ރާއްޖޭގައި ހަލާލް ޓޫރިޒަމް ކުރިއަރުވައި ވިޔަފާރީގެ ފުރުސަތުތަކުގެ ބޭނުން ހިފަން ޕާކިސްތާނުގެ ސަރުކާރުން ބޭނުންވާކަން ހާމަކޮށްފައިވާ ކަމަށާއި އެ ގައުމުން ރާއްޖެއާ ދެމެދު ވައިގެ ދަތުރުުތައް ފެށުމަށް ނިންމުމަކީ ބޮޑެތި ފައިދާތަކެއް ކުރާނެ ކަމެއް ކަމަށް ޕާކިސްތާނުގައި ހުންނަވާ ދިވެހި ސަފީރު މުހައްމަދު ތޯހާ މިއަދު ވިދާޅުވެއްޖެ އެވެ.
އޭނާ އެހެން ވިދާޅުވީ، ރައީސް ޑރ. މުހައްމަދު މުއިއްޒު ޕާކިސްތާނަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން، އިސްލާމްއާބާދުގައި ހުންނަ ދިވެހި އެމްބަސީ އަށް ކުރެއްވި ޒިޔާރަތުގައި ރައީސާ ވާހަކަ ދައްކަވަމުންނެވެ.
ޕާކިސްތާންގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފުގެ ދައުވަތަކަށް ރައީސް މުއިއްޒު ޕާކިސްތާނަށް ވަޑައިގެން މިއަދު ވަނީ ރާއްޖެ އާއި އެ ގައުމާ ދެމެދު ވައިގެ ދަތުރުތައް އަލުން ފެށުމުގެ އެމްއޯޔޫއެއްގައި ސޮއިކޮށްފަ އެވެ. އަދި ޓޫރިޒަމް ކުރިއެރުވުމުގެ އެމްއޯޔޫއެއްގައި ވެސް ސޮއިކުރި އެވެ.
ސަފީރު ތޯހާ ވިދާޅުވީ، ޕާކިސްތާންގެ ވިޔަފާރި ރާއްޖެއަށް ގެންދަން އޮތް އެންމެ ބޮޑު ހުރަހަކީ ވައިގެ ދަތުރުފަތުރުތައް ކަމަށެވެ. ޕާކިސްތާނުގެ ވަރަށް ގިނަ ވިޔަފާރިވެރިން ރާއްޖޭގައި ވިޔަފާރި ފުޅާކުރަން ޓޫރިސްޓުންގެ ގޮތުގައި ދާން ބޭނުންވިޔަސް ސީދާ ފްލައިޓްތައް ނެތުމުން އެ ކަންބޮޑުވުން ފާޅުކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"ޕާކިސްތާނުގެ ކޮމާސް މިނިސްޓަރު އަޅުގަނޑު ގާތު ވިދާޅުވި ރާއްޖޭގައި ހަލާލް ޓޫރިޒަމް ސެޓްފިކެޓް ދޭން ވެސް އެ މީހުން ތައްޔާރޭ. އެ ފުރުސަތުގެ ބޭނުން ހިފަން ބޭނުންވެއޭ. އެހެންވީމާ ވައިގެ ދަތުރުފަތުރާ ގުޅޭ އެމްއޯޔޫގެ ސަބަބުން ޓޫރިޒަމް ފުޅާކުރަން ފުރުސަތު ލިބޭނެ،" ތޯހާ ވިދާޅުވި އެވެ.
ތޯހާގެ "ބިޒްނަސް ކާޑު" ރައީސް މުއިއްޒަށް ދައްކަވަމުން ވިދާޅުވީ، އޭގައި ވެސް އޮންނާނީ "ވިޒިޓް މޯލްޑިވްސް" ޖަހާފައި ކަމަށެވެ. އެއީ ވެސް ރާއްޖޭގެ ޓޫރިޒަމް ޕާކިސްތާނަށް ތައާރަފުކޮށް، ޕްރޮމޯޓް ކުރަން ކުރައްވާ ކަމެއް ކަމަށް ތޯހާ ވިދާޅުވި އެވެ.
"އެކަމަކު ހަމައެކަނި މައްސަލައަކީ ދަތުރުފަތުރު،" އޭނާ ވިދާޅުވި އެވެ.
ޕާކިސްތާނުގައި ހުންނަ ރާއްޖޭގެ އެމްބަސީގައި ވެސް ވަނީ ރާއްޖޭގެ ޓޫރިޒަމް ޕްރޮމޯޓް ކުރުމަށް ވަކި "ކޯނާ" އެއް ހަދައިފަ އެވެ.
"ރައީސް، އަޅުގަނޑުމެން ހުންނާނެ ވަކި ޑެސްކެއް އެ ކަމަށް ބަހައްޓާފައި. އަޅުގަނޑު ވަރަށް ބޮޑު އިސްކަމެއް ދޭ ކަމެއް ރާއްޖޭގެ ޓޫރިޒަމް ޕްރޮމޯޓް ކުރުމަކީ،" ސަފީރު ތޯހާ ވިދާޅުވި އެވެ.
ރައީސް މުއިއްޒުގެ ފުރަމާނަ ދަތުރުފުޅުގައި މިއަދު ވަނީ 20 އެމްއޯޔޫއެއްގައި ރާއްޖެއިން ސޮއިކޮށްފަ އެވެ. އޭގެ ތެރޭގައި ރާއްޖެ އާއި ޕާކިސްތާނާ ދެމެދު ވައިގެ ދަތުރުރައް އަލުން ފެށުމުގެ އެމްއޯޔޫގެ އިތުރުން މަސްތުވާތަކެއްޗާ ދެކޮޅަށް މަސައްކަތް ކުރުމާއި ސިއްހަތާއި ތައުލީމާއި މަސްވެރިކަމާއި ދަނޑުވެރިކަމާއި ޓޫރިޒަމް ކުރިއެރުވުމުގެ އިތުރުން ދިފާއީ އަދި ސަައިބާ ސެކިއުރިޓީއާ ގުޅޭ އެމްއޯޔޫތައް ހިމެނެ އެވެ.
ރާއްޖެ އާއި ޕާކިސްތާނާ ދެމެދު އަހަރެއްގެ ތެރޭގައި މިހާރު ކުރެވޭ 13.9 މިލިއަން އެމެރިކާ ޑޮލަރުގެ ވިޔަފާރި ކުރިއަށް އޮތް ދެ އަހަރު ދުވަހުގެ ތެރޭގައި 200 މިލިއަން ޑޮލަރަށް އިތުރުކުރުމަށް ދެ ގައުމުން އަމާޒު ހިފާފައިވާ ކަމަށް ޕާކިސްތާނުގެ ބޮޑުވަޒީރު މުހައްމަދު ޝެހްބާޒް ޝަރީފް މިއަދު އިއުލާން ކުރެެއްވި އެވެ.