އާޝާ ބޯސްލޭ.
25 މެއި 2020 - 09:40
ކޮރޯނާވައިރަހާ އެކު ކުރިމަތިވި މި ދަތި ހާލަތުގެ ތެރޭގައި އެންމެ ބޮޑު ބަދަލަކަށް ފާހަގަކުރެވެނީ އާއިލީ ގުޅުން ބަދަހިވުން ކަމަށާއި އެއީ ވަރަށް ބޮޑު އުފަލެއް ކަމަށް އިންޑިއާގެ އެންމެ ހުނަރުވެރި ލަވަކިޔުންތެރިންގެ ތެރޭގައި ހިމެނޭ އާޝާ ބޯސްލޭ ބުނެފި އެވެ.
އިންޑޯ-އޭޝިއަން ނިއުސް އެޖެންސީ (އިއަންސް) އަށް ދިން އިންޓަވިއުއެއްގައި 86 އަހަރުގެ ލަވަކިޔުންތެރިޔާ ބުނީ ލޮކްޑައުނާ އެކު އާއިލާ އެކީގައި ވަގުތު ހޭދަކުރަން ލިބުމަށް ވުރެ ބޮޑު އުފަލެއް ނޯންނާނެ ކަމަށެވެ.
"އަހަރެން މި އުޅެނީ ފިރިހެން ދަރިފުޅާއި ޅީދަރި އާއި މާމަދަރިއާ އެކު. މިއަށް ވުރެ ވަކި ބޮޑު އުފަލެއް ލިބޭނެތަ؟ ކުރިން ވެއްޖިއްޔާ އެކި ކަންކަމުގައި ބިޒީވުމުގެ ސަބަބުން އާއިލާގެ އެންމެންނަށް އެކީގައި ހޭދަކުރާނެ ވަގުތެއް ނުލިބޭ،" ލަވަކިޔުންތެރިޔާ ލަތާ މަންގޭޝްކަރްގެ ކޮއްކޮ ބުންޏެވެ.
އާޝާ ބުނިގޮތުގައި ޒަމާނަށް އައި ބަދަލުތަލާ އެކު ފޯނާއި އިންޓަނެޓްގެ ވަސީލަތްތައް އާންމުވިޔަސް އެގޮތަށް ގުޅުން ދެމެހެއްޓުމަކީ އެއް އިރެއްގައި ވެސް އެހާ ގަޔާވާކަމެއް ނޫނެވެ. އަދި އޭގެ ސަބަބުން އާއިލީ ގުޅުން އޮންނަން ޖެހޭ ވަރަށް ނޯންނަ ކަމަށް ބުންޏެވެ.
"އެއްތާކު އެކީގައި ވާހަކަ ދައްކާލައި ކަންކަމާ މަޝްވަރާކޮށް، ހަނދާންތައް އާކޮށް، އެއް ސުފުރާމަތިން ކައިގެން ނޫނީ އަސްލު އާއިލީ ގުޅުމެއް ނުދެމެހެއްޓޭނެ."
"އެންމެން އެކީގައި އެއް ތަނެއްގައި އުޅެގެން ނޫނީ ފުރިހަމަ އާއިލީ ގުޅުމެއް ނުލިބޭނެ. ފޯނުން ކުރާ މުއާމަލާތަކުން އެ އުފަލެއް އިހުސާސެއް ވެސް ނުކުރެވޭނެ. އެކަމަކު އެންމެން އެއް ތަނެއްގައި ތިބެގެން ވަގުތު ހޭދަކުރުމަކީ ވަރަށް އުފާވެރި ކަމެއް،" އާޝާ ބުންޏެވެ. "އެއްތާކު އެކީގައި ވާހަކަ ދައްކާލައި ކަންކަމާ މަޝްވަރާކޮށް، ހަނދާންތައް އާކޮށް، އެއް ސުފުރާމަތިން ކައިގެން ނޫނީ އަސްލު އާއިލީ ގުޅުމެއް ނުދެމެހެއްޓޭނެ."
އޭނާ ބުނީ ލޮކްޑައުންއާ ގުޅިގެން އިންޑިއާގެ އާދަކާދަތައް ވެސް އާލާވެއްޖެ ކަމަށް ގަބޫލުކުރަން ޖެހޭ ކަމަށެވެ. އާޝާ ބުނިޮތުގައި އިންޑިއާ އަކީ ޒަމާނުއްސުރެ ވެސް ބޮޑެތި އާއިލާތައް އެކީގައި އުޅުމުގެ އާދަ އާއި ސަގާފަތެއް އޮތް ގައުމެވެ. އަދި އެއީ މިހާރު ވެސް ދަމަހައްޓަން ޖެހޭ ކަމެއް ކަމަށް ބުންޏެވެ.
"އަހަންނަށް ވަރަށް ގަބޫލުކުރެވޭ މި ލޮކްޑައުންގެ ތެރޭގައި ކުރީގެ އެ އާދަ އަލުން ވަރަށް ބޮޑުތަނުން އާލާވެއްޖެ ކަމަށް. އަދި އެއީ އަބަދު ވެސް ދަމަހައްޓަން ޖެހޭ އުސޫލެއް،" އޭނާ ބުންޏެވެ. "އާއިލާއެއް އާއިލާއަކަށް ވަނީ އުފަލާއި ހިތާމައިގައި ވެސް އެކީގައި ހިއްސާވެ، ބައިވެރިވާން ފުރުސަތު ލިބޭ ނަމަ."
އާޝާ ބުނީ ޓެކްނޮލޮޖީގެ ވަސީލަތްތަކަކީ ވެސް ވަރަށް މުހިއްމު އެއްޗެއްކަން މި ހާލަތުގައި ކުރިއަށް ވުރެ ބޮޑަށް ވަޒަންކުރެވުނު ކަމަށެވެ. އެގޮތުން އިންޓަނެޓް ބޭންކިން ފަދަ ކަންކަމަކީ ދިރިއުޅުމަށް އައި ހެޔޮ ބަދަލެއް ކަމަށް ބުންޏެވެ. އަދި މިފަދަ ބަދަލުތަކަށް ސަރުކާރުން ހިތްވަރުދޭތީ އެކަމަށް މަރުހަބާކިޔާ ކަމަށް ވެސް ބުންޏެވެ.
"މިހާރު ވަރަށް ފަސޭހަ ގެންގުޅޭ މުވައްޒަފުންނަށް މުސާރަ ދިނުން ފަދަ ކަންކަން ކުރަން ވެސް. މިކަހަލަ ކަންކަމުގައި އަހަރެމެން އެބަޖެހޭ ޓެކްނޮލޮޖީ އަށް ވީހާ ވެސް ބޮޑަށް އަހުލުވެރިވާން." އާޝާ ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ލޯބިރު
26 May 2020
އަސުލުވެސް ދޯ ލޯބީ، ވަރަށް ބޮޑަށް، ހާދަ ،،،،،،،،