19 އެޕްރީލް 2020 - 08:39
އިންޑިއާގައި މިހާރު ލޮކްޑައުން އިއުލާންކޮށްްފައި އޮތަސް އެކަން މާ ބޮޑު މައްސަލައަކަށް ނުވާ ކަމަށާއި ހަޔާތުގެ ވަރަށް ގިނަ ދުވަސްތަކެއް ޖަލުގައި ހޭދަކުރަން ޖެހުމުން ލޮކްޑައުންތަކަށް ވަރަށް ފަރިތަކަމަށް ބޮލީވުޑްގެ އެކްޓަރު ސަންޖޭ ދަތު ބުނެފި އެވެ.
ޓައިމްސް އޮފް އިންޑިއާ އަށް ދިން އިންޓަވިއެއްގައި އޭނާ ބުނީ ކުރީގެ ހާލަތްތަކާއި މިހާރުގެ ހާލަތާ ވެސް އެންމެ އެއްގޮތް ކަމަކީ އާއިލާ މަތިން ހަނދާންވުމެވެ. ސަންޖޭ ބުނި ގޮތުގައި ކޮރޯނާވައިރަހުގެ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އިންޑިއާގައި މިދިޔަ މަހުގެ 22 ވަނަ ދުވަހު ލޮކްޑައުން އިއުލާންކުރި އިރު އަންހެނުން މަންޔަތާ ދަތާއި ދެ ކުދިން ތިބީ އާއިލާގެ ބައެއްގެ ކައިރި އަށް ދުބާއީ އަށް ގޮސް ކަމަށެވެ.
ލޮކްޑައުން މިހާރު އަންނަ މަހުގެ 3 ވަނަ ދުވަހާ ހަމައަށް ދިގުދަންމާލާފައިވާ އިރު ސަންޖޭ ބުނީ އެންމެ ހަނދާން ވަނީ އާއިލާ މަތިން ކަމަށެވެ.
"އެ ނޫން ތަފާތެއް ލޮކްޑައުންއަކުން އަހަންނަކަށް އިހުސާސެއް ނުކުރެވޭ. އަންހެނުންނާއި ކުދިން އެންމެ ބޮޑަށް މިސްވަނީ. ބޭނުން ވަނީ ވީހާ ވެސް އަވަހަކަށް އަހަރެމެން އެންމެން އެއް ފުރާޅެއްގެ ދަށަށް އަންނާނެ ހާލަތެއް އައުން،" ސަންޖޭ، 60، ބުންޏެވެ. "އާއިލާއާ ވަކިން މި ވަގުތު ހުންނަން ޖެހުނަސް ޓެކްލޮޖީގެ ފަސޭހަކަން ވަރަށް ބޮޑު. ކޮންމެ ރެއަކާއި ދުވާލަކު އެތައް ފަހަރަކު އެކިއެކި އެޕްތައް މެދުވެރިކޮށް އަންހެނުންނާއި ކުދިންނާ ބައްދަލުކޮށްލެވޭ. އެކަމަކު އެ މީހުން ގާތުގައި ނެތީމަ އެ ފިކުރު ފިރިއެއްގެ ހައިސިއްޔަތުންނާއި ބައްޕައެއްގެ ހައިސިއްޔަތުން ބޮޑު."
އޭނާ ބުނިގޮތުގައި އެކި ދުވަސްވަރު އާއިލާއާ ވަކިވެ، ހުކުމްތަކެއް ތަންފީޒުކުރަން ޖަލުގައި އޮންނަން ޖެހުމަކީ ހަޔާތުގައި ދިމާވި ލޮކްޑައުންތަކެއް ކަމަށާއި އެކަމުން ލިބުނު އެންމެ ބޮޑު އެއް ފިލާވަޅަކީ ހިތްވަރު ގަދަވުމެވެ.
"އަހަރެން ދެކެނީ ހަޔާތުގައި ދިމާވާ މިފަދަ ދަތި ވަގުތުތަކީ އެ މީހެއްގެ ހަޔާތް އިތުރަށް ހަރުދަނާކޮށް ވަރުގަދަކުރަން ލިބޭ ފުރުސަތެއް ކަމަށް. މީގައި އެންމެ މުހިއްމި ކަމަކީ ހިތްވަރާ އެކު ކަންކަމާ ކުރިމަތިލުން. އެ ހިތްވަރު މިހާރު އަހަރެންގެ ވަރަށް ބޮޑު." ޑިސެމްބަރު މަހު ރިލީޒްކުރި "ޕާނިޕަތު" ގެ އެކްޓަރު ބުންޏެވެ.
ސަންޖޭ ބުނީ ހަޔާތުގައި ވަކި މިވެނި ކަމެއް ބަދަލުކުރަން ވެސް ބޭނުން ނުވާ ކަމަށާއި އޭނާ މިހާރު ދިރިއުޅެނީ ވަރަށް އުފަލުގައި ކަމަށެވެ.
"މިހާރު މިއޮތް ލޮކްޑައުނާ ހެދިއެއް އަހަރެންގެ ދުވަހުގެ ރޫޓިންތަކަށް ވެސް މާ ބޮޑު ބަދަލެއް ނާދޭ. އެހެންވީމާ މާ ބޮޑު ހާސްކަމެއް ނެތް." ޖުލައި މަހަށް ތާވަލުކޮށްފައި އޮތް "ސަޅަކް 2" ގެ ބަތަލު ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދިވެހިން ގެ ފަރާތުން
20 April 2020
ކަލޯ ފަރިތަވާނެ އެއްނު ދޯ ޖަލުގަ އެހާދުވަހު އޮވެފި