އީރާނުގައި އަދިވެސް "21 ނުވަތަ 22 ޕަސެންޓް" މިސައިލް ބާކީ އެބަހުރި ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ހުކުރު ދުވަހު ވިދާޅުވެއްޖެ އެވެ.

"އެމީހުންގެ ގާބިލްކަން އަދިވެސް އެބަހުރި. އެމީހުންގެ އަތުގައި ބައެއް މިސައިލާއި، ބައެއް ޑްރޯން އެބަހުރި. އަޅުގަނޑު ދަންނަވާނީ، ޕަސެންޓޭޖުން ބަލާއިރު، އެމީހުންގެ މިސައިލްގެ ތެރެއިން ފަހަރެއްގައި 21 ނުވަތަ 22 ޕަސެންޓް އެބަހުރި ކަމަށް،" އެންބީސީ ނިއުސްއަށް ދެއްވި އިންޓަވިއުއެއްގައި ޓްރަމްޕް ވިދާޅުވި އެވެ.

އީރާނުގެ އަތުގައި ބާކީ ހުރި މިސައިލްގެ އަދަދާ ބެހޭގޮތުން ޓްރަމްޕް މިފަހަރު ދެއްވި އަންދާޒާއަކީ، މިދިޔަ މެއި މަހު އޭނާ ވިދާޅުވި 18 ޕަސެންޓަށް ވުރެ އިތުރު އަދަދެކެވެ. މީގެ ކުރިން ޓްރަމްޕް ވަނީ ހަނގުރާމަ ކުރުމުގެ ގާބިލްކަން އީރާންގެ ކިބައިން މުޅިން ނައްތާލާފައިވާ ކަމަށް ތަކުރާރުކޮށް ވިދާޅުވެފަ އެވެ.

ޓްރަމްޕު މި ވާހަކަ ދައްކަވާފައި ވާއިރު، އޮމާން ކަނޑުގައި ހަރަކާތްތެރިވަމުންދިޔަ އެމެރިކާގެ ދެ މަނަވަރަކަށް އަމާޒުކޮށް "އިންޒާރުގެ މިސައިލް" ފޮނުވާލާފައިވާ ކަމަށް އީރާނުގެ އަސްކަރިއްޔާއިން ހުކުރު ދުވަހު ބުނެފައިވެ އެވެ. ނަމަވެސް، އެމެރިކާގެ އަސްކަރިއްޔާއިން ވަނީ އެ ވާހަކަ ވަގުތުން ދޮގުކޮށްފަ އެވެ.

މީގެ ދެ ދުވަސް ކުރިން ކުވެއިތުން ބުނެފައިވާ ގޮތުގައި، އީރާނުން ފޮނުވާލި ބެލިސްޓިކް 30 މިސައިލެއް އެ ގައުމުން ހުއްޓުވައި ވައްޓާލާފައިވާ ކަމަށެވެ.

އިންޒާރުތަކާއި ހަމަލާތައް ގިނަ ދެ ހަފްތާ ވެއަތުވެ ގޮސްފައި ވާއިރު ހަމަލާތައް ހުއްޓުމަކަށް ގެނެސް ހަނގުރާމަ ނިންމާލުުމުގެ މަޝްވަރާތަކުން އަދިވެސް ގޮތެއް ނުނިންމެ އެވެ. 

ނަމަވެސް ޓްރަމްޕް ވިދާޅުވީ، އެއްބަސްވުމަކަށް އައުން ފިޔަވައި އީރާނަށް "އިތުރު އެހެން ގޮތެއް ނެތް" ކަމަށެވެ.

"އެމީހުންނަކީ ވަރުގަދަ، ފަހުރުވެރި ބައެއް. އެމީހުން ދުވަހަކުވެސް ކުރަންޖެހިދާނެ ކަމަށް ހީނުކުރާ ކަންތައްތަކެއް، ކުރިއަށް އޮތް ތަނުގައި އެމީހުންނަށް ކުރަން މަޖުބޫރުވާނެ،" ޓްރަމްޕް އެންބީސީއަށް ވިދާޅުވި އެވެ. -- އޭއެފްޕީ