެފްޕީއަށް އެމެރިކާގެ އެކި ފަރާތްތަކުން ކަށަވަރުކޮށްދީފައިވާ ގޮތުގައި، "އެކްސިއޯސް" ނިއުސް އައުޓްލެޓުން ރިޕޯޓުކޮށްފައިވާ ގޮތަށް، ހަމަލާބަދަލުކުރުން ހުއްޓާލާފައި އޮތް އޮތުން އިތުރަށް ދިގުދަންމާލުމަށާއި، އީރާނުގެ ނިއުކްލިއާ ޕްރޮގްރާމާ ބެހޭގޮތުން މަޝްވަރާތައް ފެށުމަށްޓަކައި ދެ ފަރާތުގެ ދެމެދުގައި ގާއިމުކުރާނެ އެމްއޯޔޫއާ މެދު މިހާރު ވަނީ އެއްބަސްވުމަކަށް އާދެވިފަ އެވެ.
"އެކްސިއޯސް" އިން ރިޕޯޓްކޮށްފައިވާ ގޮތުގައި އެމްއޯޔޫއާ މެދު އެއްބަސްވުމަކަށް އާދެވިފައި ވިޔަސް އެންމެ ފަހު ބަސް ވިދާޅުވާނީ ރައީސް ޓްރަމްޕެވެ. އެކަމަކު އޭނާ ފަހު ބަސް އަދި ވިދާޅުނުވާ ކަމަށް ބުނެފައިވެ އެވެ.
އެމެރިކާ އާއި އީރާނުން ވެސް އަދި އެމްއޯޔޫއާ މެދު އެއްބަސްވުމަކަށް އާދެވުނު ކަމަކަށް ރަސްމީކޮށް ނުބުނެ އެވެ.
މި އެމްއޯޔޫ ގައި ސޮއިކުރުން ވެގެންދާނީ ހަނގުރާމަ ފެށުނު ފަހުން މިހާތަނަށް ހޯދޭނެ އެންމެ ބޮޑު ޑިޕްލޮމެޓިކް ކުރިއެރުމަށެވެ. ނަމަވެސް، ޓްރަމްޕްގެ ނިއުކްލިއާ ޝަރުތުތަކަށް ހައްލެއް ހޯދޭނެ ފަދަ އެންމެ ފަހުގެ އެއްބަސްވުމަކަށް އައުމަށްޓަކައި އަދިވެސް އިތުރަށް ވަރުގަދަ މަޝްވަރާތަކެއް ކުރަން ޖެހޭނެ އެވެ.
"މިއީ އެންމެން މަޝްވަރާގެ މޭޒުދޮށަށް ގެނައުމަށްޓަކައި ވެވޭ އެއްބަސްވުމެއް. މީގެ ތަފްސީލުތައް އަހަރެމެން ކަނޑައަޅާނީ ކުރިއަށް ހުރި މަޝްވަރާތަކުގެ ތެރެއިން،" އެމެރިކާގެ އެއް އޮފިޝަލަކު އެކްސިއޯސް އަށް ވިދާޅުވި އެވެ.
އެމެރިކާގެ އޮފިޝަލުން އެ ނޫހަށް ވިދާޅުވި ގޮތުގައި، މި އެއްބަސްވުމުގެ ޝަރުތުތަކަށް އަންގާރަ ދުވަހާ ހަމައަށް ގާތްގަނޑަކަށް އޮތީ އެއްބަސްވެވިފަ އެވެ. ނަމަވެސް، ދެ ފަރާތުގެ ވެސް އިސް ލީޑަޝިޕްގެ ހުއްދަ އަދި ބޭނުންވެ އެވެ.
އެމެރިކާގެ އޮފިޝަލުން ބުނާ ގޮތުގައި، އީރާނުން ފަހުން ވަނީ ބޭނުންވާ ހުއްދަތައް ލިބިފައިވާ ކަމަށާއި ސޮއިކުރަން ތައްޔާރަށް ތިބި ކަމަށް ބުނެފަ އެވެ. ނަމަވެސް އީރާނުން އެކަން ކަށަވަރުކޮށްދީފައެއް ނުވެ އެވެ.
މަޝްވަރާގައި އެމެރިކާއިން ބައިވެރިވާ އޮފިޝަލުން ވަނީ އެންމެ ފަހުގެ އެއްބަސްވުމުގެ ތަފްސީލުތައް ޓްރަމްޕަށް އަރުވައިފަ އެވެ. ނަމަވެސް ޓްރަމްޕު އަދި އޭގައި ސޮއިކުރައްވައިފައެއް ނުވެ އެވެ.
"މިކަމާ މެދު ވިސްނާލުމަށް ދެތިން ދުވަސް ބޭނުންވާ ކަމަށް ރައީސް ވަނީ މެދުވެރިންގެ ގޮތުގައި ހަރަކާތްތެރިވާ ފަރާތްތަކަށް ދަންނަވާފައި،" އެމެރިކާގެ އޮފިޝަލަކު ވިދާޅުވި އެވެ.
ކުރީގެ ރިޕޯޓްތައް ބުނާ ގޮތުގައި އެމެރިކާ-އީރާންގެ އެމްއޯޔޫއަށް އަމަލުކުރަން ފަށާތާ 30 ދުވަހުގެ ތެރޭގައި ހޮރްމޫޒް ކަނޑުއޮޅި ހުޅުވާލާނެ އެވެ. އަދި އެކި ގައުމުތަކުގައި ހިފަހައްޓާފައި ހުރި އީރާންގެ އެތައް ބިލިއަން ޑޮލަރެއް ދޫކުރާނެ އެވެ.
ނިއުކްލިއާ ހަތިޔާރު އުފެއްދުމަށް ދުވަހަކުވެސް މަސައްކަތް ނުކުރުމަށާއި، ޔުރޭނިއަމް މުއްސަނދިކުރުން ހުއްޓާލުމަށާއި، މިހާރު ހުރި ޔުރޭނިއަމް ރިޒާވް ނައްތާލުމާ ބެހޭގޮތުން ފަހުގެ މަރުހަލާއެއްގައި މަޝްވަރާކުރުމަށް އީރާނުން އެއްބަސްވުން ވެސް މީގައި ހިމެނޭ ކަމަށްވެ އެވެ.
މި އެއްބަސްވުމާ މެދު އުންމީދު އިތުރުވެފައި ވިޔަސް މި ދެ ދުވަހު ވަނީ އީރާނާއި އެމެރިކާއިން މި ފަހުން ބަދަލުކުރި އެންމެ ނުރައްކާތެރި ހަމަލާތައް ބަދަލުކޮށް އެއްބަޔަކު އަނެއް ބަޔަކަށް ވަރުގަދަ އިންޒާރުތައް ވެސް ދީފަ އެވެ.