ޕެސިފިކް ކަނޑުގައި އުފެދުނު އެލް ނީނޯގެ އަސަރު ރާއްޖެއަށް ވެސް ކުރަމުންދާއިރު، އަހަރުގެ މިހާތަނަށް ރާއްޖޭގެ ހޫނުމިން ހުރީ އާންމު މިންވަރަށް ވުރެ މަތީގައި ކަމަށް ރާއްޖޭގެ މޫސުމާ ބެހޭ އިދާރާ އިން މިއަދު ބުނެފި އެވެ.
މެޓް އޮފީހުން ނެރުނު ބަޔާނެއްގައި ބުނީ މިދިޔަ މަހު އެލް ނީނޯގެ ބާރު އިތުރަށް ގަދަވެ، 34 ގެ އިންޑެކްސް 21+ ޑިގްރީ ސެލްސިއަސްއަށް އުފުލިފައިވާ ކަމަށެވެ. އަދި މި އަހަރުގެ ޑިސެމްބަރު މަހު އެލް ނީނޯގެ އަސަރު އެންމެ މަތީ ދަރަޖައަށް ފޯރާނެ ކަމަށް ލަފާކުރެވޭ ކަމަށް އެ ބަޔާނުގައި ބުންޏެވެ.
މިކަމުގެ ސަބަބުން ދުނިޔޭގެ ހޫނުމިން އާންމު މިންވަރަށް ވުރެ މަތިވާނެ ކަމަށާއި ދުނިޔޭގެ އެކި ސަރަހައްދުތަކުގެ ވާރޭ ވެހުމުގެ ނިޒާމަށް ބަދަލުތައް އައިސް، ފެންބޮޑުވުމާއި ހަނަފަސްކަމުގެ ނުރައްކާ އިތުރުވުމަކީ އެކަށީގެންވާ ކަމެއް ކަމަށް މެޓް އޮފީހުން ބުންޏެވެ.
މި މޫސުމީ ބަދަލުތަކާ އެކު، މި އަހަރުގެ ޖެނުއަރީން ފެށިގެން މިދިޔަ މަހުގެ ނިޔަލަށް ރާއްޖޭގެ ހޫނުމިން ވެސް ހުރީ އާންމު މިންވަރަށް ވުރެ މަތީގައި ކަމަށް އެ އޮފީހުގެ ރެކޯޑްތަކާ ހަވާލާދީ މެޓް އޮފީހުން ބުންޏެވެ.
މެޓުން ބުނީ ޖޫން މަހުން ފެށިގެން ރާއްޖޭގެ ކަނޑުގެ ލޮނުގަނޑުގެ ހޫނުމިން އާންމު މިންވަރަށް ވުރެ މަތިވަމުން ގޮސްފައިވާއިރު، އެންމެ ބޮޑަށް ހޫނުމިން މަތިވެފައި ވަނީ މިދިޔަ މަހު ކަމަށެވެ. އަދި ރާއްޖޭގެ މޫސުމާ ބެހޭ ގިނަ ސްޓޭޝަންތަކުން ރެކޯޑް ކުރެވުނު އެންމެ މަތީ ހޫނުމިން ވެސް ހުރީ އާންމު މިންވަރަށް ވުރެ މަތީގައި ކަމަށް މެޓުން ބުންޏެވެ.
މި އަހަރުގެ ފުރަތަމަ ނުވަ މަސްދުވަހު ރާއްޖޭގެ ބައެއް ހިސާބުތަކަށް އާންމު މިންވަރަށް ވުރެ އިތުރަށް ވާރޭ ވެހުނު ނަމަވެސް، އަނެއްބައި ސަރަހައްދުތަކަށް ވާރޭ ވެހުނު މިންވަރު ހުރީ އާންމު މިންވަރަށް ވުރެ މަދުކޮށް ކަމަށް ވެސް މެޓް އޮފީހުން ބުންޏެވެ.
އެލްނީނޯގެ ސަބަބުން ރާއްޖެއަަށް ކުރާ މައިގަނޑު އެެއް އަސަރަކީ ކަނޑުގެ ލޮނުގަނޑު އާދަޔާ ހިލާފަށް ހޫނުވުމެވެ. އޭގެ ސަބަބުން ފަރުތަކުގެ ދިރުމަށް ނުރައްކާވެ އެވެ. ކަނޑުގެ އޮއިވަރާއި ހާލާތަށް އަންނަ ބަދަލުގެ ސަބަބުން މަސްވެރިކަމުގެ ސިނާއަތަށް ގޮންޖެހުން ކުރިމަތިވާނެ އެވެ.
އެލްނީނޯގެ ސަބަބުން ރާއްޖެ އަށް ކުރިމަތިވެދާނެ ދެވަނަ ކަމަކީ ބައެއް ސަރަހްދުތަކަށް ވާރޭ ވެހުން މަދުވުމެވެ. އެއީ ދަނޑުވެރިކަމަށް ނޭދެވޭ އަަސަރުކުރާނެ ކަމެކެވެ.
ޕެސިފިކް ކަނޑުގައި އެލްނީނޯގެ ބާރު ގަދަވަމުންދާއިރު އޭގެ ސަބަބުން ރާއްޖެއަށް ކުރާ އަސަރުތައް ކުޑަކުރުމަށާއި ކުރިމަތިވެދާނެ ކާރިސާއަކަށް ދުރާލައި ތައްޔާރުވެ ތިބުމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖުމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ވެސް މިދިޔަ މަހު ވަނީ އިރުޝާދު ދީފަ އެވެ.
އެލްނީނޯ އުފެދުނީ ޕެސިފިކް ކަނޑުގައި ކަމަށް ވިޔަސް އޭގެ އަސަރު ދުނިޔޭގެ އެހެން ސަރަހައްދުތަކަށް ވެސް ދަނީ ކުރަމުންނެވެ.