މިނިވަން ވިޔަފާރިން ސަފާރީ ޓޫރިޒަމަށް ނުރައްކަލެއް ނެތް: ލޭމް

ރާއްޖެ އާއި ޗައިނާ އިން މިދިޔަ ހަފުތާގައި ސޮއިކުރި މިނިވަން ވިޔަފާރީގެ އެއްބަސްވުމުގައި، ސަފާރީ ޓޫރިޒަމުން ކަންބޮޑުވާން ޖެހޭ އެއްވެސް ކަމެއް މި ވަގުތު ނެތް ކަމަށް ލިވްއަބޯޑް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ލޭމް) އިން ބުނެފި އެވެ.


އެފްޓީއޭ އިން ސަފާރީ ހިންގުމަށް ޗައިނާ މީހުންނަށް ދީފައިވާ ފުރުސަތުތަކާ ގުޅިގެން، އެ ޖަމިއްޔާގެ ކަންބޮޑުވުންތައް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދާ މިއަދު ވަނީ ހިއްސާ ކުރައްވައިފަ އެވެ.

އެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ލޭމްގެ ސެކްރެޓަރީ ޖެނެރަލް މުހައްމަދު އިގްނާޒް ވިދާޅުވީ އެ ބައްދަލުވުމުގެ ބޭނުމަކީ އެފްޓީއޭއާ ގުޅިގެން އެ ޖަމިއްޔާގެ ހުރި ކަންބޮޑުވުންތައް މިނިސްޓަރާ ހިއްސާކުރުން ކަމަށެވެ. އަދި އެ ބައްދަލުވުމުގައި މިނިސްޓަރު ސައީދު ވަނީ އެފްޓީއޭގެ ކަންތައްތައް އޮޅުންފިލުވައިދެއްވި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"މިނިސްޓަރު ވިދާޅުވި މިހާރު އަމަލު ކުރަމުންނުދާ ގަވައިދަކަށް އެ އެއްބަސްވުމާ ގުޅިގެން އަމަލުނުކުރާނެ ކަމަށް. އަދި މިހާރު ސަފާރީ އުޅަނދުތައް އޮޕަރޭޓްކުރުމާ ބެހޭ ގޮތުން އަމަލުކުރަމުން އަންނަ ގޮތް ބަދަލުވެގެންނުދާނެ ކަމަށް މިނިސްޓަރު ވިދާޅުވި،" އިގްނާޒް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެ ޖަމިއްޔާ އިން އޮޅުންފިލުވަން ބޭނުންވީ ޗައިނާ މީހުންނަށް ސަފާރީ އަމިއްލަކޮށް ހިންގޭނެ ގޮތްތަކާއި އެ ނޫން ވެސް އެކަމާ ގުޅުން ހުރި ކަންތައްތައް ކަމަށެވެ.

"މިހާރު ވެސް އަމަލުކުރަމުން އަންނަ ގޮތުން ބޭރު މީހުންނަށް އަމިއްލަކޮށް ހިންގޭނީ ވަކި ވަރަކަށް ރޫމް އިތުރު އުޅަނދުތައް. މިހާރު އަމަލުކުރަމުން އަންނަ އެއްވެސް ގަވައިދަކަށް ބަދަލެއް ނާންނަ ކަމަށްވަންޏާ އަޅުގަނޑުމެންގެ ކަންބޮޑުވުމެއް ނެތް،" އިގްނާޒް ވިދާޅުވި އެވެ.