މެދުއިރުމަތީގެ ހަނގުރާމަ ނިމުމަކަށް ގެނައުމުގެ ސުލްހައިގެ އެއްބަސްވުމުގެ މަޝްވަރާތައް މިހާރު އޮތީ އެންމެ ފަހު މަރުހަލާގައި ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަންގާރަ ދުވަހު ވިދާޅުވެއްޖެ އެވެ. ޓްރަމްޕް މިހެން ވިދާޅުވީ 100 އަށް ވުރެ ގިނަ ދުވަސްވީ މި ހަނގުރާމަ އަލުން ފުޅާވެދާނެ ފަދަ ހަމަލާތަކެއް ބަދަލުކުރުމަށް ފަހު އީރާނާއި އިޒްރޭލުން ވެސް ހަމަލާތައް ހުއްޓާލިކަން ހާމަކޮށްފައި ވަނިކޮށެވެ.  

ލުބްނާންގެ ވެރިތަށް ބައިރޫތުގެ ދެކުނުގެ ސަރަހައްދުތަކުގައިވާ ހިޒްބުالله ޖަމާއަތުގެ މަގާމުތަކަށް ކަމަށް ބުނެ އިޒްރޭލުން ދިން ހަމަލާތަކުގެ ބަދަލުހިފުމެއްގެ ގޮތުން، އާދިއްތަ ދުވަހު އިރާނުން ވަނީ އިޒްރޭލަށް މިސައިލް ހަމަލާތަކެއް ފޮނުވާލައިފަ އެވެ. އެ ހަމަލާތަކަށް ފަހު އިޒްރޭލުން ވަނީ ރައްދު ނުދޭން  އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއަށް ޓްރަމްޕު އިންޒާރު ދީފައި ވަނިކޮށް ވެސް ރައްދު ދީފަ އެވެ.

އެންބީއޭގެ މެޗަކަށްފަހު އެނބުރި ވަޑައިގަންނަވަމުން ނޫސްވެރިންނާ ބައްދަލުކުރައްވައި ޓްރަމްޕް ވިދާޅުވީ، އިރާނާއި އިޒްރޭލުން ބަދަލުކުރި ހަމަލާތައް މިހާރު މަޑުޖައްސާލާފައިވަނީ އޭނާ އެ ދެ މެދުގައި މަސައްކަތްކޮށްގެން ކަމަށާއި، މިހާރު އޮތީ ވަރަށް ފުރިހަމަ އެއްބަސްވުމެއްގެ އެންމެ ފަހު މަރުހަލާގައި ކަމަށެވެ. މި އެއްބަސްވުމަށް ނަގާނީ ކިތައް ދުވަސްތޯ ނުވަތަ ހަފުތާތޯ އެހުމުން ޓްރަމްޕް ވިދާޅުވީ "ދެތިން ދުވަސް" ނަގާނެ ކަމަށެވެ.

މިފަހުން ސަރަހައްދުގެ ހާލަތު ގޯސްވީ ފެބްރުއަރީ 28 ގައި އެމެރިކާ އާއި އިޒްރޭލުން އިރާނަށް ދިން ހަމަލާތަކާ ގުޅިގެން ފެށުނު ސަރަހައްދީ ހަނގުރާމަ އެއްކޮށް ހުއްޓާލުމާ ބެހޭ ގޮތުން ހަފުތާތަކެއް ވަންދެން މަޝްވަރާކޮށްފައި ވަނިކޮށެވެ. އިރާނުން ބުނަމުންދަނީ ހަނގުރާމަ ހުއްޓާލެވޭނީ ލުބްނާންގައި ވެސް ހަމަލާ ދިނުން ހުއްޓާލައިގެން ކަމަށެވެ.

ނަތަންޔާހޫގެ އަމަލުތަކާ މެދު ޓްރަމްޕު މާޔޫސްވެފައިވާ ކަމަށް ރިޕޯޓްތައް ބުނެ އެވެ. އެއީ އީރާނަށް އަުން ހަމަލާ ދިނުމާއި ލުބްނާނަށް އިޒްރޭލުން ދެމުންދާ ހަމަލާތައް ހުއްޓާނުލައި ވަރުގަދަކުރާ މައްސަލައިގަ އެވެ.

އެމެރިކާގެ ނައިބު ރައީސް ޖޭޑީ ވެންސް ހޯމަ ދުވަހު ފޮކްސް ނިއުސްއަށް ވިދާޅުވީ، އެމެރިކާ އާއި އިޒްރޭލުން މަސްލަހަތު ހިއްސާކުރިޔަސް، ދެ ފަރާތުގެ ވިސްނުން އަބަދު އެއްގޮތް ނުވާ ކަމަށެވެ.

"އިޒްރޭލާއި އެމެރިކާގެ މެދުގައި ގިނަ މަސްލަހަތުތަކެއް ހިއްސާކުރެވޭ. އެކަމަކު ބައެއް ހާލަތްތަކުގައި އަހަރެމެންގެ މަސްލަހަތުތައް ތަފާތުވޭ،" ވެންސް ވިދާޅުވި އެވެ.