ހުޅުމާލޭގައި އަމިއްލަ މީސްމީހުންގެ އިމާރާތްތަކުގެ ފުރަތަމަ ފްލޯގައި ވިޔަފާރިކުރަން ހުއްދަދޭން އެޗްޑީސީން މިއަދު ނިންމައިފި އެވެ.
އެ ކޯޕަރޭޝަނުން ނެރުނު ނޫސްބަޔާނެއްގައި ބުނީ، އެ ހުއްދަ ދޭން ނިންމީ އިކޮނޮމިކް މިނިސްޓްރީގެ އެދުމަކަށް ހުޅުމާލޭގައި ކުދި އަދި މެދު ފަންތީގެ ވިޔާފާރިތައް ކުރިއެރުވުމުގެ މަގުސަދުގައި ކަމަށެވެ.
އަމިއްލަ މީސްމީހުންގެ އިމާރާތްތަކުގެ ފުރަތަމަ ފްލޯގައި ފިހާރަތަކާއި ރެސްޓޯރެންޓް އަދި އެހެނިހެން ހިދުމަތްދޭ ވިޔަފާރިތައް މިހާރު ކުރެވޭނެ ކަމަށް އެޗްޑީސީން ބުންޏެވެ. ނަމަވެސް، އިމާރާތްތަކުގެ އެންމެ ތިރީ ބުރި އާއި ފުރަތަމަ ބުރި އިންޑަސްޓްރިއަލްގެ އެއްވެސް ބޭނުމަކަށް ބޭނުންކުރުމަކީ މަނާކަމެއް ކަމަށް އެ ކުންފުނިން ބުންޏެވެ.
"ގަރާޖު އަދި ގުދަން ކުރުމަށް ފުރަތަމަ އަދި ދެވަނަ ފަންގިފިލާ ބޭނުންކުރުމަކީ މަނާކަމެކެވެ،" އެޗްޑީސީގެ ބަޔާނުގައިވެ އެވެ.
އެ ކުންފުނިން ބުނިގޮތުގައި، ފުރަތަމަ ފްލޯގައި ވިޔަފާކުރުމަށް ހުއްދަ ދިނުމުން ހުޅުމާލޭގައި ތަފާތު ގިނަ ވިޔަފާރި އިތުރުވެ، ބޭނުންވާ ގިނަގުނަ ހިދުމަތްތަކެއް ލިބޭނެ އެވެ.
ހުޅުމާލޭގައި އަމިއްލަ މީސްމީހުންގެ އިމާރާތްތަކުގައި މިހާތަނަށް ވިޔަފާރި ކުރެވެނީ ހަމައެކަނި ގްރައުންޑް ފްލޯގަ އެވެ. ނަމަވެސް، އެޗްޑީސީގެ އިމާރާތްތަކުގެ އެކި ފްލޯތަކުގައި މީގެ ކުރިން ވެސް ވިޔަފާރިކުރެ އެވެ.