މޯދީއާ ދެކޮޅަށް ނުކުތުމަށް ދެ ޕާޓީއެއް އިއްތިހާދުވެއްޖެ

ނިއު ދިއްލީ (ޖެނުއަރީ 12) - އިންޑިއާގައި މި އަހަރު ބާއްވާ އާއްމު އިންތިޚާބުގައި ބޮޑު ވަޒީރު ނަރެންދުރަ މޯދީއާ ދެކޮޅަށް ނުކުތުމަށް ދެ ޕާޓީއެއް އިއްތިހާދުވެއްޖެ އެވެ.


ސަރަހައްދީ ޕާޓީތައް ހިމެނޭ ސަމަޖްވާދީ ޕާޓީ (އެސްޕީ) އާއި ބަހުޖާން ސަމަޖް ޕާޓީ (ބީއެސްޕީ) އިއްތިހާދުވެ ދެ ޕާޓީން ވަނީ މޯދީއާ ދެކޮޅަށް ގުޅިގެން މަސައްކަތް ކުރާނެކަން އެ ޕާޓީތަކުގެ ލީޑަރުން އިއުލާންކޮށްފަ އެވެ. އުއްތަރަ ޕްރަދޭޝް ސްޓޭޓުގެ 80 މެންބަރުން ފެޑެރަލް ޕާލަމެންޓުގައި ހިމެނެ އެވެ. ދެ ޕާޓީން ވަނީ ގުޅިގެން 76 ގޮނޑި އަށް ވާދަކުރަން ނިންމައިފަ އެވެ.

"މި ނިންމުމަކީ ބޮޑު ވަޒީރު މޯދީ އާއި ބީޖޭޕީގެ ލީޑަރު އަމިތު ޝާހް ނިދިން މަހްރޫމްކޮށްލާނެ ނިންމުމެއް،" ބީއެސްޕީގެ ލީޑަރު ކުމާރީ މަޔަވަތީ ވިދާޅުވި އެވެ.

ސްޓޭޓުގެ ޗީފް މިނިސްޓަރުކަން ވެސް ކުރެއްވި މަޔަވަތީ ވިދާޅުވީ ދެ ޕާޓީ ގުޅުމަކީ އިންޑިއާގައި ސިޔާސީ ގޮތުން ގެނައި އިންގިލާބެއް ކަމަށެވެ.

ބީއެސްޕީގެ ލީޑަރު އަކިލޭޝް ޔަދާވް ވިދާޅުވީ ބީޖޭޕީގެ ނާކާމިޔާބީތައް ފޮރުވުމަށް ދަނީ ބިރުވެރި މާހައުލެއް އުފައްދަން މަސައްކަތް ކުރަމުން ކަމަށެވެ.

"މިއީ ބީޖޭޕީ އަށް ވަރަށް ބޮޑު ގޮންޖެހުމަކަށްވާނެ،" ސްޓޭޓުގެ ޗީފް މިނިސްޓަރުކަން ވެސް ކުރައްވާފައިވާ ޔަދާވް ވިދާޅުވި އެވެ.

އުއްތަރަ ޕްރަދޭޝް ސްޓޭޓުގެ ވެރިކަން މިހާރު އޮތީ ބީޖޭޕީއަށެވެ.