އޭއެފްސީ 20 އަހަރުންދަށުގެ އޭޝިއަން ކަޕް ކޮލިފައިންގް ޑިވެލޮޕްމަންޓް ފޭސްގެ ގްރޫޕް ކޭގެ ފަހު މެޗުގައި، އަމިއްލަ ގައުމުގައި ކުޅުނު މިޔަންމާއިން 6-0 އިން ރާއްޖެ ބަލިކޮށް ގްރޫޕުގެ އެއްވަނަ ހޯދައިފި އެވެ.

ރާއްޖެ އާއީ މިޔަންމާގެ އިތުރުން ލަންކާ އާއި ބުރުނާއީ ހިމެނުނު ގުރޫޕްގެ މެޗުތައް ބޭއްވީ މިޔަންމާގަ އެވެ. 

މިއަދު ހަވީރު ކުޅުނު މެޗަށް ނުކުތް އިރު ވެސް، ގުރޫޕްގެ ގަދަ ދޭ ޓީމުގެ މަގާމު ކަށަވަރުކޮށް، ރާއްޖެ އާއި މިޔަންމާ ވެސް ވަނީ، ކޮލިފައިންގެ އަނެއް މަރުހަލާކަމަށްވާ، ކޮލިފިކޭޝަން ފޭސް އަށް ޕްރޮމޯޓް ވެފަ އެވެ. 

ޑިވެލޮޕްމެންޓް ފޭސްގައި ހިމެނޭނީ އޭޝިއާގެ ދަށް ރޭންކުގެ ގައުމުތަކެވެ. 

ރާއްޖޭ ދެން ވާދަކުރަން ޖެހޭ، ކޮލިފިކޭޝަން ފޭސްގެ މެޗުތައް ހާއްސަކުރާނީ 2029 ވަނަ އަހަރު ބާއްވާ އޭއެފްސީ 20 އަހަރުންދަށުގެ އޭޝިއަން ކަޕް ކޮލިފައިންގަ އެވެ. އެ މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ 2028 ވަނަ އަހަރުގެ ތެރޭގަ އެވެ.

މިހާރު ކުރިއަށްދާ މި އަހަރުގެ ކޮލިފިކޭޝަން ފޭސްގެ ގުރޫޕްތަކުގެ އެއްވަނަ އަދި ދެވަނަ ޓީމުތައް ކޮލިފައިވާނީ އަންނަ އަހަރު ޗައިނާގައި ބާއްވާ 20 އަހަރުންދަށުގެ އޭޝިއަން ކަޕަށެވެ. 

ޑިވެލޮޕްމެންޓް ފޭސްގެ ގުރޫޕް ކޭ އެއްވަނަ މިޔަންމާއިން ހޯދީ ކުޅުނު ތިން މެޗު ވެސް ކާމިޔާބުކޮށް ނުވަ ޕޮއިންޓާ އެކު އެވެ. އެ ޓީމުން 15 ޖެހި އެވެ. ބައިކޮޅަށް އެންމެ ލަނޑެއް ވެސް ނުވަދެ އެވެ. 

އަމިއްލަ ދަނޑުގައި މިޔަންމާއިން މެޗު ފެށީ ވަރަށް ނުރައްކާތެރިކޮށެވެ. މެޗުގެ 10 ވަނަ މިނެޓުގައި، އެ ޓީމުގެ ސައި ޒޮމް ޝަންގް ތަނަވަސްކޮށްދިން ފުރުސަތަކުން، ތޯ ޒިން ކޯ ވަނީ މިޔަންމާއަށް ލީޑު ނަގައިދީފަ އެވެ.

މިޔަންމާގެ ކުޅުންތެރިން ލަނޑު ޖެހުމަށް ފަހު އުފާފާޅު ކުރަނީ --- ފޮޓޯ: އޭއެފްސީ
މިޔަންމާގެ ކުޅުންތެރިން ލަނޑު ޖެހުމަށް ފަހު އުފާފާޅު ކުރަނީ --- ފޮޓޯ: އޭއެފްސީ

ރާއްޖޭގެ ގޯލްކީޕަރު ޒަހްރާން ޒިޔާދު މިޔަންމާގެ ގިނަ ހަމަލާތަކެއް ދިފާއު ވެސް ކުރި އެވެ. ނަމަވެސް، 21 ވަނަ މިނެޓުގައި ތޫރާ މިން ތަންޓް ތިރިން ފޮނުވާލި ހަމަލާ ގޯލުގެ ތިރީކަނަށް ވައްދާލައި މިޔަންމާގެ ލީޑު ފުޅާކުރި އެވެ.

ދެވަނަ ހާފު ފެށިގެން ގިނަ އިރުތަކެއް ނުވެ، މެޗުގެ 53 ވަނަ މިނެޓުގައި ތޫރާ މިން ތަންޓް ވަނީ އޭނާގެ ދެވަނަ ލަނޑު ޖަހާފަ އެވެ. އަދި އޭގެ ހަތަރު މިނެޓު ފަހުން ރާއްޖޭގެ މުހައްމަދު އިލާން އިމްރާން އަތުން ބައިކޮޅަށް ވަން ލަނޑާ އެކު ނަތީޖާ 4-0 އަށް ބަދަލުކުރި އެވެ.

މިޔަންމާއިން މެޗު ނިންމާލީ އިތުރު ދެ ލަނޑު ޖަހައިގެންނެވެ. އެއީ 71 ވަނަ މިނެޓުގައި ކައުންގް ކާންޓް ކްޔޯ ޖެހި ލަނޑާއި 86 ވަނަ މިނެޓުގައި ސުވާން ޒާ ނީ، ވައްދާލި ލަނޑެވެ.

މި ގްރޫޕުގައި ކުޅުނު އަނެއް މެޗުގައި ލަންކާއިން ވަނީ 2-0 އިން ބްރޫނައި ބަލިކޮށް، މުބާރާތުގެ ފުރަތަމަ ޕޮއިންޓްތައް ހޯދާފަ އެވެ.

ވާދަވެރި ފުރަތަމަ ހާފަކަށްފަހު، ލަންކާއިން މެޗުގެ ލީޑު ނެގީ ދެވަނަ ހާފު ފެށުނުތާ މިނެޓެއްގެ ތެރޭގަ އެވެ. ޑެލްޕާ ޗިތުރާ ފޮނުވާލި ހަމަލާއެއް ބްރޫނައިގެ ކީޕަރު މުހައްމަދު ސަފްވާން އަތުން ނެއްޓުމާ އެކު ލިބުނު ރީބައުންސް ގޯލުގެ ތެރެއަށް އޮއްސާލީ ހަލީލުﷲ ކަސީމެވެ.

ސްރީލަންކާއިން މެޗުގެ މޮޅު ކަށަވަރުކުރީ 67 ވަނަ މިނެޓުގަ އެވެ. ދެ ފަހަރެއްގެ މަތިން ގޯލުގެ އަރިމަތީ ދަނޑީގައި ޖެހިފައި ކުޅުމުގެ ތެރެއަށް ނުކުތް ބޯޅަ އޭރިއާ ތެރޭގައި ހުރެފައު ތެރެއަށް ފޮނުވާލީ މުހައްމަދު މަލީކްއެވެ.

ރާއްޖޭން ގުރޫޕްގެ ދެވަނަ ކަށަވަރު ކުރީ ލަންކާ އާއި ބުރުނާއީގެ މައްޗަށް ކާމިޔާބު ހޯދައިގެންނެވެ.