ފްރާންސްގެ ރައީސް އެމެނުއެލް މެކްރޮން، މިދިޔަ ހަފުތާގައި އިންޑިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި އޭނާއަށް އެންމެ ކަމުދާ ބޮލީވުޑްގެ ތަރިއަކީ އަނިލް ކަޕޫރު ކަން ހާމަކުރައްވައިފި އެވެ.
"ބްރުޓް އިންޑިއާ"އަށް ދެއްވި އިންޓަވިއުއެއްގައި، އެންމެ ކަމުދާ ބޮލީވުޑްގެ ތަރިއަކީ ކާކުތޯ ސުވާލުކުރުމުން މެކްރޮން ވިދާޅުވީ އޮސްކާ އެވޯޑް ކާމިޔާބުކޮށްފައިވާ އިންޑިއާގެ ލަވަ "ޖޭ ހޯ"އާ ބެހޭ ގޮތުން އެ ދަތުރުފުޅުގައި ވެސް ވާހަކަދެއްކެވި ކަމަށާއި އެހެންކަމުން އޭނާގެ އިހުތިޔާރަކީ އަނިލް ކަޕޫރު ކަމަށެވެ.
އެކަމަކު، އޭގެ މާ ބޮޑު ތަފުސީލަކަށް ވަޑައިނުގަންނަވަ އެވެ.
މެކްރޮން ވަނީ ބޮލީވުޑްގެ ބައެއް ތަރިންނާ އެކު، ގޭޓްވޭ އޮފް އިންޑިއާ ކައިރީގައި އޭނާ ނަންގަވާފައިވާ ފޮޓޯތަކެއް ވެސް ސޯޝަލް މީޑިއާގައި ހިއްސާކުރައްވައިފަ އެވެ. އެ ޕޯސްޓުގައި އޭނާ ލިޔުއްވާފައިވާ ގޮތުގައި ސަގާފަތަކީ ގައުމުތައް ގުޅުވައިދޭ ބާރެކެވެ.
އެ ފޮޓޯގައި މެކްރޮންއާ އެކު ތިބި ތަރިންނަކީ އަނިލް ކަޕޫރު، މަނޯޖް ބަޖްޕާއީ، ޒޯޔާ އަޚްތަރު، ރިޗާ ޗައްޑާ އަދި ޝަބާނާ އަޒްމީ އެވެ.
އަނިލް ކަޕޫރު ވެސް ވަނީ މެކްރޮންއާ އެކު ހޭދަކުރި ވަގުތަކީ ވަރަށް އުފާވެރި އަދި ހިތްހަމަޖެހުން ލިބުނު ވަގުތުކޮޅެއްގެ ގޮތުގައި ސިފަކޮށްފަ އެވެ.
އަނިލް ކަޕޫރަކީ އުމުރުން ދުވަސްވީ އެކްޓަރެއް ނަމަވެސް، އޭނާގެ "ޒުވާންކަން" ހިފަހައްޓާފައި ވާތީ އާންމުންގެ މެދުގައި ވަރަށް މަޝްހޫރު ތަރިއެކެވެ. އޭނާއަށް ގިނަ ބަޔަކު ސަމާސާކޮށް "އެވަގްރީން" ތަރިއެއްގެ ގޮތުގައި ކިޔައި އުޅެ އެވެ. އަދި މިހާރު ފިލްމުތަކުގައި އޭނާ ގިނައިން ކުޅެނީ ބައްޕަގެ ރޯލުތަކެވެ.
އެންމެ ފަހުން، މިދިޔަ އަހަރު ގެނެސްދިން "ވޯ 2" ފެނުނު އަނިލް ކަޕޫރުގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި، އާލިއާ ބަޓް އާއި ޝަރުވަރީއާ އެކު ފެންނާނެ ވައިއާރުއެފްގެ ސްޕައި ޔުނިވާސްގެ ފިލްމު "އަލްފާ" އާއި އަންނަ މަހު މާޗު ފަހެއްގައި ޕްރައިމް ވީޑިއޯ އިން ރިލީޒްކުރާ އެކްޝަން ޑްރާމާ ފިލްމު "ސުބޭދާރު" ހިމެނެ އެވެ.