ބޮލީވުޑްގެ ތަރި ކަރީނާ ކަޕޫރު ޚާން އާއި މަލަޔާޅަމް ސުޕަސްޓާރު ޕްރިތުވީރާޖް ސުކުމާރަން އެކުގައި ކުޅުނު ފުރަތަމަ ފިލްމު "ދާއިރާ" ސިނަމާތަކުގައި އަޅުވައި، ފުރަތަމަ ދުވަހު ބޮކްސް އޮފީހުގައި ނާކާމިޔާބުވެއްޖެ އެވެ.

ރިޕޯޓްތައް ބުނި ގޮތުގައި، އިއްޔެ ޕްރިމިއާ ކުރި މެގްނާ ގުލްޒާރު ޑައިރެކްޓްކޮށްފައިވާ އެ ކްރައިމް ތުރިލާ ފިލްމަށް އިންޑިއާގެ ބޮކްސް އޮފީހުގައި ފުރަތަމަ ދުވަހު ލިބިފައި ވަނީ އެންމެ 90 ލައްކަ އިންޑިއަން ރުޕީސް (93,763.33 ޑޮލަރު) އެވެ.

އެ ފިލްމު އުފެއްދީ ގާތްގަނޑަކަށް 60 ކްރޯޑް ރުޕީސް (6.3 މިލިއަން ޑޮލަރު)ގެ ބަޖެޓަކުންނެވެ. 

މި ފިލްމަކީ އަނިޔާވެރި ގޮތަކަށް މީހަކު ރޭޕްކޮށް މަރާލުމާ ގުޅިގެން ހިންގާ ފުޅާ ތަހުގީގެއްގެ ތެރެއިން، ދެ ފުލުހުންގެ މެދުގައި އުފެދޭ އަހުލާގީ އަދި ގާނޫނީ ހިޔާލުތަފާތުވުންތަކެއްގެ މައްޗަށް ބިނާކޮށް އުފައްދާފައިވާ ފިލްމެކެވެ.

ރިޕޯޓްތަކުގައި ބުނީ މުޅި އިންޑިއާގައި 2,238 ޝޯއާ އެކު މި ފިލްމު ޕްރިމިއާ ކުރި ނަމަވެސް، ފުރަތަމަ ދުވަހު ސިނަމާތަކުގެ އޮކިއުޕެންސީ ނުވަތަ މީހުން ވަދެފައިވާ މިންވަރު އުޅެނީ އެންމެ 11.65 ޕަސެންޓުގައި ކަމަށެވެ. ހިންދީ އަދި މަލަޔާޅަމް ބަހުން މި ފިލްމު ނެރުނު ނަމަވެސް، މިހާތަނަށް ލިބުނު އާމްދަނީގެ ބޮޑު ބައެއް ލިބިފައި ވަނީ ހިންދީ ވާޝަންއިން ކަމަށް ނޫސްތަކުގައި ބުންޏެވެ.

މިއީ ކަރީނާގެ ދިގު ފިލްމީ ކެރިއަރުގައި ފިލްމެއް ރިލީޒްކުރި ފުރަތަމަ ދުވަހު މިހާތަނަށް އެންމެ ދަށް އާމްދަނީއެއް ލިބުނު ފިލްމެވެ. މީގެ ކުރިން އޭނާގެ އެންމެ ދަށް އޯޕަނިންއެއްގެ ގޮތުގައި ރެކޯޑްކުރެވިފައިވާ "ދަ ބަކިންހަމް މާޑަސް" ފިލްމަށް ވެސް ފުރަތަމަ ދުވަހު 1.15 ކްރޯޑް ރުޕީސް ލިބިފައިވެ އެވެ.

ފިލްމު ކްރިޓިކުން ފާހަގަކުރާ ގޮތުގައި "ދާއިރާ"އަކީ އިޖުތިމާއީ މުހިންމު މައްސަލައަކަށް އަލިއަޅުވާލައި ތައްޔާރުކޮށްފައިވާ ސީރިއަސް ފިލްމެކެވެ. ފިލްމުގެ ފުރަތަމަ ބައިގެ ދުވެލި މަޑުވި ނަމަވެސް، ދެވަނަ ބައިގައި މައްސަލައިގެ ތަހުގީގު ކުރިއަށްދާ ގޮތާއި ކަންކަން ނިމިގެންދާ ގޮތުން ބެލުންތެރިންގެ ސަމާލުކަން ހިފަހައްޓައިދޭ ކަމަށް ރިވިއުތަކުގައި ބުނެފައިވެ އެވެ.