އަމްޖޭގެ "ރޭވުމުން"ގެ ޓިކެޓް ވިއްކަން ފަށައިފި

އޮލިމްޕަހާ އެކު ހުޅުމާލޭގެ ޝްވެކް ސިނަމާގައި ވެސް މި މަހުގެ 24 ގައި ފިލްމް އަޅުވާނެ.

މި މަހުގެ 24 ގައި އަޅުވާ އަމްޖަދު (އަމްޖޭ) އިބްރާހީމްގެ އާ ފިލްމް "ރޭވުމުން" ގެ ޓިކެޓް މިއަދު އޮލިމްޕަހުން ވިއްކަން ފަށައިފި އެވެ.


ލޯބީގެ ބިރުވެރި ވާހަކައަކަށް ހަދާފައިފާ ފިލްމް އޮލިމްޕަސް ސިނަމާއާ އެކު، ހުޅުމާލޭގެ ޝްވެކް ސިނަމާގައި ވެސް ދައްކަން ވަނީ ހަމަޖެހިފަ އެވެ. ޓިކެޓް ވިއްކަނީ 100ރ. އަށެވެ.

އަމްޖޭ ބުނީ "ރޭވުމުން" ގެ 12 ޝޯ އަށް ޓާގެޓްކޮށްފައިވާ އިރު، މިއަދު ހުޅުވާލީ ފުރަތަމަ ތިން ޝޯގެ ޓިކެޓަށް ކަމަށެވެ.

"ރޭވުމުން" އަކީ އަމްޖޭގެ އަމިއްލަ ސްކްރީންޕްލޭއަކަށް، އޭނާ ޑައިރެކްޓްކޮށްފައިވާ 52 ވަނަ ފިލްމެވެ.

"ފިލްމަކީ ލޯބީގެ ބިރުވެރި ފިލްމަކަށް ވިޔަސް ބެލުންތެރިންނަށް ކަމުދާނެ ހުރިހާ ރަހަތަކެއް ފިލްމްގައި ހުންނާނެ. އަނެއްކާ ވަރަށް އިބުރަތްތެރި މެސެޖްތަކެއް ފިލްމުން ލިބިގެން ދާނެ،" މިހާރު ކުރިއަށް ދަނީ ފިލްމް އިތުރަށް ޕޮލިޝް ކުރުންކަން ފާހަގަކޮށް އޭނާ ބުންޏެވެ. "އަހަރެން މިހިރީ ފިލްމާ ދޭތެރޭ ސަތޭކަ ޕަސެންޓް ހިތްހަމަޖެހިފައި. ގަބޫލު ކުރަނީ އަހަރެންގެ ފިލްމްތައް ކަމުދާ މީހުންނަށް ރޭވުމުން ވަރަށް ކަމުދާނެ ކަމަށް."

މި ފިލްމްގެ ލީޑް ރޯލުން ފެނިގެން ދާނީ މުހައްމަދު މަނިކާ އެކު އަލަށް ތައާރަފުވާ ނާޖިހާ (ނާޖި) އެވެ. އޭނާއަކީ މިހާރު ވެސް ބައެއް ޓީވީ ކޮމާޝަލްތަކުން ފެންނަ ބަތަލާއެކެވެ.

"ރޭވުމުން" ގެ ކާސްޓުންގެ ތެރޭގައި ފައުޒިއްޔާ ހަސަން، އަހުމަދު (ތަބޫޖެ) ޝާޒް އަދި މަރިޔަމް ޝަކީލާ ފަދަ ތަރިން ވެސް ހިމެނެ އެވެ.

އަމްޖޭ ބުނީ ފިލްމް 24 ގައި ދައްކަން ފަށާ އިރު، ރަށްރަށުން ވެސް މިހާރު ފިލްމް އަޅުވައި ދޭން އެދެމުން އަންނަ ކަމަށެވެ.

"އެކަން ކުރިއަށް އެބަދޭ. އަޅުގަނޑުމެން މަސައްކަތް ކުރާނަން ގިނަ ރަށްރަށުގައި ފިލްމް ދެއްކޭތޯ،" އޭނާ ބުންޏެވެ.

"ރޭވުމުން" އަކީ 2011 ގައި އެޅުވި "ހިތޭދޭމީ" އަށް ފަހު، ސިނަމާ އަށް އަންނަ އަމްޖޭގެ ފުރަތަމަ ފިލްމެވެ.