ރަސްފަންނު ސަރަހައްދުގައި މަތީ ފެންވަރުގެ 350 ފްލެޓް އަޅަން ހަވާލުކޮށްފި

ރަސްފަންނު ސަރަހައްދުގައި މަތީ ފެންވަރުގެ 350 ފްލެޓް ހިމެނޭ 25 ބުރީގެ ހަތަރު ޓަވަރު އަޅަން ސިންގަޕޫރުގެ ޗަންހުއާ ހަވާލުކޮށްފި އެވެ.


ޗަންހުއާ އަކީ އައިޖީއެމްއެޗްގެ 25 ބުރީގެ އިމާރާތް އަޅަމުން އަންނަ ކުންފުންޏެވެ. އެ ކުންފުންޏާ ހަވާލު ކުރީ ބިޑަށް ހުޅުވާލައިގެން އެކަށީގެންވާ ބަޔަކު ކުރިމަތިނުލުމުން ހަތަރު ވަނަ ފަހަރަށް ހުޅުވާލުމަށް ފަހު ކަމަށް ހައުސިން މިނިސްޓްރީން ބުންޏެވެ.

ހައުސިން މިނިސްޓްރީގެ މީޑިއާ ކޮންސަލްޓެންޓް އަހުމަދު ފަޒާލް މިއަދު ވިދާޅުވީ ރަސްފަންނު ސަރަހައްދުގައި އެންމެ މަތީ ފެންވަރުގެ ފްލެޓް އަޅަން ޗަންހުއާ ހަވާލުކުރީ ވަރަށް ފަހުން ކަމަށެވެ. އެގޮތުން ފްލެޓް އަޅަން ނިންމާފައި ވަނީ ރަސްފަންނުގެ ހުޅަނގު ކަންމަތީގައި ހަދާފައިވާ ބީޖީ ދަނޑުން ފެށިގެން ސޯޝަލް ސެންޓަރުގެ ނެޓްބޯޅަ ދަނޑާ ދެމެދުގައި އޮންނަ ސަރަހައްދުގައި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ރަސްފަންނުގައި ފްލެޓް އަޅަން ނިންމާފައި ސަރަހައްދު.

"އެތަނުގައި ހުރި ޒުވާނުން ކުޅޭ ތަންތަން އެބަހުރި. އެތަން އެކީ ހުސްކުރަން މިނިސްޓްރީން އަންގާތާ ހައެއްކަ މަސްވެއްޖެ. އެކަމަކު ކޮންމެވެސް ސަބަބުތަކާ ހެދި ނުވެ އޮތީ. އެތަން ނެގުމުގެ ސަބަބުން ކުޅިވަރު ކުޅޭ ތަންތަން އެ ސަރަހައްދުގައި ހަދާނެ. މިހާރު އޮތް ޖާގަ ހުސްވީމަ އޭގެ ބަދަލުގައި ޑިވެލޮޕް ކޮށްދޭ ވަގުތީ ކުޅޭ ތަންތަން،" ފަޒާލް ވިދާޅުވި އެވެ.

ފަޒާލް ވިދާޅުވީ 25 ބުރީގެ ހަތަރު ޓަވަރު އަޅާ ނިންމަން ޖެހެނީ 2020ގެ ނިޔަލަށް ކަމަށެވެ. އަދި އެ ތަނުގައި ހަދާ ހަތަރު ޓަވަރުން 120 ފްލެޓް ސަރުކާރަށް ދޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އެ ހަތަރު ޓަވަރު ހަދާއިރު އެތަނުގެ 40 ޕަސެންޓް ގްރީން އޯޕަން ސްޕޭސްގެ ގޮތުގައި އޮންނާނެ. އަދި ބިލްޑިންތަކުގައި ހަތަރު ފްލޯގެ ޕާކިން ސްޕޭސް ހަދާއިރު 500 ކާރާއި 300 ސައިކަލް ޕާކުކުރެވޭނެ ޖާގަ ވެސް އޮންނާނެ. އެ ތަނުން ސަރުކާރަށް ދޭ 120 ފްލެޓް ވިއްކަން ހަމަޖެހިފައި ވަނީ ކޮންޓްރޯލް އަގެއްގައި،" ފަޒާލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެތަނުގައި ކޮންވެންޝަން ހޯލަކާއި ރީޓެއިލް ވިޔަފާރި އާއި އެނޫން ވެސް ވިޔަފާރިއަށް ހާއްސަ ތަންތަން ހުންނާނެ ކަމަށެވެ.

"ކޮރަލް ބުލެވާޑް"ގެ ނަމުގައި އެ ސަރަހައްދުގައި މަތީ ފެންވަރުގެ ފްލެޓްތަކެއް ތަރައްގީކުރަން ނިންމައި، އެތަން ވަރަށް އަވަހަށް އަންނާނެ ކަމަށް ބުނެ އެތަނުގައި މިހާރު ވަނީ ބިލްބޯޑު ޖަހައިފަ އެވެ.