ސްޓްރޯކެެއް ޖެހުނު އިޒްރޭލުގެ ކުރީގެ ރައީސް ޕެރޭޒްގެ ހާލު ކުޑަތަންކޮޅެއް ރަނގަޅު

ތެލް އަވީވް (ސެޕްޓެމްބަރު 15) - ސްޓްރޯކެއް ޖެހިގެން އައިސީޔޫގައި މިހާރު ފަރުވާ ދެމުންދާ އިޒްރޭލުގެ ކުރީގެ ރައީސް ޝިމޮން ޕެރޭޒުގެ ހާލު ވަރަށް ކުޑަ ތަންކޮޅެއް ރަނގަޅު ކަމަށް އޭނާ އަށް ފަރުވާ ދެމުންދާ ޑޮކްޓަރުން ބުނެފި އެވެ.


ތެލް އަވީވުގެ ޝެބާ މެޑިކަލް ސެންޓަރުގައި ފަރުވާ ދެމުންދާ 93 އަހަރުގެ ޕެރޭޒް މިހާރު އޮތީ ހޭނައްތާ ބޭސް ދީފައި ވެންޓިލޭޓަރުގައި ބާއްވައިފަ އެވެ. ހޮސްޕިޓަލުގެ ޑިރެކްޓަރު ޔިޒަކް ކްރެއިސް ވިދާޅުވީ ޑޮކްޓަރުން މިހާރު ދަނީ ޕެރޭޒް ނިންދާފައި އޮތް މިންވަރު ދަށް ކުރަމުން ކަމަށާއި އެއީ ހާލަތު ވަޒަން ކުރަން ކަމަށެވެ. އަދި މިއީ ރަނގަޅު ނިޝާނެއް ކަމަށް އޭނާ ވިދާޅުވި އެވެ.

ނޯބެލް ސުލްހައިގެ އިނާމު ހިއްސާކޮށްފައިވާ ޕެރޭޒަށް ފަރުވާ ދޭ ޑޮކްޓަރުންގެ ޓީމުގައި ހިމެނޭ އޭނާގެ ދަނބިދަރިއެއް ކަމަށްވާ ރާފީ ވާލްޑެން ވިދާޅުވީ ޕެރޭޒުގެ ފުރާނަ އަށް މި ވަގުތު ނުރައްކަލެއް ނެތް ކަމަށެވެ. އަދި ޑޮކްޓަރުން ދައްކާ ވާހަކަ ޕެރޭޒަށް މިހާރު ފަހުމްވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

1994 ވަނަ އަހަރުގެ ނޯބެލް ސުލްހައިގެ އިނާމު ވަނީ ޕެރޭޒް (މ) އާއި ފަލަސްތީނުގެ ކުރީގެ ރައީސް ޔާސިރު އަރަފާތާއި އިޒްރޭލުގެ ކުރީގެ ބޮޑު ވަޒީރު ރަބީން އަށް ލިބިވަޑައިގެންފައި.

ޝެބާ މެޑިކަލް ސެންޓަރަށް ޕެރޭޒް މިދިޔަ އަންގާރަ ދުވަހު ގެންދިޔައީ ތަގްރީރެއް ނިންމަވާލެއްވި ތަނުން ބޮލުގައި ރިއްސަން ފެށުމުން ޓެސްޓްތަކެއް ހެދުމަށެވެ. ސްޓްރޯކެއް ޖެހުނީ ހޮސްޕިޓަލުގައި އޮންނަވަނިކޮށެވެ. ޕްރޮފެސާ ވާލްޑަން ވިދާޅުވީ ޕެރޭޒްގެ ސިކުނޑި އަށް ގެއްލުން ލިބިފައިވާ މިންވަރާ މެދު އެއްޗެއް ބުނަން އަދި ނޭނގޭ ކަމަށެވެ.

ޕެޒޭރަކީ އިޒްރޭލުގައި ވަރަށް މަޝްހޫރު ބޭފުޅަކަށް ވާތީ އޭނާގެ ހާލަތު ދަނީ ވަރަށް ގިނަ ބަޔަކު ބަލަމުންނެވެ. އިޒްރޭލް، 1948 ވަނަ އަހަރު އުފެއްދި ފަހުން ޕެރޭޒް ވަނީ ގާތްގަނޑަކަށް ހުރިހާ ސިޔާސީ އޮފީހެއްގައި މަސައްކަތް ކުރައްވައިފަ އެވެ. އިޒްރޭލުގައި ދެ ފަހަރެއްގެ މަތިން ބޮޑު ވަޒީރުކަން ކުރައްވާފައިވާ ޕެރޭޒް އިޒްރޭލުގެ ރައީސްކަން ކުރެއްވީ 2007 އިން 2014 އަށެވެ. އޮސްލޯ ސުލްހައިގެ އެއްބަސްވުމަށް ކުރެއްވި މަސައްކަތާ ގުޅިގެން 1994 ވަނަ އަހަރު ވަނީ ޕެރޭޒަށް ނޯބެލް ސުލްހައިގެ އިނާމު ލިބިވަޑައިގެންފަ އެވެ. އެ ފަހަރުގެ ސުލްހައިގެ އިނާމު ވަނީ ޕަލަސްތީނުގެ ކުރީގެ ރައީސް ޔާސިރު އަރަފާތަށާއި އިޒްރޭލުގެ ކުރީގެ ބޮޑު ވަޒީރު ޔިޒަކް ރަބީން އަށް ވެސް ލިބިވަޑައިގެންފަ އެވެ.

ވެރިކަމުން ވަކިވެވަޑައިގަތުމަށް ފަހު ޕެރޭޒް ވަނީ ފަލަސްތީނާއި އިޒްރޭލުގެ ސުލްހަ އަށް މަސައްކަތް ކުރުމަށް އެމަނިކުފާން އުފައްދަވާފައިވާ ޕެރޭޒް ސެންޓަ ފޯ ޕީސްގައި މަސައްކަތް ކުރައްވަން ފައްޓަވައިފަ އެވެ. ޕެރޭޒަށް ޖެނުއަރީ މަހު ވަނީ ހާޓް އެޓޭކެއް ޖެހިފަ އެވެ.