ކޮވިޑް-19: ޔޫއޭއީއިން ލިބުނީ ދިވެއްސެއްގެ ނަމެއް ނޫން: މަބްރޫކް

ޔޫއޭއީގައި ކޮރޯނާވައިރަސްއަށް ދިވެއްސަކު ޕޮޒިޓިވްވި ކަމަށް އެ ގައުމުން އިއުލާންކުރި ނަމަވެސް، މިހާތަނަށް ލިބިފައިވާ ނަމަކީ ދިވެހިންނަށް ކިޔާ ނަމެއް ނޫން ކަމަށް، ނެޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ)ގެ ތަރުޖަމާން މުހައްމަދު މަބްރޫކް އަބްދުލްއަޒީޒް މިއަދު ވިދާޅުވެއްޖެ އެވެ.


ދަރުބާރުގޭގައި އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި އޭނާ ވިދާޅުވީ ޔޫއޭއީގެ ރަސްމީ ފަރާތްތަކުން ލިބުނު ނަމަށް ބަލާއިރު އެއީ އިރުމަތީ ޔޫރަޕްގެ ގައުމުތަކުގައި ބޭނުންކުރާ ނަމެއް ކަމަށެވެ. އެ މައުލޫމާތަށް ބައްލަވާފައި އޭނާ ވިދާޅުވި ގޮތުގައި ޔޫއޭއީގައި ދިވެއްސަކު ކޮރޯނާވައިރަސް އަށް ޕޮޒިޓިވްވީ ކަމަށް ހީއެއްނުކުރެއްވެ އެވެ.

"މިހާތަނަށް ދިވެހި ނަމެއް ނޫން އޮތީ ފޮނުވާފައި (ޔޫއޭއީން)،" މަބްރޫކް ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ ހީއަކީ އެއީ ދިވެއްސެއް ނޫނޭ."

ކޮރޯނާވައިރަސްއަށް މިހާތަނަށް ޕޮޒިޓިވްވިކަން ޔަގީންވެފައި ވަނީ ދެ ދިވެއްސެވެ. އެއީ އިނގިރޭސި ވިލާތުން ރާއްޖެ އައިސް އައިސޮލޭޝަނަށް ގެންގޮސް ހުރި މީހަކާއި އިނގިރޭސިވިލާތުގައި މަސައްކަތްކުރައްވާ ޑޮކްޓަރެއްގެ އަނބިކަނބަލުންނެވެ.

އިނގިރޭސިވިލާތުގައި މަސައްކަތްކުރައްވާ ޑޮކްޓަރުގެ އާއިލާއާ ބެހޭ މައުލޫމާތު ހާމަކުރެއްވީ އޭނާ އަމިއްލަ، ފޭސްބުކްގަ އެވެ. އެކަމާ ބެހޭ އެއްވެސް މައުލޫމާތެއް، ސަރުކާރަށް އަދި ލިބިފައިނުވާ ކަމަށް، މަބްރޫކް ވިދާޅުވި އެވެ.