އެއްވެ އުޅުމުގެ ހައްގު ފުލުހުންގެ "މުށުތެރޭގައި!"

މާލޭގެ މަގުތަކަށް މެއި، 1، 2015، ގައި އެތައް ހާސް ބަޔަކު ނުކުމެ އަންގައިދޭން ބޭނުންވީ ސަރުކާރުގެ މިސްރާބު ގޯސް ކަމެވެ. އެކަމަކު އެކަން ވީ މުޒާހަރާކުރުމުގެ ދޮރު ބަންދުވުމުގެ ފެށުމަށެވެ. ފުލުހުންނާއި އާންމުންނާ ދެމެދު ބޮޑެތި ހަމަނުޖެހުމެއް ހިނގި އެ އެއްވުމަށް ފަހު މާލޭގެ މަގުތަކަށް ނުކުމެ މުޒާހަރާކުރުން ފާޑަކަށް "މަނާވީ" އެވެ. ގާނޫނު އަސާސީ އާއި ގާނޫނުތަކުން ދީފައިވާ ހައްގު ހިފަހައްޓަނީ ހިނގާ މީހުންނާއި ދުއްވާ އެއްޗިއްސަށް އުނދަގޫވާ ކަމުގެ "ބަހަނާ" މަތިކޮށްފަ އެވެ.


މެއި 1، 2015، ގައި އިދިކޮޅު ފަރާތްތަކުން ކުރި މުޒާހަރާގެ ބައިވެރިން: އެ މުޒާހަރާ އަށް ފަހު މަގުމަތީގައި މުޒާހަރާކުރުން ވަނީ ހުއްޓުވާފައި. --ފޮޓޯ: ރާއްޖެއެމްވީ

އެއްވެ އުޅުމުގެ ހައްގު ހަނިކޮށްފައި ވަނީ އިދިކޮޅު ސިޔާސީ ފަރާތްތަކަށް އެކަންޏެއް ނޫނެވެ. ހައްގުތަކުގެ ދިފާއުގައި މި މަހު 1 ގައި ނުކުތް މަސައްކަތްތެރިންގެ ހިނގާލުން ވެސް ހުއްޓުވި އެވެ. އެއްވުން ބާއްވަން އުޅުނު ސަރަހައްދަށް ދިޔަ ނުދީ، އެތައް ބަޔަކު ފޮނުވާލީ އެވެ. ނޫސްވެރިންގެ މިނިވަންކަމަށް ހުރަސްނާޅަން ގޮވާލައި ބާއްވަން އުޅުނު ހިނގާލުމަށް ވެސް ފުލުހުން ފުރުސަތެއް ނުދިނެވެ.

މޭޑޭގައި އެތައް ރައްޔިތުންނެއް މަގުމައްޗަށް ނުކުމެ ހާމަކޮށްދީފި ސަރުކާރަށް ތާއީދު ނެތް ކަން. މުޒާހަރާކުރުމުގެ ފުރުސަތު މިހާރު ނުދެނީ، ރައްޔިތުން މަގުމައްޗަށް ނުކުމެ ރައީސް ޔާމީންގެ ސަރުކާރަށް ތާއީދު ނެތް ކަން ހާމަކުރިޔަ ނުދޭން، --މާރިޔާ

މޭޑޭ މުޒާހަރާ އަށް ފަހު މަގުމައްޗަށް ނުކުތް މީހުންނަށް ފުރަތަމަ އިންޒާރު ދިނީ އެއްވުންތައް ބާއްވާއިރު އެއްވެސް މީހަކު ޕޭވްމަންޓުން ނުފޭބުމަށެވެ. ކިތަންމެ ގިނަ ބަޔަކު ބައިވެރިވާ އެއްވުމަކަށް ވި ނަމަވެސް ތިބެން ޖެހޭނީ ޕޭވްމަންޓް މަތީގަ އެވެ. ގާނޫނެއްގައި ލިއެފައި ނެތް ނަމަވެސް ފުލުހުން ކަނޑައެޅި އެ އުސޫލް ހިފަހައްޓަން ފުލުހުން މަސައްކަތްކުރި އެވެ. އެއަށް ފަހު އެންގީ، އިދިކޮޅު ފަރާތްތަކުން އާއްމުކޮށް އެއްވުން ބާއްވާ، ސީގަލް ކަންމައްޗާއި މަޖީދީ މަގާއި ޗާނދަނީ މަގު ގުޅޭ ޖަންކްޝަންގެ އިތުރުން ނަލަހިޔާ ކަންމަތީގައި ވެސް އެއްވުންތައް ނުބޭއްވޭނެ ކަމަށެވެ. މި ހަނިކުރުންތަކާ އެކު އާޓިފިޝަލް ބީޗް ފިޔަވައި އެއްވެސް ސަރަހައްދަކަށް އެއްވުމުގެ ހުއްދައެއް ފުލުހުން ނުދެ އެވެ.

މުޒާހަރާއެއް ކޮންޓްރޯލްކުރުމުގައި ފުލުހުންތަކެއް ހަރަކާތްތެރިވަނީ -- ފޮޓޯ/އަހްމަދު އަންވަރު (ސިމް)

އެއްވެ އުޅުމާއި ހިޔާލުފާޅުކުރަން ފުލުހުން ހުރަސްއަޅާއިރު ގާނޫނު އަސާސީގެ 27 ވަނަ މާއްދާގައި ވަނީ، "މިނިވަންކަމާ އެކު ފިކުރުކުރުމާއި އިސްލާމްދީނުގެ އަސްލަކާއި ހިލާފުނުވާ ގޮތެއްގެ މަތިން އެ މީހެއްގެ ބުއްދި އަށް ފެންނަ ގޮތްތަކާއި ހިޔާލްތައް ދުލާއި ގަލަމުން އަދި މި ނޫން ވެސް ގޮތްގޮތަށް ފާޅުކުރުމުގެ މިނިވަންކަން ކޮންމެ މީހަކަށް ލިބިގެންވާ" ކަމަށެވެ. އަދި ދައުލަތުގެ ހުއްދައެއް ކުރިން ހޯދުމަކާ ނުލައި ސުލްހަވެރިކަމާ އެކު އެއްވެ އުޅުމުގެ މިނިވަންކަން ގާނޫނު އަސާސީގެ 32 ވަނަ މާއްދާ އިން ދީފައިވެ އެވެ.

އޭރު [އިދިކޮޅު ޕާޓީއެއްގެ ގޮތުގައި ޕީޕީއެމް އޮތް އިރު] ބޭނުން ތަނަކަށް އެއްވެ، ބޭނުން އިރަކު މަގުމަތީގައި އުޅެވޭ. ނޯޓިސްއެއް ދޭކަށް ނުޖެހޭ. ޕޭވްމަންޓް މަތީގައި ތިބޭކަށް ނުޖެހޭ. އެކަމަކު މިހާރު އިދިކޮޅު ސިޔާސީ ޕާޓީއެއްގެ ޖަލްސާ ބާއްވާކަށް ވެސް ޖާގައެއް ނުދޭ --މަހްލޫފް

އިދިކޮޅު ސިޔާސީ ޕާޓީތަކާއި ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުން ދެކެވަޑައިގަންނަވާ ގޮތުގައި، އެތައް ބައެއްގެ ބުރަ މަސައްކަތުން ހޯދި ހައްގު "މުށުތެރެއަށް ލައި" ރާއްޖޭގެ ހާލަތު ވަނީ 2008ގެ ކުރިން އޮތް ހާލަތަށް ވުރެ ވެސް ދަށަށް ވައްޓާލައިފަ އެވެ. އޭރު ހާލަތު އޮތް ގޮތުން ތިން މީހުންނަށް ވުރެ ގިނަ މީހުން އެއް ތަނަކަށް އެއްވެއްޖެ ނަމަ އެއީ، ޣައިރު ގާނޫނީ އެއްވުމެއްގެ ގޮތުގައި ކަނޑައެޅުމުގެ ބާރު އޭރުގެ ގާނޫނު އުގޫބާތުން ލިބެ އެވެ.

އެއްވެއުޅުމަށް ހުރި ހުރަސްތަކާ ގުޅޭ ގޮތުން މެމްބަރު މާރިޔާ ވާހަކަ ދައްކަވާއިރު އެމްޑީޕީގެ ސެކްރެޓަރީ ޖެނެރަލް އަނަސް އަބްދުއްސައްތާރު އަޑުއައްސަވަނީ: ރާއްޖޭގެ ހާލަތާ މެދު ކަންބޮޑުވެވަޑައިގަންނަވާ ކަމަށް މާރިޔާ ވިދާޅުވި. -- ނިޝާން އަލީ/ މިހާރު

"އެއްވެ އުޅުމާއި ހިޔާލުފާޅުކުރުމުގެ މިނިވަންކަން ގާނޫނާ ހިލާފަށް ހަނިކުރިވަރުން އާއްމު ރައްޔިތުން އެ މީހުންގެ ޝުއޫރު ފާޅުކުރަން މަގުމައްޗަށް ނުކުންނަން ބަލާއިރު ކަންބޮޑުވާ ހާލަތަކަށް މި ރާއްޖޭގެ ކަންކަން ސަރުކާރުން މިއޮތީ ގެންގޮސްފައި. ޕޭވްމަންޓް މަތީގައި ނޫނީ މުޒާހަރާ ނުކުރެވޭނެ ކަމަށް ވިދާޅުވާއިރު ހަގީގަތުގައި ގާނޫނު އަސާސީ އާއި ގާނޫނުން ލިބިދީފައި އޮތް ހައްގެއް ހިފަހައްޓައިގެން އެ އުޅެނީ،" މަޖިލީހުގެ މައްޗަންގޮޅީ ދެކުނު ދާއިރާގެ އެމްޑީޕީ މެމްބަރު މާރިޔާ އަހްމަދު ދީދީ ވިދާޅުވި އެވެ.

މުޒާހަރާކުރުމުގެ ހައްގު ގާނޫނުއަސާސީން ދިނުމުގެ ކުރިން ބޭއްވި ފުރަތަމަ މުޒާހަރާގައި ޖަޑިބެއްގެ ގޮތުން ނުކުމެވަޑައިގަތް މާރިޔާ ވިދާޅުވީ މި ސަރުކާރުން ހުރަސްއަޅާފައި ވަނީ އެއްވެ އުޅުމަށް އެކަނި ނޫން ކަމަށެވެ. އިދިކޮޅު ޕާޓީއެއްގެ ޖަލްސާ ބާއްވަން ވެސް އިންތިހާ އަށް ދަތިކުރަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.

މުޒާހަރާއެއް ކޮންޓްރޯލްކުރުމުގައި ފުލުހުން ހަރަކާތްތެރިވަނީ. --ފޮޓޯ: އަހްމަދު އަންވަރު (ސިމް)

"މޭޑޭގައި އެތައް ރައްޔިތުންނެއް މަގުމައްޗަށް ނުކުމެ ހާމަކޮށްދީފި ސަރުކާރަށް ތާއީދު ނެތް ކަން. މުޒާހަރާކުރުމުގެ ފުރުސަތު މިހާރު ނުދެނީ، ރައްޔިތުން މަގުމައްޗަށް ނިކުމެ ރައީސް ޔާމީންގެ ސަރުކާރަށް ތާއީދު ނެތް ކަން ހާމަކުރިޔަ ނުދޭން،" މާރިޔާ ވިދާޅުވި އެވެ.

އިދިކޮޅު ޕާޓީއެއްގެ ގޮތުގައި ޕީޕީއެމް އޮތް އިރު، ރައްޔިތުން "ހަނާވަނީ" ގެ ނަމުގައި އެމްޑީޕީގެ ސަރުކާރާ ދެކޮޅަށް އެމްއެމްއޭ ސަރަހައްދާއި އެކި މަގުތަކަށް އެއްވެ ސިލްސިލާކޮށް މުޒާހަރާ ކުރި އެވެ. އެކަމަކު މާރިޔާ ދެކެވަޑައިގަންނަވާ ގޮތުގައި، ރާއްޖޭގެ ހާލަތު މިހާރު އޮތީ އޭރަށް ވުރެ އެތައް ދަރަޖައެއް ދަށުގަ އެވެ. ރައްޔިތުންގެ އެތައް ބިލިއަން ރުފިޔާއަކަށް ސަރުކާރުން ހިޔާނާތްތެރިވުމާއި މިނިވަން މުއައްސަސާތަކުގެ މިނިވަންކަން ގެއްލުވާލުމާއި ރައްޔިތުންގެ ފުދުންތެރިކަމަށް ބެލި ނަމަވެސް ހާލަތު ދަށް ކަމަށް އޭނާ ވިދާޅުވި އެވެ.

މުޒާހަރާއެއްގައި އަހްމަދު މަހްލޫފް ފުލުހުންނާ އެކު: ވަކި ބައެއްގެ ހައްގު ހިފަހައްޓަން ކަމަށް ބުނެ އެއްވެ އުޅުމަށް ހުރަސްނޭޅޭނެ ކަމަށް އޭނާ ވިދާޅުވި. --ފޮޓޯ: އަހްމަދު އަންވަރު (ސިމް)

މާރިޔާގެ ވާހަކަ އަށް ތާއީދުކުރައްވައި ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހްމަދު މަހްލޫފް ވިދާޅުވީ ޕީޕީއެމް އިދިކޮޅު ޕާޓީއެއްގެ ގޮތުގައި އޮތްއިރު އެއްވެ އުޅުމުގެ ހައްގު އިންތިހާ އަށް ބޭނުންކުރި ކަމަށެވެ. އެކަމަކު ރައީސް ޔާމީންގެ ދެ އަހަރުގެ ތެރޭގައި އެ ހައްގު ނިގުޅައިގަނެ ގާނޫނު އަސާސީއާ ހިލާފުވެވަޑައިގަންނަވަމުންދާ ކަމަށް ވިދާޅުވި އެވެ.

"އޭރު [އިދިކޮޅު ޕާޓީއެއްގެ ގޮތުގައި ޕީޕީއެމް އޮތްއިރު] ބޭނުން ތަނަކަށް އެއްވެ، ބޭނުން އިރަކު މަގުމަތީގައި އުޅެވޭ. ނޯޓިސްއެއް ދޭކަށް ނުޖެހޭ. ޕޭވްމަންޓް މަތީގައި ތިބޭކަށް ނުޖެހޭ. އެކަމަކު މިހާރު އިދިކޮޅު ސިޔާސީ ޕާޓީއެއްގެ ޖަލްސާ ބާއްވާކަށް ވެސް ޖާގައެއް ނުދޭ،" މަހްލޫފް ވިދާޅުވި އެވެ.

އެމްޑީޕީން ކުރިއަށް ގެންދިޔަ މުޒާހަރާއެއް ކޮންޓްރޯލްކުރަން ފުލުހުން ހަރަކާތްތެރިވަނީ. ---ފޮޓޯ: އަހްމަދު އަންވަރު (ސިމް)

އެއްވެ އުޅުމުގެ ހައްގު ހަނިކޮށްފައިވާއިރު، އެ ހައްގު ހޯދައިދޭން އެއްވެސް މުއައްސަސާއަކުން މަސައްކަތް ކުރާ މަންޒަރެއް ނުފެނެ އެވެ. މަސައްކަތްތެރިންގެ އެއްވުމަށް ފުލުހުން ހުރަސްއެޅުމާ އެކު ހިއުމަން ރައިޓްސް ކޮމިޝަނުން ހަމައެކަނި ބުނި އެއްޗަކީ އެއީ ސަރުކާރުން ކަށަވަރުކޮށްދޭން ޖެހޭ ހައްގެއް ކަމަށެވެ. އެނޫން ވަރެއް އެތަނަކަށް ނުވި އެވެ. އަދި ގާނޫނު ނަގަހައްޓަން ރައްޔިތުންގެ މަޖިލީހުން ވެސް އެޅި ފިޔަވަޅެއް ނެތެވެ.

މަސައްކަތްތެރިންގެ މުޒާހަރާއާ ގުޅިގެން ނެރުނު ބަޔާނުގައި އެޗްއާރުސީއެމުން ބުނީ ގާނޫނުއަސާސީ އާއި ގާނޫނުތަކުން ކަށަވަރުކޮށްދީފައިވާ ހައްގުތައް ބޭނުންކުރަން މަގުފަހިކޮށްދިނުމަކީ ދައުލަތުގެ ޒިންމާއެއް ކަމަށެވެ. އެ ހައްގުތަކުގެ ބޭނުންކުރުމުގެ ހައްގު ރައްޔިތުންނަށް ދޭން އެޗްއާރުސީއެމުން ސަރުކާރަށް ގޮވާލި އެވެ.

މުޒާހަރާއެއް ކޮންޓްރޯލްކުރަން ފުލުހުން ހަރަކާތްތެރިވަނީ. --ފޮޓޯ: އަހްމަދު އަންވަރު (ސިމް)

އެއްވެ އުޅުމާއި ހިޔާލުފާޅުކުރުމުގެ މިނިވަންކަމަކީ، ޑިމޮކްރަސީގެ މުހިއްމު އަސާސެކެވެ. ސުލްހަވެރިކަމާ އެކު އެއްވެ އުޅޭ ނަމަ އެކަމަށް ހުރަސް އެޅުމުގެ ބާރު ފުލުހުންނަކަށް ނޯވެ އެވެ. އެކަމަކު ހަމަނުޖެހުން ހިންގާ، ގާނޫނާ ހިލާފު އަމަލްތައް ކުރާ ނަމަ އެކަން ހުއްޓުވަން ފުލުހުންނަށް ޖެހެ އެވެ. ރާއްޖެ އިން މިހާރު މި ފެންނަނީ އެ މަންޒަރެއް ނޫނެވެ. މުޒާހަރާކުރުމުގެ ފުރުސަތު އެއްގޮތަކަށް ވެސް ނެތީ އެވެ.