އެމެރިކާ އާއި އީރާނުން ހަނގުރާމަ ހުއްޓާލުމާ ބެހޭ ގޮތުން އެކުލަވާލި އެމްއޯޔޫގައި އާދީއްތަ ދުވަހު ސޮއިކުރާ ގޮތަށް މިހާރު ހަމަޖެހިފައިވާ ކަމަށާއި އެއާ އެކު އެންމެންނަށް ހޮރްމޫޒް ކަނޑުއޮޅި ހުޅުވާލާނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު ވިދާޅުވެއްޖެ އެވެ.
"މި އެއްބަސްވުމުގައި ސޮއިކުރުން މާދަމާއަށް (އެމެރިކާއަށް އާދީއްތަ ދުވަހު) ވަނީ ތާވަލްކޮށްފައި. ސޮއިކުރާ ވަގުތުން ފެށިގެން ހޮރްމޫޒް ކަނޑުއޮޅި އެންމެންނަށް ހުޅުވާލާނެ،" ޓްރަމްޕު އޭނާގެ ޓްރޫތު ސޯޝަލްގައި ލިޔުއްވާފައިވެ އެވެ.
ޓްރަމްޕު މިހެން ވިދާޅުވި އިރު އީރާނުން ވަނީ އެއްބަސްވުމަކަށް އާދެވޭނެ ކަމަށް އުންމީދުކުރާ ކަމަށާއި އެކަމަކު އަދި އާދީއްތަ ދުވަހު އެއްބަސްވުމުގައި ސޮއި ނުކުރާނެ ކަމަށް ކުރިން ބުނެފަ އެވެ.
އެއްބަސްވުމުގައި ހިމެނޭ ކަމަށް މީޑިއާގައި ރިޕޯޓްކޮށްފައިވާ ކަންކަން؛
- ލުބުނާން ހިމެނޭހެން، ހުރިހާ ތަނެއްގައި ހަނގުރާމަ ދާއިމީކޮށް، ވަގުތުން ހުއްޓާލުނ
- އީރާނުގެ ދާހިލީ ކަންކަމުގެ ތެރެއަށް އެމެރިކާއިން ނުވަނުމަށް ވައުދުވުން
- ކަނޑުގެ މަގުން ބަންދުކޮށްފައިވާ ބަނދަރުތައް އެއްކޮށް ދޫކޮށްލުން
- އީރާނުގެ ވަށައިގެންވާ ސަރަހައްދުތަކުން އެމެރިކާގެ ސިފައިން ބޭލުމަށް އެމެރިކާއިން ވައުދުވުން
- އީރާނުގެ އިންތިޒާމުތަކާ އެކު ހޮރްމޫޒް ކަނޑުއޮޅި އަލުން ހުޅުވާލުން
- ތެލާއި ގޭސް ވިއްކުމާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް ހުއްޓާލުމާއި، އީރާނުގެ މާލީ ވަސީލަތްތަކަށް ފުރިހަމައަށް ވާސިލުވެވޭނެ ގޮތް ހެދުން
- އެމެރިކާ އަދި އެމެރިކާގެ ބައިވެރިން ގުޅިގެން، އީރާން އަލުން ބިނާކުރުމަށް މަދުވެގެން 300 ބިލިއަން ޑޮލަރުގެ ޕްލޭނެއް ހުށަހެޅުން
- ނިއުކްލިއާ މައްސަލައިގައި ފައިނަލް އެއްބަސްވުމަކަށް ދިއުމަށްޓަކައި 60 ދުވަހުގެ މަޝްވަރާތަކެއް ކުރިއަށް ގެންދިއުން
- މި 60 ދުވަހުގެ ތެރޭގައި، ހިފަހައްޓާފައިވާ އީރާނުގެ 24 ބިލިއަން ޑޮލަރުގެ ފަންޑު ދޫކޮށްލުމާއި، އޭގެ ތެރެއިން ދެބައިކުޅައެއްބަޔަށް ވަގުތުން ވާސިލުވެވޭނެ ގޮތް ހެދުން
- އެއްބަސްވުން ތަންފީޒުކުރުމަށްޓަކައި މޮނިޓަރިންގް މެކޭނިޒަމެއް ގާއިމުކުރުން
- ފައިނަލް އެއްބަސްވުން ފާސްކުރާނީ އދ. ގެ ސަލާމަތީ މަޖިލީހުގެ ގަރާރަކުން
ސުލްހައިގެ މެދުވެރިއެއްގެ ދައުރު އަދާކުރި ޕާކިސްތާނުން ވެސް މިއަދު ވަނީ ކުރިއަށް އޮތް 24 ގަޑިއިރު ތެރޭ އެއްބަސްވުމުގައި ސޮއިކުރެވިދާނެ ކަމަށް ބުނެފަ އެވެ. އީރާނުން ބުނެފައިވާ ގޮތުގައި އެއްބަސްވުމުގައި ސޮއިކުރާނީ ހާއްސަ ރަސްމިއްޔާތެއް ބޭއްވުމުގެ ބަދަލުގައިގައި "ރިމޯޓްކޮށް، ޑިޖިޓަލް" ކޮށެވެ.
"މަޝްވަރާތަކުގެ ފަހު މަރުހަލާތައް ނިމުނުހާ އަވަހަކަށް، މި އެއްބަސްވުމުގައި ސޮއިކޮށް އިއުލާން ކުރެވޭނެ. ސޮއިކުރުން ފުރަތަމަ އޮންނާނީ ޑިޖިޓަލްކޮށް. ކޮންމެ ފަރާތަކުން ވެސް ސޮއިކުރާނީ ރިމޯޓްކޮށް. އެއަށްފަހު، ދެ ފަރާތުން މި އެމްއޯޔޫގައި ސޮއިކޮށްފިކަން އިއުލާންކުރާނެ،" ދައުލަތުގެ ޓީވީއަށް ދެއްވި އިންޓަވިއުއެއްގައި އީރާންގެ ފޮރިން މިނިސްޓަރު އައްބާސް އަރަގްޗީ އިއްޔެ ވިދާޅުވި އެވެ.
ފެބްރުއަރީ 28 ގައި އެމެރިކާ އާއި އިޒްރޭލުން އީރާނަށް ހަމަލާދީ އިސް ވެރިންނާއި އަސްކަރީ ކޮމާންޑަރުން އަވަހާރަކޮށްލުމުން ފެށުނު ހަނގުރާމަ ހުއްޓާލުމަށް އަމާޒުކޮށް ހެދި "އިސްލާމްއާބާދު މެމޮރެންޑަމް އޮފް އަންޑަސްޓޭންޑިން" އެންމެ ފަހުން ހަގީގަތަށް ވާނެ ކަމުގެ އުންމީދާ އެކު ބާޒާރުގައި ވަނީ ތެލުގެ އަގު ވެސް ދަށަށް ދާން ފަށައިފަ އެވެ.
ހަނގުރާމަ ފެށުނު ފަހުން، ދުނިޔޭގެ ކަނޑުދަތުރުފަތުރުގެ އަދި ހާއްސަކޮށް ތެޔޮ ސަޕްލައިކުރުމުގެ މުހިންމު މަގެއް ކަމަށްވާ ހޮރްމޫޒް ކަނޑުއޮޅީގެ ކޮންޓްރޯލް އޮތީ އީރާނުގެ ދަށުގަ އެވެ. އެ ސަރަހައްދުން ދަތުރުކުރުމުގެ ހުއްދަ އީރާނުން ދެނީ ވަރަށް މަދު އުޅަނދަކަށެވެ. އަދި އެތަނުން ހުރަސްކުރާ އުޅަނދުތަކުން އީރާނު ސިފައިންގެ ހުއްދަ ހޯދަންޖެހޭނެ ކަމަށް އީރާނުން ބުނެ އެވެ.