އިޒްރޭލާއި ހިޒްބުالله އިން ހަމަލާތައް ހުއްޓާލުމަށް އެއްބަސްވެފައިވާ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ހޯމަ ދުވަހު ވިދާޅުވެއްޖެ އެވެ. އަދި އިޒްރޭލުން ލުބުނާނަށް ދެމުންދިޔަ ހަމަލާތަކާ ގުޅިގެން ހީނަރުވެފައިވާ ކަމަށް ބެލެވުނު އީރާނުގެ މަޝްވަރާތައް މިހާރު ވަރަށް ހަލުވިކަމާ އެކު ކުރިއަށްދާ ކަމަށްވެސް އޭނާ އިތުރަށް ވިދާޅުވި އެވެ.

ސޯޝަލް މީޑިއާގައި ޓްރަމްޕް ވިދާޅުވީ، ބައިރޫތުގެ ދެކުނުގެ ރަށްބޭރުގެ ސަރަހައްދުތަކަށް ސިފައިން ނުފޮނުވުމަށް އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އެއްބަސްވެފައިވާ ކަމަށާއި، އަދި "ހުރިހާ ހަމަލާތަކެއް ހުއްޓާލުމަށް" ހިޒްބުالله އިން އެއްބަސްވެފައިވާ ކަމަށެވެ.

ޓްރަމްޕް މިހެން ވިދާޅުވެފައި މިވަނީ، އީރާނުގެ މަދަދުލިބޭ ހިޒްބުالله އާ ދެކޮޅަށް އިޒްރޭލުން ލުބުނާނުގައި ވަރުގަދަ ކުރަމުންދާ ހަމަލާތަކާ މެދު އިހުތިޖާޖު ކުރުމުގެ ގޮތުން، މެދުވެރިންނާ އެކު ކުރަމުންދިޔަ މަޝްވަރާތައް އީރާނުން މެދުކަނޑާލާފައިވާ ކަމަށް އީރާނުގެ ތަސްނީމް ނިއުސް އެޖެންސީން ރިޕޯޓުކޮށްފައި ވަނިކޮށެވެ.

"އިޒްރޭލުގެ ބޮޑުވަޒީރު ބިބީ ނަތަންޔާހޫއާ އެކު އަހަންނަށް ވަރަށް ކާމިޔާބު ފޯން ކޯލެއް ކުރެވުނު. ބައިރޫތަށް ސިފައިންގެ އެއްވެސް ބަޔަކު ނުފޮނުވާނެ، އަދި އެތަނަށް ދިޔުމުގެ މަގުމަތީގައި ތިބި ސިފައިންގެ ބަޔަކު މިހާރު ވަނީ އަނބުރާ ފޮނުވާލާފައި،" ޓްރަމްޕް ލިޔުއްވާފައިވެ އެވެ.

"ހަމައެފަދައިން، އިސް ފަންތީގެ މަންދޫބުން މެދުވެރިކޮށް ހިޒްބުالله އާ އެކު ވެސް އަހަންނަށް ވަރަށް ރަނގަޅު ފޯން ކޯލެއް ކުރެވުނު، އަދި ހުރިހާ ހަމަލާތަކެއް ހުއްޓާލުމަށް އެފަރާތުން އެއްބަސްވި -- އެއީ އިޒްރޭލުން އެމީހުންނަށް ހަމަލާނުދިނުމަށާއި، އެމީހުން އިޒްރޭލަށް ހަމަލާނުދިނުމަށް."

އޭގެ މަދު މިނެޓުކޮޅެއް ފަހުން ކުރެއްވި އެހެން ޕޯސްޓެއްގައި ޓްރަމްޕް ވިދާޅުވީ، އީރާނާ އެކު ވަރަށް ހަލުވި މިނެއްގައި މަޝްވަރާތައް ކުރިއަށްދާ ކަމަށެވެ. 

ނަމަވެސް، ހޯމަ ދުވަހުގެ ކުރީކޮޅު އެމެރިކާގެ ލީޑަރު ވަނީ، އެމެރިކާ އާއި އިޒްރޭލުން ފެބްރުއަރީ 28 ގައި ފެށި އީރާނު ހަނގުރާމަ ނިންމުމުގެ މަޝްވަރާތަކަށް އޭނާގެ ހުރި ޝައުގުވެރިކަމާ މެދު ސުވާލު އުފެދޭ މެސެޖުތަކެއް ދެއްވައިފަ އެވެ.

ޓްރޫތު ސޯޝަލްގައި ޕޯސްޓު ކުރެއްވުމުގެ ކުޑަކޮޅެއް ކުރިން އެމެރިކާގެ ސީއެންބީސީ ބްރޯޑްކާސްޓަރަށް ދެއްވި ފޯން އިންޓަވިއުއެއްގައި ޓްރަމްޕް ވިދާޅުވީ އީރާނުގެ މަޝްވަރާތައް ރޫޅުނަސް އޭނާ "އަޅާނުލާ" ކަމަށެވެ.

"އެކަން ނިމުނީވިއްޔާ ނިމުނީ،" ޓްރަމްޕް ސީއެންބީސީއަށް ވިދާޅުވި އެވެ. "ތެދަށް ބުނާ ނަމަ، އަހަންނަށް އެ މަޝްވަރާތައް މާ ފޫހިވާން ފެށީހެން ހީވަނީ."

މީގެ އިތުރުން، އީރާނުން މަޝްވަރާތައް މެދުކަނޑާލިކަން އޭނާއަށް އެނގިވަޑައިގެންފައި ނުވާ ކަމަށް ހޯމަ ދުވަހު އެންބީސީ ނިއުސްއަށް ޓްރަމްޕް ވަނީ ވިދާޅުވެފަ އެވެ. ނަމަވެސް އޭނާ ވިދާޅުވީ، މާ ގިނައިން ވާހަކަދެއްކިއްޖެހެން ހީވާ ކަމަށެވެ.