ޔޫއޭއީގައި ދިވެއްސަކު ކޮރޯނާވައިރަހަށް ޕޮޒިޓިވްވެފައިވާކަން އެ ގައުމުގެ ސަރުކާރުން ބުނެފައިވީ ނަމަވެސް އެއީ ދިވެއްސެއް ނޫން ކަން ދިވެހި ސަރުކާރަށް މިހާރު ޔަގީންވެއްޖެ ކަމަށް ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގެ ތަރުޖަމާން މަބްރޫކް އަބްދުލްއަޒީޒް މިރޭ ވިދާޅުވެއްޖެ އެވެ.

ރާއްޖޭގައި ކޮރޯނާވައިރަހުގެ އެންމެ ފަހުގެ މައުލޫމާތު ހާމަކުރަން ބޭއްވި މީޑިއާ ބްރީފިންގައި އޭނާ އެހެން ވިދާޅުވިއިރު، މިއަދު މެންދުރު ވިދާޅުވީ، ޔޫއޭއީގެ ރަސްމީ ފަރާތްތަކުން ލިބުނު ނަމަށް ބަލާއިރު އެއީ އިރުމަތީ ޔޫރަޕްގެ ގައުމުތަކުގައި ބޭނުންކުރާ ނަމެއް ކަމަށެވެ. އޭރު ވެސް މަބްރޫކް ވިދާޅުވީ، ޔޫއޭއީގައި ދިވެއްސަކު ކޮރޯނާވައިރަހަށް ޕޮޒިޓިވްވި ކަމަށް ހިއެއް ނުވާ ކަމަށެވެ.

އިނގިރޭސި ވިލާތުގައި ދިރިއުޅުއްވާ ދިވެހި ޑޮކްޓަރެއްގެ އަނބިކަނބަލުން ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާ ކަމަށް ޑޮކްޓަރު ފޭސްބުކްގައި މިއަދު ލިޔުއްވާފައި ވެ އެވެ. އެ ކަން ދިވެހި ސަރުކާރާއި އެތައް ބައެއްގެ ސަމާލުކަމަށް އައިސްފައިވީ ނަމަވެސް މަބްރޫކް މިރޭ ވިދާޅުވި ގޮތުގައި، އެ ކޭސްއާ ގުޅޭ މައުލޫމާތު އަދި ލިބިވަޑައިނުގަންނަވާ ކަމަށެވެ.

ޑޮކްޓަރު އޭނާގެ ފޭސްބުކްގައި ލިއުއްވާފައިވާ ގޮތުގައި ކޮވިޑް-19 އަށް އަނބިކަނބަލުން ޕޮޒިޓިވް ވީ ރޯގާގެ އަލާމާތްތަކެއް ހުރުމުން ޓެސްޓް ހެދުމުންނެވެ. މިހާރު އެ އަލާމާތްތައް ވެސް ރަނގަޅު ވަމުން އަންނަ ކަމަށް ލިއުއްވި އެވެ.

ޔޫއޭއީގައި އަލަށް ކޮރޯނާވައިރަހަށް ޕޮޒިޓިވްވި 50 މީހުންގެ ތެރޭގައި ދިވެއްސަކު ހިމެނޭ ކަމަށް އެ ގައުމުގެ ސަރުކާރުން ހާމަކޮށްފައި ވަނީ މިދިޔަ އަންގާރަ ދުވަހު އެވެ.