މާނޭ ފަހު ވަގުތު ލިވަޕޫލްގެ ލީޑު ދަމަހައްޓައިދީފި

ލަންޑަން (ނޮވެމްބަރު 3) - އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ އިތުރު ވަގުތުގައި ސަޑިއޯ މާނޭ ޖެހި ގޯލުން 2-1 އިން އެސްޓަން ވިލާ އަތުން މޮޅުވެ ލީގުގެ އެއް ވަނައިގައި ލިވަޕޫލުން ހަ ޕޮއިންޓުގެ ލީޑު ދަމަހައްޓައިފި އެވެ.


ލިވަޕޫލް އެއް ވަނައިގައި އޮތީ 11 މެޗުން 31 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް މެންޗެސްޓާ ސިޓީ ވެސް ވަނީ ފަހަތުން އަރައި އަމިއްލަ ދަނޑުގައި 2-1 އިން ސައުތެމްޓަން ބަލިކޮށްފަ އެވެ. ސިޓީ އަށް 11 މެޗުން ލިބިފައިވަނީ 25 ޕޮއިންޓެވެ. ލީގުގައި އަންނަ ހަފްތާގައި ލިވަޕޫލް އަމިއްލަ ދަނޑުގައި ނުކުންނާނީ ސިޓީއާ ދެކޮޅަށެވެ.

ޗެލްސީ ތިން ވަނަ އަށް އެރީ ރަށުން ބޭރުގައި ވަޓްފޯޑް އަތުން 2-1 އިން ހޯދި މޮޅާ އެކު 11 މެޗުން 23 ޕޮއިންޓް ހަަމަކޮށްގެންނެވެ.

ވިލާ ޕާކުގައި ކުޅުނު މެޗުގައި ލީޑުނެގީ އެސްޓަން ވިލާ އިންނެވެ. މެޗުގެ 21 ވަނަ މިނިޓްގައި މިސްރުގެ ވިންގް މަހުމޫދު ޓްރެޒެގޭ ޖެހި ގޯލުން އެސްޓަން ވިލާ އިން ލީޑުނެގިއިރު، މެޗުގެ ފަހު އަށް މިނިޓާ ހަމައަށް ކުރީގައި އޮތީ އެ ޓީމެވެ. ލިވަޕޫލަށް އެއްވަރުކޮށްދިން ލަނޑު ޖެހީ މެޗުގެ 87 ވަނަ މިނިޓްގައި މާނޭ ނަގައިދިން ހުރަހަކުން އެންޑީ ރޮބަޓްސަަން އެވެ. މާނޭ ލިވަޕޫލް މޮޅުކޮށްދިން ލަނޑު ޖެހީ އިތުރު ވަގުތުގެ ފަހު މިނިޓްގައި އަލެކްސަންޑަ އާނޯލްޑް ނަގައިިދިން ކޯނަރަކުން ބޮލުންނެވެ. މި މެޗުގެ ފުރަތަމަ ހާފުގައި ލިވަޕޫލްގެ ރޮބާޓޯ ފިރްމީނޯ ޖެހި ގޯލެއް ވަނީ އޮފްސައިޑް ކަމަށް ނިންމައިފަ އެވެ.

ލިވަޕޫލްގެ ކޯޗު ޔާގެން ކްލޮޕް ބުނީ ތަނަވަސްކުރެވުނު ފުރުސަތުތަކަށް ބަލާއިރު މެޗުން ނަތީޖާއެއް ނެރެވޭނެ ކަމަށް އުއްމީދުކުރި ކަމަށާއި އެކަން ހާސިލްކުރެވުނީ ކުޅުންތެރިން ވެސް އެ އިތުބާރުގައި ކުޅުމުން ކަމަށެވެ.

މެޗަށް ފަހު ސިޓީގެ ކޯޗު ގާޑިއޯލާ (ކ) އެ ޓީމުގެ އަގުއޭރޯއާ އެކު. -- ފޮޓޯ: އޭއެފްޕީ

ސިޓީގެ އިއްތިހާދު ސްޓޭޑިއަމްގައި ކުޅުނު މެޗުން އެ ޓީމު ކޮޅަށް ގޯލު ޖަހައި ސައުތެމްޓަނަށް ލީޑުނަގައިދިނީ ޖޭމްސް ވޯޑް-ޕްރައުސް އެވެ. ދެ ވަނަ ހާފްގައި ސިޓީން ނަތީޖާ އަނބުރާލީ ސާޖިއޯ އަގުއޭރޯ އާއި ކައިލް ވޯކާ ޖެހި ގޯލުތަކުންނެވެ.

ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުނީ މި މެޗުން ވިސްނަން ޖެހޭނެ ކަންތައްތަކެއް ދަސްވި ކަމަށާއި ގިނަ ފުރުސަތުތަކެއް ތަނަވަސްކުރެވިފައި ގޯލު ނުޖެހުމުން ޕްރެޝަރު އޮތަސް އަމިއްލަ އަށް ގޯސް ފިޔަވަޅުތަކެއް އެޅިގެން ނުވާނެ ކަމަށެވެ.

ލީގުގެ ފުލުގައި އޮތް ވެޓްފޯޑް ކޮޅަށް ޗެލްސީގެ ގޯލުތައް ޖެހީ ޓެމީ އަބްރަހަމް އާއި މި ވަގުތު ރަނގަޅު ފޯމެއްގައި ހުރި އެމެރިކާގެ މިޑްފީލްޑަރު ކްރިސްޓިއަން ޕުލިސިޗް އެވެ. ވެޓްފޯޑްގެ ހަމައެކަނި ގޯލު ޖެހީ ލިބުނު ޕެނަލްޓީ އަކުން ޖެރާޑް ޑެލޮފޭއު އެވެ. މިއީ ރަށުން ބޭރުގައި ޗެލްސީން ޖެހިޖެހިގެން ހޯދި ހަތް ވަނަ މޮޅެވެ.

އާސެނަލް މިރޭ ކުޅުނު މެޗުން ވަނީ އަމިއްލަ ދަނޑުގައި 1-1 އިން ވުލްވްސްއާ އެއްވަރުވެފަ އެވެ. ޕިއޭ އެމެރިކް އޮބާމަޔަންގެ ގޯލުން އާސެނަލް ލީޑުނަގާފައިވަނިކޮށް ދެ ވަނަ ހާފްގައި ވުލްވްސް އަށް އެއްވަރުކޮށްދިނީ ރައުލް ހިމެނޭޒް އެވެ. އާސެނަލް ލީގުގެ ފަސް ވަނައިގައި އޮތީ 11 މެޗުން ލިބުނު 17 ޕޮއިންޓާ އެކު އެވެ.

ރަށުން ބޭރުގައި މިއަދު ބޯންމައުތު އަތުން 1-0 އިން ބަލިވެ މެންޗެސްޓާ ޔުނައިޓެޑް ވަނީ ލީގުގެ 10 ވަނަ އަށް ވެއްޓިފަ އެވެ. ބޯންމައުތުގެ ހަމައެކަނި ލަނޑު ޖެހީ ކުރިން ޔުނައިޓެޑަށް ކުޅުނު ޖޯޝުއާ ކިންގް އެވެ.