"ޗިކިން"ގެ ރެސްޓޯރެންޓެއް ޕެވިލިއަންގައި ހުޅުވައިފި

ރަސްފަންނުގައި އެމްޑަބްލިއުއެސްސީން ހަދާފައިވާ ޕެވިލިއަންގައި ޔޫއޭއީގެ މަޝްހޫރު ފާސްޓްފުޑް ފްރެންޗައިޒް، "ޗިކިން"ގެ ރެސްޓޯރަންޓެއް މިރޭ ހުޅުވައިފި އެވެ.


ހަވާ އެރުވުމާ އެކު ބޭއްވި ކުލަގަދަ ހަފުލާއެއްގައި މިތަން ހުޅުއްވައިދެއްވީ ރައީސް އަބްދުﷲ ޔާމީންގެ އަނބިކަނބަލުން ފާތުމަތު އިބްރާހީމް އެވެ. ޕެވިލިއަންގެ އެންމެ ތިރީ ބައިގައި ހެދި ރެސްޓޯރެންޓް ހުޅުއްވައިދެއްވުމަށް ފަހު ފަސްޓް ލޭޑީ ވަނީ އެ ތަނުގެ ކެއުން ތަޖުރިބާ ކުރައްވައިފަ އެވެ.

ޕެވިލިއަންގައި ފުރަތަމަ ހުޅުވީ އޮސްޓްރޭލިއާގެ މަޝްހޫރު ގްލޯރިއާ ޖީންސް ކޮފީސްގެ ފްރެންޗައިޒް ރެސްޓޯރެންޓެކެވެ. އެ ރެސްޓޯރެންޓް ހުންނަނީ ޕެވިލިއަންގެ ދެ ވަނަ ބުރީގަ އެވެ.

ޗިކިންގެ ރެސްޓޯރެންޓް ހުޅުވަން ބޭއްވި ރަސްމިއްޔާތަށް ފަހު އާންމުންނަށް އެތަން ހުޅުވާޅުމުގެ ކުރިން ވެސް އެތަނުގެ ކެއުންތައް ތަޖުރިބާ ކޮށްލުމަށް ގިނަ ބަޔަކު ކިއު ހަދައިގެން ތިއްބެވެ.

މިނިސްޓަރުންނާއި ވިޔަފާރިވެރިން ބައިވެރިވި ރަސްމިއްޔާތުގައި އެމްޑަބްލިއުއެސްސީގެ މެނެޖިން ޑިރެކްޓަރު ފަޒުލް ރަޝީދު ވިދާޅުވީ، ޕެވިލިއަންގެ ފުރަތަމަ ބުރީގައި އިތުރު ފްރެންޗައިޒް ރެސްޓޯރެންޓެއް ވަރަށް އަވަހަށް ހުޅުވާނެ ކަމަށެވެ. އެގޮތުން ދެން ހުޅުވާނީ، އިންޑިއާގެ މަޝްހޫރު ފްރެންޗައިޒް މޮންތީ މަހަލްގެ ރެސްޓޯރެންޓެއް ކަމަށް ވެސް ފަޒުލް ވިދާޅުވި އެވެ.

މި ރަސްމިއްޔާތުގައި ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިޒް ވިދާޅުވީ، މީގެ އަހަރުތަކެއް ކުރިން ރަސްފަންނު ސަރަހައްދު އޮތީ މީހުންނާ ވަރަށް ވަކިން، ބޭނުން ނުކުރާ ސަރަހައްދެއްގެ ގޮތުގައި ކަމަށާއި ނަމަވެސް އެކަން މިހާރު ބަދަލުކޮށްލެވިއްޖެ ކަމަށެވެ.

ޗިކިން ރެސްޓޯރެންޓް ހުޅުވަން މިރޭ ބޭއްވި ރަސްމިއްޔާތުގައި ހަވާ އަރުވަނީ.-- ފޮޓޯ: އަހުމަދު ނިޝާދު/މިހާރު

ރަސްފަންނުގެ ޕެވިލިއަންގައި ހުޅުވަމުން އަންނަނީ ދުނިޔޭގެ ފެންވަރުގެ ފްރެންޗައިޒް ރެސްޓޯރެންޓުތައް ކަމަށާއި، އެކަމުގެ ސަބަބުން ރަސްފަންނަކީ ދުނިޔޭގެ ފެންވަރުގެ ތަނަކަށް ބަދަލުވެގެން ގޮސްފައިވާ ކަމަށް ވެސް ޑރ. މުއިއްޒު ވިދާޅުވި އެވެ.

ޕެވިލިއަންގައި ފްރެންޗައިޒް ރެސްޓޯރެންޓުތައް ހިންގާ ކުންފުނި، ސިބްކޯ އިން ބުނީ، ޗިކިންގެ ރެސްޓޯރެންޓެއް ވަރަށް އަވަހަށް ހުޅުމާލޭގައި ހުޅުވަން ހަމަޖެހިފައިވާ ކަމަށެވެ. އަދި މޮންތީ މަހަލްއާ އެކު ޕެވިލިއަންގެ އެއް ވަނަ ބުރީގައި މޫވެންޕިކް ހުޅުވާނެ ކަމަށް ވެސް އެ ކުންފުނީގެ އިސް އޮފިޝަލަކު ވިދާޅުވި އެވެ.

ޗިކިން ރެސްޓޯރެންޓް ހުޅުވަން ބޭއްވި ރަސްމިއްޔާތުގައި ފަސްޓް ލޭޑީ ފާތުމަތު އިބްރާހީމް އާއި މިނިސްޓަރު މުއިއްޒު (ވ) އަދި ސިބްކޯގެ ޗެއާމަން މުހައްމަދު ޝަވީދު (ކ).-- ފޮޓޯ: އަހުމަދު ނިޝާދު/މިހާރު

ޗިކިން އިން 15 ގައުމެއްގައި 143 އަށް ވުރެ ގިނަ ރެސްޓޯރަންޓް ހިންގަ އެވެ. ކޮންމެ ގައުމެއްގައި ވެސް ޗިކިންގެ އައުޓްލެޓްތަކުން ވިއްކާނީ ހަލާލު ކާނާ އެވެ.

ޕެވިލިއަން ހިންގަން އެމްޑަބްލިއުއެސްސީން މިދިޔަ އަހަރުގެ އޮގަސްޓް މަހު ހުޅުވާލި ބިޑް ކާމިޔާބުކުރީ ސިބްކޯ ޕްރައިވެޓް ލިމިޓެޑުންނެވެ. އެ ތަން ހިންގާނެ ފަރާތެއް ހޯދަން އޭގެ ކުރިން ހުޅުވާލި ބިޑް ކާމިޔާބުކުރީ ބްރަދާސް ކޭޓަރިން އެވެ. ނަމަވެސް އެ ކުންފުންޏާ އެކު ހެދި އެއްބަސްވުން އުވާލުމަށް ފަހު އަލުން ބިޑަށް ހުޅުވާލުމުން ތިން ކުންފުންޏަކުން ބިޑް ހުށަހެޅި އެވެ. އޭގެ ތެރޭގައި ސިބްކޯގެ އިތުރުން ހުޅުމާލޭގައި ހުންނަ މެންހަޓަން ފިޝް މާކެޓް ރެސްޓޯރަންޓާއި ރާނބާ ރެސްޓޯރަންޓް ހިންގާ ސިލްވަ ސްޕޫން ޕްރައިވެޓް ލިމިޓެޑް ހިމެނެ އެވެ.