ޑިޖިޓަލްކޮށް ރިލީޒްކުރާ ފިލްމުތަކުގެ ޕޯސްޓަރުތައް ދައްކާލައިފި

އިންޑިއާގެ ސިނަމާތައް ބަންދުކޮށްފައިވާތީ ޑިޖިޓަލްކޮށް ރިލީޒްކުރަން ނިންމި ފިލްމުތަކެއްގެ ޕޯސްޓަރުތަކެއް ދައްކާލައފި އެވެ.


މި މަހުން ފެށިގެން އަންނަ އޮކްޓޯބަރު މަހާ ދޭތެރޭ ޑިޒްނީ ޕްލަސް ހޮޓްސްޓާ އިން ބޮލީވުޑްގެ ބޮޑު ހަތް ފިލްމެއް ރިލީޒްކުރާނެކަން މިހާރު ވަނީ ކަށަވަރުކޮށްދީފަ އެވެ.

އެ ފިލްމުތަކަކީ އަކްޝޭ ކުމާރުގެ "ލަކްޝްމީ ބޮމް" އާއި އަޖޭ ދޭވްގަންގެ "ބޫޖް: ދަ ޕްރައިޑް އޮފް އިންޑިއާ" އާއި މިދިޔަ މަހު މަރުވި އެކްޓަރު ސުޝާންތު ސިންގް ރާޖްޕޫތުގެ "ދިލް ބޭޗާރާ" އާއި އާލިއާ ބަޓްގެ "ސަޅަކް 2" އާއި އަބީޝެކް ބައްޗަންގެ "ދަ ބިގް ބުލް" އާއި ވިދުޔަތު ޖަމްވަލްގެ "ޚުދާ ހާފިޒް" ގެ އިތުރުން ކުނާލް ކޭމޫގެ "ލޫޓްކޭސް" އެވެ.

މި ފިލްމުތައް މި މަހުން ފެށިގެން އޮކްޓޯބަރާ ދޭތެރޭ ފަހަރަކު ފިލްމެއް ޑިޒްނީ ޕްލަސް އިން ހޮޓްސްޓާ އިން ޕްރިމިއާކުރަން ނިންމާފައިވާ އިރު، އެންމެ ފުރަތަމަ ގެނެސްދޭނެ ފިލްމަކީ މި މަހުގެ 24 އަށް ތާވަލުކޮށްފައިވާ "ދިލް ބޭޗާރާ" އެވެ.

ދެން ހުރި ފިލްމުތައް ޕްރިމިއާކުރާނެ ތާރީހުތަކެއް އަދި އިއުލާނެއްނުކުރެ އެވެ.

ކޮވިޑް-19އާ ހެދި އިންޑިއާގައި އިއުލާންކޮށްފައި އޮތް ލޮކްޑައުންއާ ހެދި ސިނަމާތައް ބަންދުކުރުމުން، އެންމެ ފުރަތަމަ ޑިޖިޓަލްކޮށް ޕްރިމިއާކުރި ބޮލީވުޑްގެ ފިލްމަކީ މިދިޔަ މަހުގެ 12 ގައި އެމެޒޯން ޕްރައިމް ވީޑިއޯ އިން ސްޓްރީމްކުރި އަމީތާބް ބައްޗަންގެ "ގުލާބޯ ސިތާބޯ" އެވެ.

އަދި އެ ޕްލެޓްފޯމުން ވިދިޔާ ބާލަންގެ "ޝަކުންތަލާ ދޭވީ" ވެސް ވަރަށް އަވަހަށް ޕްރިމިއާކުރާނެ އެވެ.

ޒުވާން ބަތަލާ ޖާންވީ ކަޕޫރްގެ "ގުންޖަން ސަކްސޭނާ: ދަ ކަރްގިލް ގާލް" އަކީ ނެޓްފްލިކްސް އިން ޕްރިމިއާކުރަން ހަމަޖައްސާފައިވާ ފިލްމެކެވެ.

އިންޑިއާގެ ސިނަމާތައް އަލުން ހުޅުވާނެ ކަމަށް މިހާރު ބެލެވެނީ ނޮވެމްބަރު މަހުގެ ތެރޭގަ އެވެ. އެގޮތުން ފުރަތަމަ ސިނަމާތަކުގައި އަޅުވާނެ ފިލްމަކީ އަކްޝޭގެ "ސޫރިޔާޝަންޝީ" ކަމަށް ވަރަށް ބޮޑަށް ބެލެވެ އެވެ.