އިންޑިއާގެ މަޝްހޫރު ވެބް ސީރީޒް "މިރްޒާޕޫރު"ގެ މައްޗަށް ބިނާކޮށް އުފެއްދި ފިލްމު "މިރްޒާޕޫރު: ދަ މޫވީ" ސިނަމާތަކުގައި ދައްކަން ފެށި ފުރަތަމަ ދުވަހު ބޮކްސް އޮފީހުގައި ބޮޑު ކާމިޔާބީއެއް ލިބިއްޖެ އެވެ.

ރިޕޯޓްތައް ބުނި ގޮތުގައި، ބޮލީވުޑްގެ ބޮޑެތި ސުޕަސްޓާރުން ނުހިމެނޭ ފިލްމަކުން ފުރަތަމަ ދުވަހުގެ އާމްދަނީގެ އާ ރެކޯޑެއް ހަދައި، މި ފިލްމަށް ވަނީ ފުރަތަމަ ދުވަހު އެކަނި ވެސް 24.75 ކުރޯޑު ރުޕީސް (2.62 މިލިއަން ޑޮލަރު) ލިބިފަ އެވެ. މި ފިލްމު ރިލީޒްކުރީ އިއްޔެ އެވެ. 

މި ފިލްމަކީ މީގެ ކުރިން ބެލުންތެރިންގެ ބޮޑު ތަރުހީބެއް ލިބުނު ސީރީޒެއް ބޮޑު ސްކްރީނަށް ގެނައުމަށް ކުރެވުނު ތަޖުރިބާއަކަށް ވުމާ އެކު، ސިނަމާތަކުން މި ފިލްމަށް ބެލުންތެރިންގެ ތަރުހީބު ލިބޭނެ ކަމާ މެދު ވިޔަފާރި ތަޖުރިބާކާރުން ކުރިން ތިބީ ސުވާލު އުފެދިފަ އެވެ.

ނަމަވެސް، ފިލްމު ރިލީޒްކުރުމާ އެކު ހާއްސަކޮށް އިންޑިއާގެ އުއްތަރަ ޕްރަދޭޝް އާއި ބިހާރު އަދި ދިއްލީ ކަހަލަ ސަރަހައްދުތަކުގައި ބެލުންތެރިންގެ ފަރާތުން ބޮޑު ތަރުހީބެއް މި ފިލްމަށް ވަނީ ލިބިފަ އެވެ. ސެކްނިލްކްގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި 11,135 ޝޯއާ އެކު ފިލްމުގެ ސިނަމާތަކުގެ އޮކިއުޕަންސީ ވަނީ 42.7 ޕަސެންޓަށް އަރައިފަ އެވެ.

ފިލްމަށް އެންމެ ބޮޑު އާމްދަނީއެއް ލިބިފައި ވަނީ އޮރިޖިނަލް ހިންދީ ވާޝަނުންނެވެ. ތެލުގޫ ބަހުން ޑަބްކޮށްގެން ދެއްކި ވާޝަނަށް ލިބިފައި ވަނީ އެންމެ 15 ލައްކަ ރުޕީސް އެވެ.

މީގެ ކުރިން ވިޔަފާރި ތަޖުރިބާކާރުން އަންދާޒާކުރީ ފުރަތަމަ ދުވަހު 18 އާއި 20 ކުރޯޑު ރުޕީސްއާ ދެމެދުގެ އާމްދަނީއެއް ލިބޭނެ ކަމަށެވެ. ނަމަވެސް ފިލްމަށް ލިބުނު ބޮޑު ތަރުހީބާ އެކު މި ފިލްމުން ވަނީ "ސައްޔާރާ" (22 ކުރޯޑު ރުޕީސް) އަދި "އާވާރާޕަން 2" (21.50 ކުރޯޑު ރުޕީސް)ގެ ފުރަތަމަ ދުވަހުގެ ރެކޯޑުތައް ފަހަތަށް ޖައްސާލައިފަ އެވެ.

"މިރްޒާޕޫރު: ދަ މޫވީ" އުފެއްދީ 80-250 ކުރޯޑު (8.5-26.5 މިލިއަން ޑޮލަރު)ގެ ބަޖެޓަކުންނެވެ. 

އެމެޒޯން އެމްޖީއެމް ސްޓޫޑިއޯސް އާއި އެކްސެލް އެންޓަޓެއިންމަންޓް ގުޅިގެން އުފެއްދި މި ފިލްމަކީ ގުރްމީތު ސިންގް ޑައިރެކްޓްކޮށް، ޕަންކަޖް ތުރިޕާޓީ، އަލީ ފަޒާލް، ދިވްޔެންދޫ އަދި ޝްވޭތާ ތުރިޕާޓީ މުހިންމު ރޯލުތައް ކުޅެފައިވާ ފިލްމެކެވެ.

މީގެ އިތުރުން، ކުރިން ވިކްރާންތު މެސީ ކުޅުނު "ބަބްލޫ ޕަންޑިތު"ގެ ރޯލުން މި ފިލްމުގައި ފެންނަނީ ޖިތެންދުރަ ކުމާރެވެ. އަދި އާ ކެރެކްޓާއެއްގެ ގޮތުގައި ރަވީ ކިޝަން ފެންނައިރު، ސީރީޒުން ފެނުނު އަބީޝެކް ބެނާޖީ، ރަސިކާ ދުގަލް، ޝީބާ ޗައްޑާ، ރާޖޭޝް ތައިލަންގް، ޝްރިޔާ ޕިލްގާއޮންކަރު އަދި ހަރްޝިތާ ޝޭކަރު ގޯރު ވެސް މުހިންމު ރޯލުތަކުން މި ފިލްމުގައި ފެނެ އެވެ.