މެދުއިރުމަތީގެ ހަނގުރާމަ ހުއްޓާލުގެ އެއްބަސްވުމުގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި އިރާނުގެ ރައީސް މަސްއޫދު ޕެޒެޝްކިއަން ބުދަ ދުވަހު ސޮއިކުރައްވައިފި އެވެ.

އިރާނުން މުއްސަނދިކޮށްފައިވާ ޔުރޭނިއަމް 'ޑައިލޫޓްކޮށް' ބާރު ދަށްކުރުމަށާއި އެކަމުގެ ބަދަލުގައި އެގައުމަށް އިގްތިސާދީ ބޮޑެތި ލުއިތަކެއް ދިނުމަށް މި އެއްބަސްވުމުގައިވެ އެވެ.

ޓްރަމްޕް މި އެއްބަސްވުމުގައި ސޮއިކުރެއްވީ ޖީ7 ސަމިޓަށް ފަހު ފްރާންސްގެ ޕެލަސް އޮފް ވާސައިގައި ފްރާންސްގެ ރައީސް އެމަނުއެލް މެކްރޮންއާ އެކު ބޭއްވި ފަރިއްކޮޅެއްގެ ތެރޭގައި ކަމަށް އެމެރިކާގެ އޮފިޝަލަކު އޭއެފްޕީއަށް ކަށަވަރުކޮށްދެއްވި އެވެ.

ގަނޑުވަރުން ނިކުމެވަޑައިގަންނަވަމުން ޓްރަމްޕް ވަނީ"މިހާރު ސޮއިކޮށްފިން" ކަމަށް ނޫސްވެރިންނަށް ވިދާޅުވެފަ އެވެ.

އިރާނުގެ ދައުލަތުގެ ނިއުސް އެޖެންސީ (އައިއާރްއެންއޭ) އިން ވަނީ ދެ ގައުމުގެ ރައީސުންގެ ސޮޔާއެކު މި ލިޔުން މިހާރު ފައިނަލްވެއްޖެ ކަމަށް އެގައުމުގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު އިސްމާއިލް ބަގާއީއާ ހަވާލާދީ ބުނެފަ އެވެ.

މި އެއްބަސްވުމުގެ ބޭނުމަކީ ފެބްރުއަރީ 28 ގައި އެމެރިކާ އާއި އިޒްރޭލުން ފެށި ހަނގުރާމައަށް ނިމުމެއް ގެނައުމެވެ. އެ ހަނގުރާމައިގެ ސަބަބުން އިރާނުން ވަނީ މުޅި ސަރަހައްދަށް މިސައިލާއި ޑްރޯން ހަމަލާތަކުން ރައްދު ދީފަ އެވެ. އަދި ދުނިޔޭގެ އިގްތިސާދަށް މުހިންމު ކަނޑުގެ ސަރަހައްދެއް ކަމަށްވާ ހޮރްމޫޒް ކަނޑުއޮޅި ބަންދުކުރި އެވެ.

ބަގާއީ ވިދާޅުވީ، "މިހާރު މިއީ އެއްބަސްވުން ތަންފީޒުވަމުންދާ ގޮތް ބަލަންވީ ވަގުތު" ކަމަށެވެ.

އެއްބަސްވުމުގެ ދަށުން، އެމެރިކާއިން ވަނީ އިރާނުގެ އިގްތިސާދަށް ބޮޑެތި ގެއްލުންތަކެއްވަމުންދާ، ތެލުގެ އެކްސްޕޯޓާ ދެކޮޅު ދަތިކުރުމުގެ ފިޔަވަޅުތައް ވަގުތުން އުވާލުމަށް އެއްބަސްވެފަ އެވެ. އަދި އިރާނުގެ ނިއުކްލިއާ ޕްރޮގްރާމާ ބެހޭގޮތުން ފައިނަލް އެއްބަސްވުމަކަށް އާދެވުމުން، ސަރަހައްދީ ގައުމުތަކުގެ އެހީއާ އެކު އެކުލަވާލާ 300 ބިލިއަން ޑޮލަރުގެ އާރާސްތުކުރުމުގެ ފަންޑެއް ދޫކުރުމަށް ވެސް އެމެރިކާއިން މަގުފަހިކޮށްދޭނެ ކަމަށް އެއްބަސްވުމުގައިވެ އެވެ.

ކުރިން ރާވާފައި އޮތީ މި އެއްބަސްވުމުގައި ސޮއިކުރާނީ އިރާނުގެ ގާނޫނު މަޖިލީހުގެ ރައީސް މުހައްމަދު ބާގިރު ގާލިބާފް އާއި އެމެރިކާގެ ނައިބު ރައީސް ޖޭޑީ ވެންސް ކަމަށެވެ. ނަމަވެސް، އިރާނުން ބުނީ މިހާރު ދެ ބޭފުޅުން ބައްދަލުވެވަޑައިގެން ރަސްމިއްޔާތެއް ބޭއްވުން މުހިންމު ނޫން ކަމަށެވެ.

މި އެއްބަސްވުމުގައި ދެ ގައުމުގެ ރައީސުން ސޮއިކުރެއްވި ނަމަވެސް ހުކުރު ދުވަހު ސްވިޓްޒަލެންޑުގައި މިކަމަށް ހާއްސަ ރަސްމިއްޔާތެއް ބާއްވަން ވެސް ނިންމާފައިވެ އެވެ. 

'ބޮޑު ކާމިޔާބީއެއް'

އިރާނުން ބުނަމުންދަނީ މި އެއްބަސްވުމުން ދައްކައިދެނީ އެމެރިކާގެ "ނާކާމިޔާބީ"  ކަމަށެވެ.

ބުދަ ދުވަހުގެ ރޭ ދެ ފަރާތުން އެއްބަސްވުމުގެ ލިޔުންތައް އާންމުކުރުމާ ގުޅިގެން ގާލިބާފް ދައުލަތުގެ ޓީވީގައި ވިދާޅުވީ، "ރައްޔިތުން މިކަން ފެނި އިންސާފުކުރާނެ" ކަމަށެވެ.

މި އެއްބަސްވުމުގެ ސަބަބުން މުޅި ދުނިޔެއަށް ކުރާނެ އަސަރު ފާހަގަކުރަމުން ޗައިނާއިން ބުދަ ދުވަހު ބުނީ، ހުރިހާ ފަރާތްތަކަކުން ވެސް އެއްބަސްވުންތަކަށް "އިހުލާސްތެރިކަމާ އެކު އަމަލުކުރުން" މުހިންމު ކަމަށް އެގައުމުގެ އިސް ޑިޕްލޮމެޓް އިރާނަށް އަންގާފައިވާ ކަމަށެވެ.

ނަމަވެސް، އެމެރިކާގެ 13 ސިފައިން މަރުވެ، ގިނަ އަދަދެއްގެ ހަތިޔާރު ހުސްވި މި ހަނގުރާމަ ހުއްޓާލުމަށް ޓްރަމްޕް ނިންމެވި ނިންމެވުމުގެ ސަބަބުން އެމެރިކާގައި ސިޔާސީ ބައެއް ބައިވެރިން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

މި އެއްބަސްވުމަކީ ހަމައެކަނި ވަގުތީ އިންތިޒާމެކެވެ. މީގެ ބޭނުމަކީ އިރާނުގެ ނިއުކްލިއާ ބާރުވެރިކަމާ ބެހޭގޮތުން ދިގުމުއްދަތުގެ މަޝްވަރާތައް ފެށުމަށް ވަގުތު ހޯދުމެވެ. އެމެރިކާއިން އަބަދުވެސް ތުހުމަތުކުރާ ގޮތުގައި އިރާނުން ސިއްރިއްޔާތުގައި ނިއުކްލިއާ ބޮން އުފެއްދުމުގެ ޕްރޮގްރާމެއް ހިންގަ އެވެ.

ޓްރަމްޕް ބުދަ ދުވަހު ވިދާޅުވީ، އިރާނުން މި އެއްބަސްވުމާ ހިލާފުވެއްޖެ ނަމަ އެގައުމަށް "ވަރުގަދަ ހަމަލާތަކެއްދީ ސުންނާފަތިކޮށްލަން" ތައްޔާރަށް ހުންނެވި ކަމަށެވެ.

އެކަމަކު ޓްރަމްޕްގެ ރިޕަބްލިކަން ޕާޓީއަށް ނިސްބަތްވާ އެމެރިކާގެ ސެނެޓަރު ބިލް ކެސިޑީ ވަނީ މިކަމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ.

"އިރާނުގެ ނިއުކްލިއާ އުންމީދުތަކެއް ހުއްޓުވައެއް ނުލެވުނު. އަދި ހޮރްމޫޒް ކަނޑުއޮޅި ބަންދުކުރާނެ ކަމުގެ ބިރުދެއްކުމުން ކަންކަން ކާމިޔާބުވާކަން އެ މީހުންނަށް އެނގިއްޖެ،" އޭނާ ވިދާޅުވި އެވެ. "ދަތިކުރުމުގެ ފިޔަވަޅުތައް އުވާލެވޭނެ، އަދި ބޮން އެޅުން ހުއްޓިއްޖެ. މިއީ ފާއިތުވި އެތައް އަހަރެއްގައި ހާރިޖީ ސިޔާސަތުގައި ހެދި އެންމެ ބޮޑު ގޯސް."

ލުބުނާނުގެ ހިޒްބުالله ޖަމާއަތުގެ ވެރިޔާ ނައީމް ގާސިމް ބުދަ ދުވަހު މި އެއްބަސްވުން ސިފަކުރެއްވީ އިރާނަށް ލިބުނު "ބޮޑު ކާމިޔާބީއެއް" ގެ ގޮތުގަ އެވެ. އޭނާ ވަނީ މި ސުލްހައިގެ އެއްބަސްވުމުގައި ލުބުނާނު ހިމެނުމަށް އިރާނުން ބާރުއެޅުމުން އެ ގައުމަށް ޝުކުރު އަދާކުރައްވައިފަ އެވެ. އިރާނަށް ތާއީދުކޮށް މާޗް 2 ގައި ހިޒްބުالله އިން އިޒްރޭލަށް ރޮކެޓް ހަމަލާތަކެއް ދިނުމާ ގުޅިގެން ލުބުނާނު ވެސް އޮތީ މި ހަނގުރާމައިގެ ތެރެއަށް ވަދެފަ އެވެ.

މަޝްވަރާތައް ފެށުން

އެއްބަސްވުމާ އެކު މިހާރު މިވަނީ ދެ މަސް ދުވަހުގެ މަޝްވަރާގެ މުއްދަތެއް ފެށިފަ އެވެ. މީގެ ފުރަތަމަ ފިޔަވަޅަކީ ގިނަ ބަޔަކު އިންތިޒާރުކުރަމުންދާ ހޮމޫޒް ކަނޑުއޮޅި އަލުން ހުޅުވާލުމެވެ.

އެމެރިކާގެ އޮފިޝަލުން އާންމުކުރި އެއްބަސްވުމުގެ مާއްދާތަކުގައިވާ ގޮތުން، އިރާނުން އެގައުމުގައި ހުރި މުއްސަނދިކޮށްފައިވާ ޔުރޭނިއަމްގެ މިންވަރު ދަށްކުރާނެ އެވެ. މިކަން ކުރާނީ އދ. ގެ ނިއުކްލިއާ އިދާރާރާ (އައިއޭއީއޭ) ގެ ބެލުމުގެ ދަށުން އެ ގައުމުގައި ތިބެގެންނެވެ. މީގެ ބަދަލުގައި އިރާނަށް ދިގުމުއްދަތުގެ އިގްތިސާދީ އެހީތެރިކަން ލިބޭނެ އެވެ. ނަމަވެސް އެމެރިކާގެ އޮފިޝަލަކު ވިދާޅުވީ މިކަމަށް އެމެރިކާއިން މާލީގޮތުން އެއްވެސް ހަރަދެއް ކުރަން ނުޖެހޭނެ ކަމަށެވެ.