ޔޫއެފާ ޗެމްޕިއަންސް ލީގުގައި އިންޓަ މިލާނުގެ މައްޗަށް 2-1 ން ރެއާލް މެޑްރިޑް ކާމިޔާބު ހޯދި މެޗުގެ، މޮޅު ކުޅުންތެރިޔާގެ މަގާމު ލިބެންޖެހޭނީ ކީޕަރު ޓިބޯ ކޯޓުއާ އަށް ކަމަށް އެ ޓީމުގެ ކޯޗު ހޯޒޭ މޮރީނިއޯ ބުނެފި އެވެ.
މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ޔޫއެފާއިން ދިނީ ރެއާލަށް ދެވަނަ ލަނޑު ޖަހައި ދިން ފެޑެރީކޯ ވަލްވާޑޭއަށެވެ.
ރެއާލްގެ ކެޕްޓަނަށް އެ މަގާމު ދިނުން، މޮރީނިއޯ އަށް ކަމަކު ނުދިޔަ އެވެ. އޭނާ ބުނިގޮތުގައި އެ އެވޯޑް ލިބެންޖެހޭނީ ކޯޓުއާ އަށެވެ.
"މިއަދުގެ މެޗުގެ އެންމެ މޮޅު ކުޅުންތެރިޔާ ހޮވި މީހާ އޮތީ ނިދާފައި ކަންނޭނގެ. މިއަދު ކޯޓުއާއަށް އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ނުދީފިނަމަ، ދެން ދުވަހަކު ވެސް އޭނާއަކަށް އެ މަގާމެއް ނުލިބޭނެ،" ހިނިގަނޑެއް ޖަހާލުމަށް ފަހު މޮރީނިއޯ ބުންޏެވެ.
އޭނާ ބުނީ މެޗަކީ އިންތިހާއަށް އޮޅުންބޮޅުން ބޮޑު މެޗެއް ކަމަށެވެ. ރެއާލަށް ފަސް ލަނޑުން ނުވަތަ ހަ ލަނޑުން މޮޅުވުމުގެ ފުރުސަތު ވެސް އޮތް ކަމަށާއި އަދި އެއަށް ފަހު 5-5 ން އިންޓަ އަށް މެޗު އެއްވަރު ވެސް ކުރެވުނީސް ކަމަށް މޮރީނިއޯ ބުންޏެވެ.
މެޗަށް ރެއާލްގެ މުހިންމު ދެ ކުޅުންތެރިން ތިބީ ސަސްޕެންޑް ވެފަ އެވެ. މި ސީޒަނުގައި ލަލީގާގައި އެ ޓީމުން އެންމެ ރަނގަޅަށް ކުޅެމުންގެންދާ އަރުދާ ގުލާ އާއި ބެނާޑޯ ސިލްވާ ހުރީ ސަސްޕެންޑް ވެފަ އެވެ.
ބެނާޑާގެ ބަދަލުގައި މިޑްފީލްޑަށް ކުޅުވީ ޑިފެންޑަރު ޓްރެންޓް އެލްގްޒެންޑާ އާނޯލްޑެވެ. މޮރީނިއޯ ބުނީ އެ މަގާމުގައި އޭނާ އަދާކުރި ދައުރާ މެދު ހިތްހަމަޖެހޭ ކަމަށެވެ.
"ޓްރެންޓް ކުރި މަސައްކަތަށް އަހަރެން ސުކުރުއަދާކުރަން. ނަމަވެސް ފުލްބެކަކަށް ކުޅުމާއި މެދުތެރެއަށް ކުޅުމުގައި ބޭނުންވާ ފިޒިކަލް ފިޓްނަސް އާއި ސިފަތައް ތަފާތު. މެދުތެރެއަށް ކުޅުމަކީ އޭނާ އާންމުކޮށް ކޮށްއުޅޭ ކަމެއް ނޫން. ދަނޑުން ފޭބިއިރު އޭނާ ހުރީ މުޅިން ވަރުބަލިވެފައި،" މޮރީނިއޯ ބުންޏެވެ.
މެޗުގައި ރެއާލަށް ފުރަތަމަ ލީޑް ނަގައި ދިނީ ކިލިޔަން އެމްބާޕޭ އެވެ. ދެވަނަ ހާފުގައި އިންޓަގެ ލަނޑު ޖެހީ ކާލޯސް އަގްސްޓޯ އެވެ.
އެމްބާޕޭ ބަދަލުކުރަން އުޅުމުން، އޭނާ ދަނޑުން ފައިބައިގެން ދިޔައިރު، ރެއާލްގެ ސަޕޯޓަރުން އޭނާ އަށް މަލާމާތް ކުރުމުގެ ގޮތުން ތުނބުން ފުމެ އަޑުއަޑުލައްވާ ހެދި އެވެ. އެކަމާ ބެހޭގޮތުން މޮރީނިއޯ ސުވާލު ކުރުމުން އޭނާ ބުނީ ސަޕޯޓަރުންނާ ބެހޭގޮތުން ނެގެޓިވްކޮށް ވާހަކަ ދައްކަން ބޭނުން ނުވާ ކަމަށެވެ.