ކެނެޑާގެ ސިނަމާއެއްގައި ބޮލީވުޑްގެ މަޝްހޫރު އެކްޓަރު ރަންވީރު ސިންގުގެ އާ ފިލްމު "ދުރަންދަރު: ދަ ރިވެންޖު" ދައްކަމުން ދަނިކޮށް ބޮޑު ހަމަނުޖެހުމެއް ހިނގައިފި އެވެ.
ނޫސްތަކުގައި ބުނީ އެ ހަމަނުޖެހުން ހިނގާފައި ވަނީ ކެނެޑާގެ މޮންޓްރިއަލްގެ ސިނަމާތަކެއްގައި ކަމަށެވެ.
ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯތަކުން ފެންނަ ގޮތުގައި، އެ ފިލްމު ބަލަން ތިބި ބަޔަކު ވަނީ ސިނަމާގެ ސްކްރީނަށް ބޮޑެތި ގެއްލުންތަކެއް ދީ، ސްކްރީން ވީދާލައިފަ އެވެ. އެ ހަމަނުޖެހުން ކޮންޓްރޯލް ކުރުމަށް ފުލުހުން ވެސް ވަނީ ސިނަމާ ހޯލްތަކުގެ ތެރެއަށް ވަދެފަ އެވެ.
ރިޕޯޓުތައް ބުނި ގޮތުގައި، މޮންޓްރިއަލްގެ "ސިނެޕްލެކްސް އެޓްވޯޓާ" އާއި "އަންގްރިގްނަން" ސިނަމާގައި މި ކަހަލަ ހަމަނުޖެހުންތަކެއް ވަނީ ހިނގައިފަ އެވެ.
ބައެއް މީހުން ބުނި ގޮތުގައި، މި ހަމަނުޖެހުންތަކަކީ ފިލްމާ މެދު ހިތްހަމަނުޖެހުން ފާޅުކުރުމުގެ ގޮތުން ދީފައިވާ ހަމަލާތަކެކެވެ. ނަމަވެސް، އަނެއް ބަޔަކު ދެކޭ ގޮތުގައި މިއީ ފިލްމު ހުއްޓުވަން ބަޔަކު ގަސްތުގައި ކުރި ކަމެކެވެ.
އަދިތުޔާ ދާރް ޑައިރެކްޓްކޮށްފައިވާ މި ސްޕައި އެކްޝަން ތުރިލާ ފިލްމަށް އިންޑިއާގައި ބޮޑު ތަރުހީބެއް އަންނަނީ ލިބެމުންނެވެ.
"ދުރަންދަރު"ގައި ދައްކަނީ 1999 ވަނަ އަހަރު އިންޑިއަން އެއާލައިންސްގެ ފްލައިޓް އައިސީ-814 ހައިޖެކްކުރި ހާދިސާ އާއި އިންޑިއާގެ ގާނޫނު ހަދާ މަޖިލީހަށް 2001 ވަނަ އަހަރު ދިން ހަމަލާގެ ފަހުން އިންޓެލިޖެންސް ބިއުރޯގެ ޗީފް އަޖޭ ސަންޔާލް (އާރް. މަދަވަން)، ޕާކިސްތާނުގެ ޓެރަރިސްޓުންގެ ނެޓްވޯކް ފުނޑާލުމަށް ޒުވާނަކު އެ ގައުމަށް ޖާސޫސެއްގެ ގޮތުގައި ފޮނުވާ ހިސާބުން ދެން ހިނގާ ކަންތައްތަކެވެ.
ޖާސޫސެއް ނުވަތަ އިންޑިއާގެ ރޯގެ އޭޖެންޓެއްގެ ގޮތުގައި ޕާކިސްތާނަށް ފޮނުވާ ޒުވާނާގެ ރޯލު ކުޅެނީ ރަންވީރެވެ.
ރަންވީރާ އެކު މުހިންމު ރޯލުތައް ކުޅެނީ ސާރާ އަރްޖުން، އަކްޝޭ ކަންނާ، ސަންޖޭ ދަތު، އާރު މަދަވަން އަދި އަރްޖުން ރާމްޕާލެވެ.
ޖިއޯ ސްޓޫޑިއޯސް އާއި ބީސިކްސް ސްޓޫޑިއޯސް ގުޅިގެން ގެނެސްދޭ "ދުރަންދަރު"އަކީ 2019 ވަނަ އަހަރު ގެނެސްދިން ކާމިޔާބު ހަނގުރާމަ މަތީ ފިލްމު "ޔޫރީ: ދަ ސާޖިކަލް ސްޓްރައިކް"ގެ ޑައިރެކްޓަރު އަދިތުޔަ ދަރުގެ ފިލްމެކެވެ. އެ ފިލްމުގެ އެއް ޕްރޮޑިއުސަރަކީ ވެސް އޭނާ އެވެ.
"ދުރަންދަރު"ގެ ދެވަނަ ފިލްމުގައި ދައްކަނީ ފުރަތަމަ ފިލްމުގައި ހިނގި ކަންކަމުގެ ކުރިންނާއި އޭގެ ފަހުން ހިނގާ ކަންކަމެވެ.