އީދު ޗުއްޓީގައި ދިވެހިން ލަންކާއާ ދުރަށް!

މި ފަހަރުގެ ކުޑަ އީދުގައި ބޮޑު ބަންދެން ލިބުނު ނަމަވެސް ސްރީ ލަންކާއަށް ދާ ދިވެހިންގެ އަދަދު ވަރަށް ބޮޑަށް މަދުވެއްޖެ އެވެ.


ލަންކާގައި މުސްލިމުންގެ ބަޔަކު ދިން ބޮމުގެ ހަމަލާއެއްގައި 200 އަށް ވުރެ ގިނަ މީހުން މަރުވުމާ ގުޅިގެން މުސްލިމުންނާ ދެކޮޅަށް ހިންގާ ހަމަނުޖެހުންތަކާ ހެދި ގިނަ ދިވެހިންގެ މެދުގައި ވެސް އޮތީ ބިރުވެރިކަމެއް އުފެދިފަ އެވެ.

ލަންކާއަށް ދަތުރުކުރާ ގިނަ އަދަދެއްގެ ބަޔަކު ޓިކެޓް ނަގާ އެއް ކުންފުނި ކަމަށްވާ އިނަ މޯލްޑިވްސް އިން ބުނީ ލަންކާއަށް ދާ ދިވެހިންގެ މިންވަރު 70 ޕަސެންޓް ދަށްވެފައިވާ ކަމަށެވެ.

އިނަ މޯލްޑިވްސް މެނޭޖިން ޑިރެކްޓަރު މުހައްމަދު ފިރާގު ވިދާޅުވި ގޮތުގައި ކުރީގެ އީދު ބަންދުތަކުގައި ގިނަ އަދަދެއްގެ ދިވެހިން ލަންކާއަށް ދަތުރުކުރި އެވެ. ނަމަވެސް މި އަހަރުގެ އީދުގައި ދިވެހިން ދަތުރުކުރާ މިންވަރު ވަރަށް ބޮޑަށް މަދުވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ބޮމުގެ ހަމަލާއާ ގުޅިގެން މުސްލިމުންނާ ދެކޮޅަށް ލަންކާގައި ތަފާތު ހަމަނުޖެހުންތައް ހިންގާފައިވެ އެވެ. އަދި ފުލުހުންގެ އޮޕަރޭޝަންތަކުގައި ބައެއް ދިވެހިން ހައްޔަރު ވެސް ކުރި އެވެ.

ގިނަ އަދަދެއްގެ ދިވެހިން ދިރިއުޅެމުން އަންނަ ލަންކާ ދޫކޮށް ބައެއް މީހުން މިހާރު ވަނީ ރާއްޖެ ބަދަލުވެފަ އެވެ.

ދިވެހިންގެ ދަތުރުތަކާ ގުޅޭ ގޮތުން މަރުކަޒީ ބޭންކް އެމްއެމްއޭ އިން 2018 ގައި ކުރި ސާވޭއިން ދައްކާ ގޮތުން ރާއްޖެއިން ބޭރަށް ދާ ދިވެހިންގެ ތެރެއިން ގާތްގަނޑަކަށް 30 ޕަސެންޓް މީހުންގެ މަންޒިލަކީ ލަންކާ އެވެ.