ޝެނެލުން ލުބުނާނަށް 700،000 ޑޮލަރު ހަދިޔާކޮށްފި

ޝެނެލަކީ ލުބުނާނަށް މިހާތަނަށް އެހީދިން ހަމައެކަނި ފެޝަން ކުންފުނި

މި މަހުގެ ކުރީކޮޅު ލުބުނާންގެ ބޭރޫތުގައި ހިނގި ނުރައްކާތެރި ގޮވުމާ ގުޅިގެން ލިބުނު ގެއްލުންތަކަށް އެހީވުމުގެ ގޮތުން، ފްރާންސްގެ މަޝްހޫރު ފެޝަން ކުންފުނި ޝެނެލުން 700،000 ޑޮލަރު ހަދިޔާކޮށްފި އެވެ.


އެ ކުންފުނިން ނެރުނު ބަޔާނެއްގައި ބުނީ ފައިސާ ހަދިޔާކޮށްފައި ވަނީ ހަތަރު ޖަމިއްޔާއަކަށް ކަމަށެވެ. އެއީ ލެބަނީޒް ރެޑް ކްރޮސް އާއި ޔުނިސެފާއި އެކްޓެޑްގެ އިތުރުން އަމެލް އެސޯސިއޭޝަނެވެ. ޝެނެލަކީ ބޭރޫތުގެ ހާދިސާއާ ގުޅިގެން ފައިސާގެ އެހީ ދިން ފުރަތަމަ ފެޝަން ކުންފުންޏެވެ. އެ ކުންފުނިން ދިން ފައިސާގެ އެހީގެ ތެރެއިން 100،000 ޑޮލަރު ހަދިޔާކުރީ އަމެލްއަށެވެ. އަނެއް ތިން ޖަމިއްޔާގެ ތެރެއިން ކޮންމެ ޖަމިއްޔާއަކަށް ހަދިޔާކުރީ 200،000 ޑޮލަރެވެ.

ޝެނެލުން ނެރުނު ބަޔާނެއްގައި ބުނީ ލުބުނާނަކީ އަބަދު ވެސް ޝެނެލްއާ ވަރަށް ގާތް ގުޅުމެއް އޮންނަ ގައުމެއް ކަމަށާއި އެ ގައުމަށް ކުރިމަތިވާ ކޮންމެ ކަމެއްގައި ޝެނެލް އިން އަބަދު ވެސް ހިއްސާވާނެ ކަމަށެވެ. އަދި ބޭރޫތުގެ ހާދިސާގައި އެ ސިޓީ އަށް ލިބުނު ގެއްލުންތަކާ އެކު، އެތަނުގެ ރައްޔިތުންނަށް ދިމާވި ހިތްދަތި މި ދަނޑިވަޅުގައ ހުރިހާ ރައްޔިތުންނާ އެކު ޝެނެލް އޮތް ކަމަށް ބުންޏެވެ.

ބޭރޫތުގެ ބަނދަރެއްގެ މަތީގައި ގާސްކާނާ އަށް ބޭނުންކުރާ ޒާތުގެ ކެމިކަލެއް ކަމަށްވާ އެމޯނިއަމް ނައިޓްރޭޓް ގުދަންކޮށްފައިވާ ތަނެއްގައި މި މަހުގެ 4 ވަނަ ދުވަހު ގޮވި ނުރައްކާތެރި ހާދިސާގައި 180 އެއްހާ މީހުން މަރުވެފައިވާ އިރު، 6،000 މީހުން ޒަހަމްވި އެވެ. އަދި 300،000 މީހުންގެ ގެދޮރު ގެއްލިފައިވެ އެވެ.

މި ހާދިސާއާ ގުޅިގެން ލުބުނާނަށް އެހީދިން މަޝްހޫރު ސެލެބްރިޓީންގެ ތެރޭގައި ހޮލީވުޑްގެ މަޝްހޫރު އެކްޓަރު ޖޯޖް ކްލޫނީ އާއި އެ ގައުމަށް އުފަން އޭނާގެ އަންހެނުން އަމާލް ކްލޫނީގެ އިތުރުން ކެނެޑާގެ ލަވަކިޔުންތެރިޔާ ދަ ވީކެންޑް އަދި އެމެރިކާގެ މަޝްހޫރު މޮޑެލް ބެލާ ހަޑީޑް ހިމެނެ އެވެ.