މިދިޔަ މަހު ވެސް ސްކޭމްގެ ގިނަ މައްސަލަތަކެއް ފުލުހުންނަށް ރިޕޯޓްކޮށްފައި ވާއިރު އެކި މައްސަލަތަކުގައި ޖުމްލަ 1.4 މިލިއަނެއްހާ ރުފިޔާގެ ގެއްލުން ލިބުނުކަން ތަފާސްހިސާބުތަކުން ދައްކައިފި އެވެ.
ފުލުހުން އިއްޔެ އާންމުކުރި މިދިޔަ މަހުގެ ސްކޭމްގެ މައްސަލަތަކުގެ ތަފާސްހިސާބުތަކުގައިވާ ގޮތުގައި، ސްކޭމްގެ ޖުމްލަ 180 މައްސަލައެއް ރިޕޯޓްކޮށްފައި ވާއިރު، އެ މައްސަލަތަކުގައި ޖުމްލަ 1.36 މިލިއަންގެ ގެއްލުން އާންމުންނަށް ލިބިފައިވެ އެވެ.
އެންމެ ގިނައިން ރިޕޯޓުކޮށްފައި ވަނީ އޮންލައިން ވިޔަފާރި ނުވަތަ އީ-ކޮމާސްއާ ގުޅުންހުރި ސްކޭމްތަކެވެ. އެގޮތުން މިދިޔަ މަހު ހުށަހެޅި ސްކޭމްގެ މައްސަލަތަކުގެ 43 ޕަސެންޓަކީ އޮންލައިން ވިޔަފާރިއާ ގުޅުންހުރި މައްސަލަތަކެވެ.
ފުލުހުން ބުނީ ފުލުހުންނާއި ކަމާބެހޭ އެހެން އިދާރާތައް އަދި މާލީ އިދާރާތައް ގުޅިގެން ކުރި މަސައްކަތުން، ގެއްލުނު ފައިސާގެ ތެރެއިން ހަ ލައްކައަށް ވުރެ ގިނަ ރުފިޔާ މިހާތަނަށް އަނބުރާ ހޯދާފައިވާ ކަމަށެވެ. އެއީ މިދިޔަ މަހު ރިޕޯޓްކުރި މައްސަލަތަކުގައި ލިބުނު ޖުމްލަ މާލީ ގެއްލުމުގެ 46 ޕަސެންޓް ކަމަށް ފުލުހުން ބުންޏެވެ.
މިދިޔަ މަހު ދުވާލެއްގެ މައްޗަށް އެވްރެޖްކޮށް ސްކޭމްގެ ހަ މައްސަލައެއް ރިޕޯޓުކޮށްފައިވެ އެވެ. އަދި ކޮންމެ މައްސަލައެއްގައި އެވްރެޖްކޮށް 7،000 އަށް ވުރެ ގިނަ ރުފިޔާގެ ގެއްލުން ލިބިފައިވެ އެވެ.
ފުލުހުން ބުނި ގޮތުގައި ސޯޝަލް މީޑިއާ އާއި އޮންލައިން ވިޔަފާރިކުރާ ޕްލެޓްފޯމްތަކާއި މެސެޖިން އެޕްލިކޭޝަންތަކުގެ އިތުރުން ނުރަސްމީ މާލީ ނެޓްވޯކްތައް މެދުވެރިކޮށް ހިންގާ ސްކޭމްތަކުގެ ސަބަބުން ކުރިމަތިވަމުންދާ މާލީ ގެއްލުން ބޮޑު ކަމަށެވެ.
މިދިޔަ މަހު ރިޕޯޓްކުރި ސްކޭމްގެ މައްސަލަތަކުގެ ތަފުސީލް
- އީ-ކޮމާސް / އޮންލައިން ވިޔަފާރި: 78 މައްސަލަ (43 ޕަސެންޓް)
- ބުކިން ކެންސަލްކޮށް ރިފަންޑް ހޯދުން: 36 މައްސަލަ (20 ޕަސެންޓް)
- އެހެނިހެން ސްކޭމްތައް: 26 މައްސަލަ (14 ޕަސެންޓް)
- ބޭރު ފައިސާ މާރުކުރުން: 20 މައްސަލަ (11 ޕަސެންޓް)
- އެހެން މީހަކަށް ހެދިގެން އޮޅުވާލުން: 20 މައްސަލަ (11 ޕަސެންޓް)
ފުލުހުން ބުނީ މިދިޔަ މަހު ސްކޭމްގެ މައްސަލަތަކުގައި ގެއްލުނު ފައިސާގެ ތެރެއިން ގިނަ އަދަދެއްގެ ފައިސާ އަނބުރާ ހޯދުމަކީ މަކަރާއި ހީލަތުގެ މުއާމަލާތްތައް ލަސްނުކޮށް ވަގުތުން ރިޕޯޓް ކުރުމުގެ މުހިންމުކަން ހާމަކޮށްދޭ ކަމެއް ކަމަށެވެ.
ސްކޭމް ހިންގާ މީހަކަށް ފައިސާ ފޮނުވިއްޖެކަން އެނގޭ ހިސާބުން އެ މުއާމަލާތެއް ހިންގި ބޭންކަކަށް ނުވަތަ މާލީ އިދާރާއަކަށް ވަގުތުން އެންގުމާ އެކު، ފުލުހުންނަށް އެ މައްސަލަ ރިޕޯޓުކުރަންވާނެ ކަމަށް ފުލުހުން ބުންޏެވެ.
މީގެ އިތުރުން މަކަރާއި ހީލަތުން އޮޅުވާލައިގެން ފައިސާ ހޯދި އެ މުއާމަލާތަކާ ގުޅޭ ހުރިހާ މައުލޫމާތުތަކެއް ރައްކާތެރިކޮށް ބެލެހެއްޓުމަކީ ވެސް މުހިންމު ކަމެއް ކަމަށް ވެސް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ ރިޕޯޓުކުރުން ލަސްވާނަމަ، މަކަރާއި ހީލަތުން ހޯދާފައިވާ ފައިސާ އެތައް އެކައުންޓަކަށް ދައުރުކޮށް، ނަގައި ނުވަތަ ރާއްޖެއިން ބޭރަށް ފޮނުވުމުގެ ފުރުސަތު ލިބި، ފައިސާ އަނބުރާ ހޯދަން އޮންނަ ފުރުސަތު ކުޑަވެގެންދާ ކަމަށެވެ.
އެހެންވެ، މާލީ މުއާމަލާތްތައް ކުރުމުގައި އަބަދުވެސް ސަމާލުވުމަށާއި ފައިސާ ފޮނުވުމުގެ ކުރިން ފައިސާ ލިބޭ މީހަކީ ކާކުކަމާއި ފައިސާ ފޮނުވާ ބޭނުން އަދި މުއާމަލާތުގެ ސައްހަކަން ކަށަވަރުކުރުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފަ އެވެ.