ޕްރިޔަންކާގެ ޗޯޕްޅާގެ ދެވަނަ ހޮލީވުޑް ފިލްމް "އަ ކިޑް ލައިކް ޖޭކް" ރިލީޒް ކުރާ ތާރީހު ކައިރިވަމުން އަންނަނިކޮށް، އޭނާ އެހެން ޕްރޮޖެކްޓަކަށް އަނެއްކާ ވެސް ސޮއިކޮށްފި އެވެ.

މި ފަހަރު ޕްރިޔަންކާ ސޮއިކޮށްފައި ވަނީ ޔޫޓިއުބުން ގެނެސްދޭ އޮރިޖިނަލް ސީރީޒަށެކެވެ. އޭނާ ހޯސްޓެއްގެ ގޮތުން ބައިވެރިވާ ސީރީޒްގެ ނަމަކީ "އިފް އައި ކުޑް ޓެލް ޔޫ ޖަސްޓް ވަން ތިން" އެވެ. މި ޝޯއަކީ ދުނިޔޭގެ މަޝްހޫރު ސިޔާސީ ލީޑަރުންނާއި ތިމާވެށްޓަށް މަސައްކަތްކުރާ އެކްޓިވިސްޓުންނާއި އެ ނޫން ވެސް ފާހަގަކޮށްލެވޭ ދާއިރާތަކުގެ މީހުންގެ އިންޓަވިއުތަކާ އެކު ގެނެސްދޭ ޝޯއެކެވެ.

ރިޕޯޓްތައް ބުނާ ގޮތުން މި ޝޯ އަށް ޕްރިޔަންކާ ދުނިޔޭގެ ވަރަށް ގިނަ ގައުމުތަކަށް ދަތުރުކުރާނެ އެވެ. ނަމަވެސް ޔޫޓިއުބާއި ޕްރިޔަންކާގެ ފަރާތުން މިކަމާ ބެހޭ އެއްވެސް ތަފުސީލެއް އަދި ހާމައެއް ނުކުރެ އެވެ.

އަންނަ އަހަރު ރިލީޒް ކުރާ "އިޒިންޓް އިޓް ރޮމޭންޓިކް" ވެސް ކުޅެފައިވާ ޕްރިޔަންކާ ވަނީ ހިންދީ ފިލްމަކަށް ވެސް މިހާރު ސޮއިކޮށްފަ އެވެ. އެއީ ސަލްމާން ހާނާ އެކު ކުޅޭ "ބާރަތު" އެވެ.

ޕްރިޔަންކާ ބުނި ގޮތުގައި އެ ފިލްމްގެ ކްރޫއާ އޭނާ ގުޅޭނީ އަންނަ އޮގަސްޓް މަހު އެވެ. އަލީ އައްބާސް ޒަފަރު ޑައިރެކްޓް ކުރާ "ބާރަތު" ރިލީޒް ކުރަން ތާވަލުކޮށްފައި ވަނީ އަންނަ އަހަރުގެ ފިތުރު އީދުގަ އެވެ.

"އަ ކިޑް ލައިކް ޖޭކް" ސިނަމާތަކަށް އަންނާނީ އަންނަ މަހުގެ 8 ގަ އެވެ. މިއީ މިދިޔަ އަހަރު ރިލީޒް ކުރި "ބޭވޮޗް" އަށް ފަހު، ޕްރިޔަންކާ ފެނިގެންދާ ދެވަނަ ހޮލީވުޑް ފިލްމެވެ.