އީރާނާ އެކު ކުރަމުންދާ ހަނގުރާމަ ނިމުމަކަށް ގެނައުމަށްޓަކައި "ފުރިހަމަ އެއްބަސްވުމަކަށް" އާދެވިފައިވާ ކަމަށާއި، މި ހަފުތާ ބަންދު ތެރޭގައި ޔޫރަޕްގައި މި އެއްބަސްވުމުގައި ސޮއިކުރެވޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބުރާސްފަތި ދުވަހު އިއުލާން ކުރައްވައިފި އެވެ.

އަންނަ އާދިއްތަ ދުވަހު ފާހަގަކުރާ އޭނާގެ 80 ވަނަ އުފަންދުވަހާ ދިމާކޮށް ވައިޓް ހައުސްގައި "ކޭޖް ފައިޓް" މުބާރާތެއް ބޭއްވުމަށް ތައްޔާރުވަމުންދާ ޓްރަމްޕް ވިދާޅުވީ، މި އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގައި އެމެރިކާގެ ފަރާތުން ބައިވެރިވެވަޑައިގަންނަވާނީ ނައިބު ރައީސް ޖޭޑީ ވެންސް ކަމަށެވެ.

އީރާނަށް ވަރުގަދަ ޙަމަލާތަކެއް ދޭނެ ކަމަށް އިންޒާރު ދިނުމަށް ފަހު، އެ ނިންމެވުން ކެންސަލް ކުރެއްވިތާ މަދު ގަޑިއިރުތަކެއްގެ ތެރޭގައި ޓްރަމްޕް މިހެން ވިދާޅުވި ނަމަވެސް، އީރާނުން ބުނެފައިވަނީ އަދި އެންމެ ފަހުގެ ނިންމުން އީރާނުން ނުނިންމާ ކަމަށެވެ.

އެއްބަސްވީ ކޮން ކަންތައްތަކަކަށް ކަމުގެ މާ ބޮޑު ތަފްސީލެއް ޓްރަމްޕް ހާމައެއް ނުކުރައްވަ އެވެ.

"އަޅުގަނޑުމެން މިވަނީ އީރާނާ އެކު ކުރަމުންދާ ހަނގުރާމަ ނިމުމަކަށް ގެނައުމަށް ބޮޑު އެއްބަސްވުމެއް ގާއިމުކޮށްފައި،" އޯވަލް އޮފީހުގައި ނޫސްވެރިންނާ ބައްދަލުކުރައްވައި ޓްރަމްޕް ވިދާޅުވި އެވެ.

ޓްރަމްޕް ވިދާޅުވީ ކުރިއަށް އޮތް މަދު ދުވަސްކޮޅެއްގެ ތެރޭގައި ލިޔެކިޔުންތައް ފައިނަލް ކުރުމަށްފަހު، ބޮޑަށް ބެލެވެނީ ޔޫރަޕްގައި ސޮއިކުރުމުގެ ރަސްމިއްޔާތު ބޭއްވުމަށް ކަމަށެވެ. އަދި މިއީ ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމަށް އޭނާ ސިފަކުރެއްވި އެވެ.

މީގެއިތުރުން، މި އެއްބަސްވުމަށް އީރާނުގެ އެންމެ މަތީ ވެރިޔާ މުޖުތަބާ ޚާމަނާއީ އަމިއްލަފުޅަށް ރުހުން ދެއްވާފައިވާ ކަމަށް ގަބޫލުކުރައްވާ ކަމަށާއި، އީރާނުން މިކަމަށް އެއްބަސްވީ އެގައުމަށް "ބޮޑެތި ގެއްލުންތަކެއް" ލިބުމުން ކަމަށް ޓްރަމްޕް ވިދާޅުވި އެވެ. މި އެއްބަސްވުމުގެ ދަށުން އީރާނުން ދުވަހަކު ވެސް ނިއުކްލިއާ ހަތިޔާރެއް ނުއުފައްދާނެ ކަމަށާއި އަދި ބޭރުން ވެސް އެފަދަ ހަތިޔާރެއް ނުގަންނާނެ ކަމަށް ޓްރަމްޕް ވިދާޅުވި އެވެ.

އަދި ހަމައެހެންމެ، ތެލުގެ ވިޔަފާރީގައި މުހިންމު ދައުރެއް އަދާކުރާ، އަދި އީރާނުން ބަންދުކޮށްފައިވާ ކަމަށް ބުނާ ހޮރްމޫޒް ކަނޑުއޮޅި ވެސް މި އެއްބަސްވުމުގައި ސޮއިކުރުމާ އެކު ހުޅުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"މިއީ ވަރަށް ވަރުގަދަ 'މެމޮރެންޑަމް އޮފް އަންޑަސްޓޭންޑިން' އެއް، ނަމަވެސް މިއީ ކުޑަކޮށް ކޮންސެޕްޗުއަލް [ވިސްނުމެއްގެ މައްޗަށް ބިނާވެފައިވާ] އެއްޗެއް،" ޓްރަމްޕް އިތުރަށް ވިދާޅުވި އެވެ.

އީރާނުގެ ނިއުކްލިއާ ޕްރޮގްރާމާ ބެހޭގޮތުން ތަފްސީލްކޮށް ވާހަކަ ދެއްކުމަށް 60 އާއި 90 ދުވަހުގެ މުއްދަތަށް ހަނގުރާމަ ހުއްޓާލުމާ ބެހޭގޮތުން ދެ ގައުމުން ވާހަކަދައްކަމުންދާތާ ހަފުތާތަކެއް ވެފައިވާ ކަމަށް ރިޕޯޓްތައް ބުނެ އެވެ. ނަމަވެސް ޓްރަމްޕް ވިދާޅުވީ އެއްވެސް ސުންގަޑިއެއް ވިދާޅުވާން ބޭނުންނުވާ ކަމަށެވެ. އެއީ މުއްދަތެއް ބުނެފި ނަމަ، އެ މުއްދަތަށް ކަމެއް ނުވުމުން މީޑިއާތަކުން ފާޑުކިޔާނެތީ ކަމަށް އޭނާ ވިދާޅުވި އެވެ.

މިދިޔަ ފެބްރުއަރީ މަހުގެ 28 ވަނަ ދުވަހު އެމެރިކާ އާއި އިޒްރޭލުން އީރާނާ ދެކޮޅަށް ފެށި މި ހަނގުރާމައިގައި، އޭޕްރީލް މަހުގެ ތެރޭގައި ވަނީ ހަމަލާތައް މެދުކަނޑާލަން ވަގުތީ ގޮތުން އެއްބަސްވެފަ އެވެ. ނަމަވެސް ފަހަކަށް އައިސް ދެފަރާތުން ދިޔައީ އަނެއްކާވެސް ހަމަލާތައް ބަދަލުކުރަމުންނެވެ.

"އުފާވެރި ޚަބަރެއް"

"މުޅި މެދުއިރުމަތި އޮތީ އުފަލުން، އަދި މެދުއިރުމަތިން ބޭރުގެ ގައުމުތައް ވެސް،" ޓްރަމްޕް ވިދާޅުވި އެވެ.

މި ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ވަރަށް ބޮޑަށް އުފުލި، އެމެރިކާގެ އިންފްލޭޝަން ރޭޓް ވޭތުވެދިޔަ ތިން އަހަރު ތެރޭގައި ނުދާ ވަރަށް ވަނީ މަތިވެފަ އެވެ.

ފަހަކަށް އައިސް ޓްރަމްޕްގެ ރާގު ހުރީ ދޭތެރެއަކުން އެއްބަސްވުމެއްގެ ވާހަކަ ދެއްކެވުމަށްފަހު، އަނެއްބައި ފަހަރު އީރާނަށް އިންޒާރު ދޭ ގޮތަށެވެ. މިދިޔަ ބުދަ ދުވަހުވެސް އޭނާ ވަނީ އީރާނުން އެމެރިކާއަށް އީރާނުން ޖެއްސުންކުރާ ކަމަށް ތުހުމަތުކުރައްވައިފަ އެވެ.

ބުރާސްފަތި ދުވަހުގެ ހެނދުނު ޓްރަމްޕް އިންޒާރު ދެއްވީ އެދުވަހުގެ ހަވީރު އީރާނަށް "ވަރަށް ވަރުގަދަ" ހަމަލާތަކެއްދީ، އެ ގައުމުގެ ތެލުގެ މުހިންމު ވަސީލަތްތައް އެމެރިކާގެ ބާރުގެ ދަށަށް ގެންނާނެ ކަމަށެވެ.

"މާ ގިނަ އިރެއް ނުވެ، އަޅުގަނޑުމެން ޚާރްގް ޖަޒީރާ އާއި އެހެނިހެން ތެލުގެ ވަސީލަތްތައް ހުރި ތަންތަން އަޅުގަނޑުމެންގެ ބާރުގެ ދަށަށް ގެންގޮސް، ވެނެޒުއޭލާގައި ވެސް ހެދިގޮތަށް އެ ގައުމުގެ ތެލާއި ގޭހުގެ މާކެޓް މުޅިން ކޮންޓްރޯލް ކުރާނަން،" ސޯޝަލް މީޑިއާގައި ޓްރަމްޕް ލިޔުއްވާފައިވެ އެވެ.

ޚާރްގް ޖަޒީރާ އަކީ އީރާނުގެ އިގްތިސާދުގެ މައިނާރަށް ވާއިރު، އެއީ އެ ގައުމުން ތެޔޮ ބޭރުކުރުމުގެ އެންމެ މުހިންމު މަރުކަޒެވެ.

ނަމަވެސް، އޭގެ މަދު ގަޑިއިރުތަކެއް ފަހުން އޭނާ ވަނީ ރާގު ބަދަލުކުރައްވައި، "އެންމެ ފަހުގެ ނުކުތާތަކަށް ހުރިހާ ފަރާތްތަކުން އެއްބަސްވެއްޖެ" ކަމަށް ވިދާޅުވެފަ އެވެ.

"އީރާނުގެ އެންމެ މަތީ ވެރިންނާ އެކު ކުރެވުނު މަޝްވަރާތައް ކާމިޔާބުވެ، އެފަރާތްތަކުން އެއްބަސްވުމަށް ރުހުން ދިނުމާ ގުޅިގެން، މިރޭ އީރާނަށް ދޭން އޮތް ހަމަލާތަކާއި ބޮން އެޅުން އަޅުގަނޑު ވާނީ ކެންސަލްކޮށްފައި،" ސޯޝަލް މީޑިއާގައި ޓްރަމްޕް ލިޔުއްވި އެވެ.

ހަމަލާތައް ކެންސަލް ކުރެއްވިކަން ހާމަކުރެއްވިތާ ދެ ގަޑިއިރުވެސް ނުވަނީސް، ޓްރަމްޕް ވަނީ އީރާނާ އެކު އެއްބަސްވުމަކަށް އާދެވިއްޖެކަން ރަސްމީކޮށް އިއުލާން ކުރައްވައިފަ އެވެ. -- އޭއެފްޕީ