ބޮޑެތި ބަލިތަކަށް ފަރުވާކުރަންޖެހޭ 28 މީހަކު މިރޭ އިންޑިއާ އަށް ފުރުވާލައިފި އެވެ.
އާސަންދަ އިން ނެރުނު ބަޔާނުގައި ބުނީ އިންޑިއާ ސަރުކާރުން ދިން ހާއްސަ ހުއްދައެއްގެ ދަށުން، ހާލުބޮޑު ބަޔަކު އިތުރު ފަރުވާ ހޯދުމަށް ފޮނުވާލާފައިވާ ކަމަށެވެ. ކުރިން ހަމަޖައްސާފައިވާ ގޮތުން 37 މީހަކު ފުރާނެ އެވެ. ނަމަވެސް އެކި ސަބަބުތަކާ ހުރެ އެ އަދަދު ވަނީ 28 އަށް މަދުވެފަ އެވެ.
އެ މީހުންނާއެކު އެހީތެރިންނާއި ދަތުރުމަތީގައި ބަލިމީހުންގެ ސިއްހީ ކަންކަން ބެލެހެއްޓުމަށް ދެ ޑޮކްޓަރުންނާއި ފަސް ނަރުހަކު ވެސް ފޮނުވާފައިވެ އެވެ.
އެންމެން ވެސް އިންޑިއާއަށް ދަނީ ވިސާ ހަމަޖައްސައި އެ ގައުމުގެ ޕަބްލިކް ހެލްތު ގައިޑްލައިނާ އެއްގޮތަށް ކޮވިޑް-19 އަށް ޓެސްޓުކޮށް ނަތީޖާ ނެގެޓިވްވުމުންނެވެ. އިންޑިއާ އިން ވެސް އެ މީހުން ކޮވިޑް-19 އަށް ޓެސްޓުކުރާނެ އެވެ. އަދި އެ ގައުމުގައި 14 ދުވަހުގެ ކަރަންޓީން ފުރިހަމަކުރުމަށް ފަހު އަނެއްކާ ވެސް ކޮވިޑް-19 އަށް ޓެސްޓުކުރާނެ އެވެ.
އާސަންދައިން ބުނި ގޮތުގައި މިރޭ ފޮނުވާލި މީހުންގެ ފަރުވާ ހަމަޖައްސާފައިވަނީ އަމްރިތާ އިންސްޓިޓިއުޓް އޮފް މެޑިކަލް ސައިންސަސް އެންޑް ރިސާޗު ސެންޓަރު (އެއިމްސް)ގަ އެވެ. ކަަރަންޓީނުގައި ތިބޭނީ ވެސް އެތަނުގެ އެކޮމޮޑޭޝަން ބްލޮކެއްގަ އެވެ. ކަރަންޓީނުގެ މުއްދަތުގައި ވެސް ފަރުވާ ކުރިއަށްދާނެ އެވެ.
ބަލި މީހުން ގޮވައިގެން ދާ ފްލައިޓު އަނބުރާ އަންނާނީ، ފަރުވާއަށް ގޮސް ރާއްޖެ ނާދެވި ތިބި ހަތް މީހަކު ގޮވައިގެންނެވެ.
"އާސަންދައިގެ ދަށުން އިންޑިއާ އަށް ދެ ވަނަ ފްލައިޓެއްގައި ދާން 50 އަށްވުރެ ގިނަ ބަލި މީހުން މިހާރު ވެސް ވަނީ ލިސްޓުކުރެވިފަ އެވެ. މީގެ ތެރެއިން ވެސް އެންމެ ކްރިޓިކަލް ބަލި މީހުން ފަރުވާއަށް ފޮނުވުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް އާސަންދައިން މިހާރު ވެސް ކުރަމުންނެވެ،" އާސަންދައިގެ ބަޔާނުގައި ބުންޏެވެ.
ކޮވިޑް-19 އިން ރައްކާތެރިވުމުގެ ފިޔަވަޅެއްގެ ގޮތުން، ރާއްޖެ އާއި އެހެން ބައެއް ގައުމުތަކުގެ ބޯޑަރު ބަންދުކޮށްފައި ވާތީ، އިތުރު ފަރުވާއަށް ބޭރަށް ދިއުމަށް ގޮންޖެހުންތައް ދިމާވި އެވެ.
ރާއްޖޭން ފަރުވާ ނުކުރެވޭ ބަލިތަކަށް ފަރުވާކުރަން އާސަންދަ އިން ފޮނުވަނީ ސްރީ ލަންކާ އާއި އިންޑިއާއަަށެވެ.