އީރާނާ އެކު އެއްބަސްވުމަކަށް އާދެވުމުގެ ކުރިން، ހިފަހައްޓާފައިވާ އެ ގައުމުގެ މާލީ އެސެޓްތައް ދޫނުކުރައްވާނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ.
އާދިއްތަ ދުވަހު ބްރޯޑްކާސްޓްކުރި އިންޓަވިއުއެއްގައި ޓްރަމްޕު މިހެން ވިދާޅުވީ ހަދާފާނެ އެއްބަސްވުމެއްގެ ބައެއްގެ ގޮތުން، އީރާނުގެ އެސެޓްތައް ދޫކޮށްލުމަށް ނުވަތަ އެ ގައުމާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ބައެއް ފިޔަވަޅުތައް އުވާލުމަށް ތައްޔާރަށް ހުންނެވިތޯ ސުވާލުކުރުމުންނެވެ.
ޓްރަމްޕު "ނޫނެކޭ" ވިދާޅުވެ އެ ސުވާލަށް ޖަވާބު ދެއްވި އެވެ.
"އެކަންކަން އަންނާނީ އޭގެ [އެއްބަސްވުމުގެ] ފަހުން. އެމީހުން ރަނގަޅަށް އަމަލުކޮށް، ރަނގަޅު މަސައްކަތްތަކެއް ކޮށްފި ނަމަ، އަހަރެމެން ވާހަކަދައްކަން ފަށާނަން،" ހުކުރު ދުވަހު ރެކޯޑްކޮށް، އާދިއްތަ ދުވަހު އެންބީސީން ދެއްކި އިންޓަވިއުގައި ޓްރަމްޕް ވިދާޅުވި އެވެ.
އީރާނުން ދަނީ ހަނގުރާމަ ހުއްޓާލުމުގެ ސަރުތެއްގެ ގޮތުން، ހިފަހައްޓާފައިވާ އެތައް ބިލިއަން ޑޮލަރެއްގެ އެސެޓްތައް ދޫކޮށްލުމަށް އެދެމުންނެވެ.
މިކަމާ ގާތް މަސްދަރަކުން ބުނާ ގޮތުގައި، އީރާނުން ދީފައިވާ ހަމަލާތަކުގެ ސަބަބުން ގަލްފުގެ ގައުމުތަކަށް ލިބުނު ގެއްލުމުގެ ބަދަލު ދިނުމަށް، އީރާނުގެ މި އެސެޓްތައް ބޭނުންކުރުމުގެ ފުރުސަތު އޮތްތޯ އެމެރިކާގެ ޓްރެޒަރީން ދަނީ ބަލަމުންނެވެ.
ޓްރަމްޕް ތަކުރާރުކޮށް ވިދާޅުވީ އީރާނުގައި މުއްސަނދިކޮށްފައިވާ ޔުރޭނިއަމް ހުރި ސަރަހައްދުތައް އޭނާއަށް ވަރަށް ރަނގަޅަށް އެނގިވަޑައިގަންނަވާ ކަމަށާއި، ކޮންމެވެސް ގޮތަކުން އެތަކެތި އަތުލަން ބޭނުންވާ ކަމަށެވެ. ނަމަވެސް އެކަން ކުރުމަށް އެމެރިކާ ސިފައިން ފޮނުވާނެތޯ ކުރި ސުވާލަށް ސީދާ ޖަވާބެއް ނުދެއްވަ އެވެ.
"އަހަރެމެން އެއްބަސްވުމަކަށް އަތުވެއްޖެ ނަމަ، އޮންނާނީ އެކުވެރިކަން އުފެދިފައި، އެހެންވީމާ އަހަރެމެން އެންމެން އެކުގައި ގޮސް ޔުރޭނިއަމްތައް ހޯދާނީ،" އޭނާ ވިދާޅުވިއެވެ. "އަހަރެމެން އެތަކެތި ނެރެ ބޭރުކޮށް، ނައްތާލާނަން."
މުއްސަނދިކޮށްފައިވާ ޔުރޭނިއަމްއާ މެދު އަމަލުކުރާނެ ގޮތަކީ، އެމެރިކާ އާއި އިޒްރޭލުން އީރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަކަށް އައުމުގައި ކުރިމަތިވެފައިވާ އެންމެ އުނދަގޫ އަދި ބޮޑު އެއް ހުރަހެވެ. -- އޭއެފްޕީ