މެދުއިރުމަތީގެ މަސްރަހު ވަރަށް ބޮޑަށް ހޫނުވެފައިވަނިކޮށް، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އީރާނާ ދެކޮޅަށް ބުރާސްފަތި ދުވަހުގެ ރޭ ދޭން ރާވާފައި އޮތް ހަމަލާތައް ކުއްލި ގޮތަކަށް ކެންސަލް ކުރައްވައިފި އެވެ.

ޓްރަމްޕް ވިދާޅުވި ގޮތުގައި މި ނިންމެވުން ނިންމެވީ އީރާނުގެ އެންމެ މަތީ ލީޑަޝިޕާ އެކު ދެކެވުނު ވާހަކަތަކުން ބޮޑު ކުރިއެރުމެއް ލިބުމާ ގުޅިގެންނެވެ. ޓްރަމްޕްގެ "ޓްރޫތު ސޯޝަލް" ޕްލެޓްފޯމްގައި ވިދާޅުވީ އީރާނާއެކު ހަދާ އެއްބަސްވުމުގެ މައިގަނޑު އަސާސްތަކާއި ތަފްސީލްތަކަށް ބައިނަލްއަގުވާމީ ބޮޑު ކޯލިޝަނަކުން މިހާރު ވަނީ ރުހުން ދީފައިވާ ކަމަށެވެ. މި ކޯލިޝަންގައި އެމެރިކާ، އިޒްރޭލް، ސައޫދީ އަރަބިއްޔާ، ޔޫއޭއީ، ގަތަރު، ތުރުކީ، ޕާކިސްތާން، ބަހްރެއިން، ކުވައިތު، އުރުދުން އަދި މިސްރު ހިމެނެ އެވެ.

ރައީސް ޓްރަމްޕް ވިދާޅުވި ގޮތުގައި މި ތާރީހީ އެއްބަސްވުމުގައި ރަސްމީކޮށް ސޮއިކުރާނެ ވަގުތާއި ތަން "ވަރަށް އަވަހަށް އިއުލާން ކުރާނެ" އެވެ.

 އަސްކަރީ ހަމަލާތައް މަޑުޖައްސާލި ނަމަވެސް، އީރާނަށް ދަތިކުރުމަށް އަޅާފައިވާ ފިޔަވަޅުތައް މުޅިން ދޫކޮށްނުލާނެ ކަމަށް ޓްރަމްޕް ވިދާޅުވި އެވެ. އެމެރިކާއިން އީރާންގެ ބަނދަރުތައް ބަންދުކޮށް އަޅާފައިވާ ހުރަސްތައް ވެސް މި އެއްބަސްވުމުގެ ކަންކަން މުޅިން ނިމި ފައިނަލް ވަންދެން އެގޮތުގައި އޮންނާނެ ކަމަށް ޓްރަމްޕު ވިދާޅުވި އެވެ. 

މި ނިންމެވުމާ އެކު މެދުއިރުމަތީގެ މަސްރަހަށް ކުއްލި ބޮޑު ބަދަލެއް  އަންނާނެ ކަމަށް ބެލެވެ އެވެ. މީގެ މަދު ގަޑިއިރުތަކެއް ކުރިންވެސް ރައީސް ޓްރަމްޕް ވަނީ އީރާނަށް "ވަރަށް ވަރުގަދަ" ހަމަލާތަކެއް ދޭނެ ކަމުގެ އިންޒާރު ދެއްވައިފަ އެވެ. އަދި އީރާނުގެ ތެޔޮ އެކްސްޕޯޓުގެ 90 ޕަސެންޓް ކޮންޓްރޯލްކުރާ މައި ހަބް ކަމަށްވާ ޚާރްޖް އެމެރިކާގެ ބާރުގެ ދަށަށް ގެންދާނެ ކަމުގެ އިޝާރާތެއް ވެސް ދެއްވި އެވެ.

ކެންސަލް ކުރި އަސްކަރީ ހަމަލާތަކަކީ މި ހަފުތާގެ ކުރީކޮޅު ހިނގި ވަރުގަދަ ކުރިމަތިލުންތަކުގެ ބަދަލުހިފުމެއްގެ ގޮތުން ރޭވި ހަމަލާތަކެކެވެ. މަސްރަހު އެންމެ ހޫނުވީ އީރާނުން އެމެރިކާގެ އަޕާޗޭ ހެލިކޮޕްޓަރެއް ވައްޓާލުމާއި، ބަހްރެއިން، އުރުދުން އަދި ކުވައިތުގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް ބެލިސްޓިކް މިސައިލް ހަމަލާތަކެއް ދިނުމާ ގުޅިގެންނެވެ.

ބޮޑު ހަނގުރާމައެއްގެ ބިރުވެރިކަން މިވަގުތަށް ފިލައިދިޔަ ކަމުގައި ވިޔަސް، ސަރަހައްދުގެ އަސްކަރީ ބާރުތައް އަދިވެސް އޮތީ އެލާޓްގަ އެވެ. 

ހަމަލާ ކެންސަލްކޮށް އެއްބަސްވުމައިގެން ކުރިއަށްދާން ނިންމިކަން ޓްރަމްޕު އިއުލާނުކުރެއްވުމާ އެކު ތެލުގެ ބާޒާރަށް ވަނީ ވަގުތުން އެނގުންވެ ދަށްވާން ފަށައިފަ އެވެ.