ދިވެހި ދިދަ ހޫރުވައި، ގައުމީ ލަވަ ކިޔައި ރަސްމިއްޔާތުތައް ބާއްވައި ކުޅިވަރުތައް ކުޅުމަކީ ފުރިހަމަ މިނިވަންކަން އޮތުން ހެއްޔެވެ؟ ސަަރުކާރާއި ސަރުކާރަށް ސަޕޯޓްކުރާ މީހުންނަށް، އޭގެ ޖަވާބަކީ، އާއެކޭ އެވެ.
އެކަމަކު އަނެއް ބައެއްގެ ޖަވާބަކީ މި އެވެ؛
"އެއީ ދަޅައެއް. ރައްޔިތުންނަށް ލިބެން ޖެހޭ އެތައް މިނިވަންކަމެއް މިދަނީ ނެތެމުން."
މި ވާހަކައިގެ ހެކި ދައްކަން އެ މީހުން ނަގާ ހަތިޔާރަކީ ގާނޫނުއަސާސީ އެވެ. އެތަކެއް އަހަރެއްގެ މަސައްކަތުން ދިވެހިންނަށް ލިބުނު ގާނޫނުއަސާސީގައި ތިން ބާރު އޮތީ ވަކިކޮށްފަ އެވެ. އަސާސީ ހައްގުތަކާއި މިނިވަންކަން ވެސް ރައްޔިތުންނަށް ވަނީ ވަރަށް ފުރިހަމަ އަށް ކަށަވަރުކޮށްދީފަ އެވެ. އެއްވެ އުޅުމާއި ހިޔާލުފާޅުކުރުމާއި ނޫސްވެރިކަމާއި އެ މީހަކު ބޭނުންވާ ސިޔާސީ ފިކުރެއްގައި ދެމިހުރުމާއި ސިޔާސީ ހަރަކާތްތައް ހިންގުމާއި މިހެން ގޮސް ޑިމޮކްރަސީއަކަށް ބޭނުންވާ އެތައް ހައްގެކެވެ. އެކަމަކު މި ހައްގުތައް މިހާރު ކޮބައި ހެއްޔެވެ؟ ހަނިކުރަމުން ގޮސް، އެއް ބަޔަކު ތިބެން މި ޖެހެނީ ބިރެއްގަ އެވެ.
ރައްޔިތުންގެ ފަރުދީ ބައެއް ހައްގުތައް "ގެއްލިއްޖެ" ކަމަށް ކުރާ ޝަކުވާތައް އިހަށް ބާއްވާށެވެ. އެ މިނިވަންކަން ދަމަހައްޓައިދޭން ތިބި ރައްޔިތުންގެ މަންދޫބުންނަށް މިނިވަންކަމާ އެކު މަސައްކަތް ކުރެވޭނެ މާހައުލެއް ރާއްޖޭގައި މިހާރު އެބަ އޮތް ހެއްޔެވެ؟ ޝަރުއީ ދާއިރާ އިން ހަމަހަމަކަމާއި އިންސާފު ގާއިމްކުރެވޭނެ ކަމުގެ ޔަގީން އެބަ އޮތް ހެއްޔެވެ؟ ހައްގުތައް ކަށަވަރުކޮށްދޭން އުފައްދާފައިވާ މިނިވަން މުއައްސަސާތައް މިނިވަން ހެއްޔެވެ؟ ސަލާމަތީ ބާރުތަކަށް ރައްޔިތުންގެ އިތުބާރު އެބަ އޮތް ހެއްޔެވެ؟
"ނަމެއްގައި މިނިވަންކަން އޮވެފައި، ކަމެއްގައި މިނިވަންކަން ނެތުމަކުން އެއީ މިނިވަން ގައުމަކަށް ނުވޭ. ރަނގަޅު ވާހަކައެއް، ގާނޫނުއަސާސީގައި އޮވޭ މިނިވަން ގައުމެކޭ. އަޅުގަނޑުމެންގެ އިސްވެރިން އެބަ ވިދާޅުވޭ މިނިވަން ގައުމެކޭ. އެކަމަކު މިނިވަންކަމުގެ އެ އުފާ ހާސިލްވާނީ އެގޮތަށް ކަންތައްތައް ގާއިމްކޮށްގެން،" ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް އަހްމަދު ޒާހިރު (ސީނާ ޒާހިރު) ވިދާޅުވި އެވެ.
ތިން ބާރު ވަކިކޮށްފައި މިވާ ނިޒާމުގައި ގާނޫނު ހެދުމުގެ ހުރިހާ ބާރެއް ދީފައި އޮތީ ރައްޔިތުންގެ މަޖިލީހަށެވެ. އެތަނުން ނިންމާ ނިންމުމަކާ ގުޅޭ ގޮތުން، ސުވާލު އުފެއްދުމުގެ ބާރެއް އެހެން މުއައްސަސާއަކަށް ލިބިގެނެއް ނުވެ އެވެ. އެކަމަކު މި ގައުމުގައި މިހާރު ކަންކަން ހިނގަނީ އެ އުސޫލުން ހެއްޔެވެ؟
މިނިވަން ކަމުގެ ކުލަ ގަދަ މުނާސަބަތުތައް ފާހަގަކުރާއިރު ވެރިކަން ކުރާ ބާރުގެ އަމުރަށް، ސަލާމަތީ ބާރުތަކުން އެ ވަނީ މަޖިލިސް "ހިސޯރުކޮށްފަ" އެވެ. ގާނޫނުތަކާއި ގަވާއިދުތަކުން ބާރާއި އިމްތިޔާޒުތައް ދީފައިވާ މެމްބަރުންގެ "އާރާއި ބާރުތައް" އެ ވަނީ ގަދަކަމުން ހިފަހައްޓައިފަ އެވެ. މަޖިލީހުގެ ބާރުތަކުގެ މައްޗަށް އަނެއް ދެ ބާރުން ގަދަވެގަނެއްޖެ ކަމަށް، އިދިކޮޅު ފަރާތްތަކުން، ހެއްކާ އެކު، އެ ދަނީ ދައްކަމުންނެވެ.
ނުފޫޒުން އެއްކިބާވެ ރައްޔިތުންގެ ހައްގުގައި ބަސް ބުނުމުގެ މިނިވަންކަމެއް މިއަދު ނެތޭ ގޮވަމުން ދަނީ މަޖިލީހުގެ މެމްބަރުންނެވެ. ސަރުކާރު ޒިންމާދާރުކުރެވޭނެ ގޮތެއް ނެތް ކަމަށް ވިދާޅުވެ ކަންބޮޑުވުން ފާޅުކުރައްވަނީ ވެސް ބާރުތައް ދީފައިވާ އެ މެމްބަރުންނެވެ. އެއް ބާރުު "އަޅުވެތިކޮށްފައިވާ" ކަމަށް ބުނެ، އެ މިނިވަންކަން ހޯދަން ވެސް އެ ގެންދަނީ މަސައްކަތް ކުރަމުންނެވެ.
އަޅުވެތި ވަނީ ބޭރު ގައުމަކުން އެ ގައުމުގެ މައްޗަށް ވެރިވެގަނެ، ގަދަވެގަތުމުން އެކަންޏެއް ނޫނެވެ. އެ ގައުމެއްގައި ކަށަވަރުކޮށްދީފައިވާ ހައްގުތައް ހަނިކޮށް އަދި އެ ހައްގުތައް ބޭނުންކުރާ މީހުންނަށް ބިރު ބޮޑުކުރުމަކީ ވެސް އަޅުވެތިކުރުމެވެ.
"ގާނޫނު ހަދާ މަޖިލީހަށް އެ މީހުންގެ ނިންމުންތައް ނިންމުމުގެ ބާރާއި މިނިވަންކަން ނުލިބި ވާ ތަނެއްގައި ފަރުދީ މިނިވަންކަމުގެ ވާހަކަ ނުދައްކަމާތޯ. ގާނޫނު ހެދުމުގެ ބާރުގެ މައްޗަށް ނުފޫޒެއް ނުފޯރުވޭނެ އެހެން އެއްވެސް ފަރާތަކަށް، އެތަނުން ގާނޫނާ އެއްގޮތަށް ކަންކަން ކުރާ ހިނދަކު. އަޅުގަނޑުގެ ނަޒަރުގައި، މަޖިލީހުގެ ކަންތައްތައް ވެސް އެދަނީ އަޅުގަނޑުމެން ނިންމާފައި އޮތް ގާނޫނުއަސާސީގައި އޮތް ގޮތަކަށެއް ނޫން،" ޒާހިރު ވިދާޅުވި އެވެ.
"އަޑުއުފުއްލާފައި ބުނަންވީ ދުނިޔޭގައި އޮތް އެންމެ މިނިވަން ގައުމޭ މިއީ. ނޫނިއްޔާ މި ސަރަހައްދުގައި ޝަރުއީ ދާއިރާގެ އެންމެ ރަނގަޅަށް ކަންތައް ކުރާ ތަނޭ އަމިއްލަ އަށް ބުނަންވީ. އެ ވާހަކަ ބުނަންވީ މަސައްކަތުގައި ތިބޭ މީހުންނެއް ނޫން. އެ ވާހަކަ ދައްކަންވީ އަޅުގަނޑުމެން ރައްޔިތުން. އާއްމު ފަރުދުން،"
ހާރިޖީ ސިޔާސަތުގައި ވެސް ރާއްޖެ މިހާރު ދަނީ އަމިއްލަ މިނިވަންކަން ދޫކުރަމުންނެވެ. އެކަމަކު މިއީ އިނގިރޭސިންގެ އަތުން 1965 ގައި ރާއްޖެ މިނިވަން ވީ ފަހުން ވެއްޓުނު ވަޅުގަނޑެއް ނޫނެވެ. ދެ ތިން ގައުމަކުން ބުނާ ގޮތަކަށް މިހާރުގެ ސަރުކާރުން ވަނީ ޒަމާންވީ ރަހުމަތްތެރި ބައެއް ގައުމުތަކާ ސިޔާސީ ގުޅުން ވެސް ކަނޑާލައިފަ އެވެ. އެގޮތުން ސައުދީ އަރަބިއްޔާ އިން އީރާނާ ގުޅުން ކަނޑާލުމާ އެކު، ރާއްޖެ އިން ގުޅުން ކަނޑާލި އެވެ. އަދި ދާދި ފަހުން ސައުދީ އާއި އަރަބި ބައެއް ގައުމުތަކުން ގަތަރާ ގުޅުން ކަނޑާލުމުން އޭގެ ތެރެއަށް ރާއްޖެ އިން ވެސް އަމިއްލައަށް ބޭނުނެވެ.
ޖުމްހޫރީ މައިދާނުގައި، މިނިވަން ޖައްވެއްގައި، ބޮޑު ދިދަ ވިހުރެމުން ދެ އެވެ. ގައުމީ ލަވަތައް އަބަދުމެ އިވެ އެވެ. ކުޑަކުދިން މިނިވަންކަމާ އެކު ކުޅެ އުޅެ އެވެ. އެއީ ވެސް މިނިވަންކަމެވެ. އެކަމަކު އެހާ ހިސާބުން އަދި ނިންމައެއް ނުލެވޭނެ އެވެ. އެންމެންގެ ހެވަށް ވާހަކަ ދައްކާ މީހުންނާއި، ދައުލަތުގެ ހައްގުގައި އަޑުއުފުލާ މީހުންނަށް ވެސް ބިރެއް އޮވެގެން ނުވާނެ އެވެ. އަދި ގާނޫނުއަސާސީން އެ މިނިވަންކަން ހަވާލުކޮށްފައިވާ މުއައްސަސާތައް އަޅުވެތިކޮށްގެންނެއް ވެސް ނުވާނެ އެވެ.
ތިން ބާރު އޮތީ ވަކިކޮށްފައޭ، ވެރިކަން ކުރާ ބާރުން ހަމައެކަނި ބުނުމަކުން ނުފުދެ އެވެ. މުހިއްމީ ގާނޫނުއަސާސީގައި ކަނޑައަޅާފައިވާ ހައްގުތައް ކަށަވަރުކޮށްދިނުމެވެ. ގާނޫނުއަސާސީ ހިމާޔަތްކުރުމެވެ. މިނިވަން ދުވަސް ފާހަގަކުރާއިރު ހަމައެކަނި ރައްޔިތުންގެ މަޖިލިހުގެ އިދާރާ ހުރި ހާލަށް ބެއްޔަސް ގައުމުގެ ހާލަތު އިހުސާސްކޮށްލެވޭނެ އެވެ. އެތައް ދިވެހިންނެއް މިއަދު އެ ކުރަނީ ސުވާލެކެވެ: ގާނޫނުއަސާސީ ކޮބާ ހެއްޔެވެ؟