05 އޯގަސްޓް 2020 - 08:36
ބޮލީވުޑުން ފުރުސަތެއް ލިބިއްޖެ ނަމަ ބޭނުން ހިފާނެ ކަމަށާއި އެކްޓަރެއްގެ ހައިސިއްޔަތުން ތަފާތު ސިނަމާތައް ތަޖުރިބާކުރަން ބޭނުންވާ ކަމަށް، ދާދި ފަހުން ނެޓްފްލިކްސް އިން ސްޓްރީމްކުރި ޕޮލެންޑްގެ ފިލްމު "365 ޑޭޒް" އިން ބޮޑު މަޝްހޫރުކަމެއް ލިބުނު އިޓަލީގެ އެކްޓަރު މިކޭލް މޮރޯން ބުނެފި އެވެ.
ޕިންކްވިލާ އަށް ދިން އިންޓަވިއުއެއްގައި 29 އަހަރުގެ އެކްޓަރު ބުނީ އެކްޓަރެއްގެ ގޮތުން އޭނާ ހުރީ ލިބޭ ކޮންމެ ރަނގަޅު ފުރުސަތެއްގެ ބޭނުން ހިފަން ތައްޔާރަށް ކަމަށެވެ.
"އެހެންވެ ބޮލީވުޑުން ހިތްހަމަޖެހޭ ކަހަލަ ހުށަހެޅުމެއް ލިބިއްޖެ ނަމަ ބޭނުން ނުހިފަންވީ އެއްވެސް ސަބަބެއް ނެތް. ހުށަހެޅުމެއް އައިސްފިއްޔާ ބޭނުން ހިފުމާ ދޭތެރޭ ވަރަށް ސީރިއަސްކޮށް ވިސްނާނަން،" މޮރޯން ބުންޏެވެ. "އަހަރެންގެ މަސައްކަތްތަކީ އެކްޓްކުރުން ކަމަށްވާތީ އެކަމަށް ލިބޭ ކޮންމެ ފުރުސަތަކަށް މަރުހަބާ ކިޔާނަން."
ކުރިން ނުލިބޭ ވަރުގެ މަޝްހޫރުކަމަކާއި ސަމާލުކަމެއް "365 ޑޭޒް" ކުޅެގެން ލިބުނު އެކްޓަރަށް ލިބި ތައުރީފުކުރާއިރު ގިނަ ބައެއްގެ ފާޑުކިޔުން ވެސް އަމާޒުވެފައިވެ އެވެ.
ސަބަބަކީ އިރޮޓިކް ރޮމޭންޓިކް ތުރިލާއެއްގެ ގޮތުގައި ގެނެސްދިން "365 ޑޭޒް" ގެ ޕްލޮޓަކީ އަންހެނެއްގެ ނާޖާއިޒު ބޭނުން ފިރިހެނަކު ހިފާ ގޮތް ދައްކުވައިދޭ ފިލްމަކަށް ވުމެވެ.
ފިލްމަށް ވަރަށް ބޮޑު ތަރުހީބެއް ލިބުނު ނަމަވެސް އޭގެ ސްޓޯރީލައިނާ ދޭތެރޭ ކަންބޮޑުވުން ފާޅުކުރި މީހުން ނެޓްފްލިކްސް އިން ފިލްމު ނަގަން ގޮވާލައި ޕެޓިޝަނެއްގައި ސޮއި ވެސް ކޮށްފައިވެ އެވެ.
ނަމަވެސް "365 ޑޭޒް" ގެ ދެވަނަ ބައެއް ވެސް ހަދަން މިހާރު ވަނީ ނިންމައިފަ އެވެ. އެކަން ކަށަވަރުކޮށް ދެމުން މޮރޯން ބުނީ ކޮވިޑް-19 ގެ ބަލިމަޑުކަމަށް ލުއި ލިބި އާންމު ހާލަތަކަށް އައުމުން ދެވަނަ ބައިގެ ޝޫޓިން ފަށަން ނިންމާފައިވާ ކަމަށެވެ. އޭނާ ބުނީ އެ ފިލްމަށް ލިބުނު ތަރުހީބާ ދޭތެރޭ ވަރަށް ހިތްހަމަޖެހޭ ކަމަށާއި ދެވަނަ ބައެއް ގެނެސްދިނުމަކީ އިތުރު އުފަލެއް ކަމަށެވެ.
ދެހާސް އަށާރައިގައި އަލަތު ކައިވެނި ރޫޅުނު އިރު ދެ ދަރިން ވެސް ލިބިފައިވާ މޮރޯން ކުޅެފައިވާ ފިލްމުތަކުގެ ތެރޭގައި މިދިޔަ އަހަރުގެ "ބާ ޖޯސެފް" ހިމެނެ އެވެ. ޕްރޮފެޝަނަލް ގިޓަރިސްޓެއްގެ އިތުރުން ލަވަ ވެސް ކިޔާ އެކްޓަރުގެ ކުރިއަށް އޮތް ފިލްމަކީ "ޑުއެޓޯ" އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy