ވޮޝިންޓަން (އޮގަސްޓް 15) - އީރާނުން ވެނެޒުއެލާ އަށް ފޮނުވި ތެޔޮ ޝިޕްމެންޓެއް ހިފަހައްޓާފައިވާ ކަމަށް އެމެރިކާ އިން ބުނެފި އެވެ.

ޖަސްޓިސް ޑިޕާޓްމަންޓުން ބުނީ ގާތްގަނޑަކަށް 1.1 މިލިއަން ފީފާގެ ތެޔޮ ހިފެހެއްޓީ ބޭރުގެ ފަރާތްތަކުގެ އެހީއާ އެކު ކަމަށެވެ. އަދި އެއީ އެ ގޮތަށް ހިފެހެއްޓި އެންމެ ގިނަ އަދަދެއްގެ ތެޔޮ ކަމަށް ވެސް އެމެރިކާ އިން ބުނެފައިވެ އެވެ.

އީރާނުން ވެނެޒުއެލާ އަށް ކަނޑައަޅާފައި ހުންނަ ސަފީރު ހަޖާތު ސުލްތާނީ ވިދާޅުވީ އެމެރިކާ އިން ހިފަހައްޓާފައި ވަނީ އީރާނުގެ ބޯޓުތަކެއް ނޫން ކަމަށާއި އެ ބޯޓުތަކުގެ ވެރިންނަކީ ވެސް އީރާން ބައެއް ނޫން ކަމަށެވެ. އަދި އެއީ އެމެރިކާއިން ފަތުރާ ޕްރޮޕަގެންޑާއެއް ކަމަށް އޭނާ ވިދާޅުވި އެވެ.

އީރާނުން ވެނެޒުއެލާ އަށް ތެޔޮ ސަޕްލައިކުރާ ހަތަރު ޓޭންކަރެއްގެ މައްސަލަ އެމެރިކާ އިން މިދިޔަ މަހު ވަނީ ކޯޓަށް ހުށަހަޅައިފަ އެވެ. އަދި އެ ޓޭންކަރުތައް ހިފެހެއްޓުމުގެ ކޯޓު އަމުރެއް ވަނީ ނެރެފަ އެވެ.

ޖަސްޓިސް ޑިޕާޓްމަންޓުން ހުކުރު ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައިއާރްޖީސީ) ގެ މަލްޓިމިލިއަން ޑޮލަރުގެ ތެޔޮ ޝިޕްމަންޓް ހިފަހައްޓާފައިވާ ކަމަށެވެ. އައިއާރްޖީސީ އަކީ އީރާނުގެ އަސްކަރިއްޔާގެ ބަޔެކެވެ. އައިއާރްޖީސީ އަކީ ބޭރުގެ ޓެރަރިސްޓް ޖަމާއަތެއް ކަމަށް އެމެރިކާ އިން ވަނީ ކަނޑައަޅައިފަ އެވެ.

"ހިފެހެއްޓި ތެޔޮ މިހާރު ހުރީ އެމެރިކާގެ ބެލުމުގެ ދަށުގައި،" ބަޔާނުގައި ބުނެފައިވެ އެވެ.

ބޯޓުތައް ހިފެހެއްޓި އިރަކާއި ސަރަހައްދެއް ހާމަކޮށްފައެއް ނުވެ އެވެ. ޖަސްޓިސް ޑިޕާޓްމަންޓުން ބުނެފައި ވަނީ ތެޔޮ ޓޭންކަރުތައް ހިފެހެއްޓުމުން އީރާނުގެ ކަނޑުގެ ސިފައިން ވަނީ އެ ޓޭންކަރުތަކުގައި ހުރި ތެޔޮ ސަލާމަތް ކުރުމަށް ނާކާމިޔާބު އޮޕަރޭޝަނެއް ހިންގާފައި ކަމަށެވެ.

އެމެރިކާގެ އޮފިޝަލަކު ވިދާޅުވެފައި ވަނީ ތެޔޮ ބޯޓުތައް ހިފެހެއްޓުމުގައި އަސްކަރީ އެހީ ބޭނުންކޮށްފައި ނުވާ ކަމަށެވެ. އޭގެ ބަދަލުގައި އެމެރިކާ އިން އެކަންކޮށްފައި ވަނީ ބޯޓުތަކުގެ ވެރިންނާއި އެ ބޯޓުތައް އިންޝުއާކޮށްފައިވާ ފަރާތްތަކާ އަދި އެ އުޅަނދުތަކުގެ ކެޕްޓަނުންނަށް ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރުދީގެން ކަމަށެވެ.

އީރާނުގެ ތެޔޮ ވެނެޒުއެލާ އަށް އުފުލި ހަތަރު އުޅަނދު ކަމަށްވާ ބެއްލާ، ބެރިން، ޕަންޑީ އަދި ލޫނާ މިހާރު ވީ ކޮންތާކު ކަމެއް ނޭނގެ އެވެ.

ތެޔޮ އެކްސްޕޯޓް ކުރުން ހުއްޓުވުމަށް އީރާނާއި ވެނެޒުއެލާއާ ދެކޮޅަށް އީރާނުން ވަނީ ހަރުކަށި ފިޔަވަޅު އަޅައިފަ އެވެ. އެމެރިކާ އިން ބޭނުން ވަނީ ވެނެޒުއެލާގެ ރައީސްކަމުން ނިކޮލަސް މަދޫރޯ ދުރުކޮށް އީރާނުގެ ވެރިންގެ އުސޫލްތައް ބަދަލު ކުރުމަށެވެ.